އުރީދޫގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭ ޑިޖިޓަލް ސެންޓަރެއް ރާއްޖޭގައި މިއަދު ގާއިމްކޮށް، އުރީދޫ ކަސްޓަމަރުންނަށް ބޮޑު ފަސޭހައެއް އުރީދޫއިން ގެނެސްދީފިއެވެ.

އުރީދޫ ޑިޖިޓަލް ސެންޓަރުގައި ހިމެނޭ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި، އުރީދޫގެ ޕްރީޕެއިޑް ސިމް ގަނެވޭނެއެވެ. މިއީ، ދިވެހިރާއްޖޭގައި މި ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދެވޭ ފުރަތަމަ ފަހަރެވެ.

Ad
rt

އުރީދޫން ބުނީ އެ ސެންޓަރު މެދުވެރިކޮށް، ބިލަށް ފައިސާ ދައްކައި، ރީޗާޖްކޮށް، އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ.

އުރީދޫ ޑިޖިޓަލް ސެންޓަރު މިއަދު އިފްތިތާހު ކޮށްދެއްވާފައި ވަނީ، އުރީދޫ މޯލްޑިވްސްގެ ޗެއާމަން، ޑޭމިއަން ފިލިޕް ޗަޕެލް އަދި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ހާން އެވެ.

އުރީދޫން ތައާރަފު ކުރި ޑިޖިޑަލް ސެންޓަރާ ބެހޭ ގޮތުން އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސިއީއޯ ނަޖީބް ހާން ވިދާޅުވީ، އެ ސެންޓަރުގެ ސަބަބުން އުރީދޫގެ ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

އުރީދޫން ބުނީ ޑިޖިޓަލް ދިވެހިރާއްޖޭގެ ތަސައްވުރާއި އެކު އުރީދޫން ކުރަމުން އަންނަ ގިނަގުނަ މަސައްކަތްތަކުގެ ދަށުން، އެކުންފުނީގެ ހިދުމަތްތައް އިތުރަށް ޑިޖިޓަލްކޮށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެގޮތް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.