އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާއި ދެކޮޅަށް ހަނގުރާމައެއް ކުރަމުންދިޔަ ނަމަވެސް، މި އަހަރުގެ އޮންނަ ވޯލްޑް ކަޕްގައި އީރާން "ޔަގީނުންވެސް" ބައިވެރިވާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.
ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމަ އާއި ގުޅިގެން، އޭޝިއާގެ އެންމެ މޮޅު އެއް ޓީމުގެ ގޮތުގައި 2025 ވަނަ އަހަރުގެ މާރިޗު މަހު ވޯލްޑް ކަޕުން ޖާގަ ހޯދި އީރާނަށް، އެ މުބާރާތުގައި ކުޅުމުގެ ގާބިލުކަމާއި އިޚްތިޔާރު އޮތްތޯ ވަނީ ސުވާލު އުފެދިފައެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ މުބާރާތެކެވެ. ނަމަވެސް އީރާނުން ގްރޫޕް ސްޓޭޖުގެ ތިން މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ.
މާރިޗު މަހުގެ ކުރީކޮޅު އީރާން ސަރުކާރުގެ އިސްވެރިން ވަނީ އެ ގައުމުގެ ޓީމަށް ވޯލްޑް ކަޕްގައި ނުކުޅެވިދާނެ ކަމަށާއި، އެމެރިކާއަށް ދަތުރު ނުކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އީރާންގެ މެޗުތައް މެކްސިކޯއަށް ބަދަލުކޮށްދިނުމަށް ފީފާގެ ކިބައިން އެދިފައިވެއެވެ.
އެހެންނަމަވެސް، ފީފާއިން އެ އެދުމަށް އިންކާރުކޮށް، މުބާރާތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ބުނެފައިވާކަން މެކްސިކޯގެ ރައީސް ކްލައުޑިއާ ޝީންބައުމް މިދިޔަ ހަފުތާގައި ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
"އީރާން ޓީމު ޔަގީނުންވެސް އަންނާނެ،" ވޮޝިންގްޓަން ޑީސީގައި އަންގާރަ ދުވަހު ބޭއްވި ސީއެންބީސީގެ 'އިންވެސްޓް އިން އެމެރިކާ ފޯރަމް' ގައި އިންފަންޓީނޯ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ އެ ދުވަސްވަރު އަންނަންވާއިރަށް މަސްރަހު އަމާންވާނެ ކަމަށް. އެއީ ވަރަށް ބޮޑު އެހީއަކަށް ވާނެ. އެކަމަކު އީރާން އަންނަން ޖެހޭނެ. އެމީހުން ތަމްސީލު ކުރަނީ އެ ގައުމުގެ ރައްޔިތުން. އެމީހުން ވަނީ ކޮލިފައިވެފައި. ކުޅުންތެރިން ބޭނުންވަނީ ކުޅެން." އިންފަންޓީނޯ ވިދާޅުވިއެވެ.
އީރާން ޓީމުން ތުރުކީގެ އަންޓަލްޔާގައި ބޭއްވި ޓްރެއިނިން ކޭމްޕަށް މިދިޔަ މަހުގެ ފަހުކޮޅު އިންފަންޓީނޯ ޒިޔާރަތް ކުރެއްވުމާއެކު، އެމެރިކާގައި އީރާން ކުޅުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ފެންނަކަމަށް ރިޕޯޓްތައް ބުނެއެވެ.
"މީގެ ދެ ހަފުތާ ކުރިން އަޅުގަނޑު އެމީހުންނާ ބައްދަލުކުރިން. އެމީހުން ތިބީ އަންޓަލްޔާގައި ކޭމްޕްކޮށްގެން،" އިންފަންޓީނޯ ވިދާޅުވިއެވެ.
"އެމީހުން ހަގީގަތުގައިވެސް ބޭނުންވަނީ ކުޅެން. އަދި އެމީހުން ކުޅެންވެސް ޖެހޭނެ، ކުޅިވަރު އޮންނަންވާނީ ސިޔާސީ ކަންކަމާ ދުރުގައި." އިންފަންޓީނޯ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއުޅެނީ ހަނދަކު ނޫން، މިއުޅެނީ ބިމުގައި. އެކަމަކު ގުޅުންތައް ބަދަހިކޮށް، އެ ގުޅުންތައް ދަމަހައްޓަން މަސައްކަތްކުރާނެ އެހެން ބަޔަކު ނެތް ނަމަވެސް، އަޅުގަނޑުމެން އެކަން އެބަ ކުރަން." އިންފަންޓީނޯ ވިދާޅުވިއެވެ.
ޖޫން 11 އިން ޖުލައި 19 އަށް ބާއްވާ މި މުބާރާތަށް އީރާންގެ ޓީމު އެރިޒޯނާގެ ޓޫސަންގައި ހުންނަ ޓްރެއިނިން ކޭމްޕަށް ޖޫން 10 ގެ ކުރިން ދާންޖެހެއެވެ. އީރާންގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 15 ގައި ކެލިފޯނިއާގެ އިންގްލްވުޑްގައި ހުންނަ ސޯފައި ސްޓޭޑިއަމްގައި ނިއުޒީލެންޑާ ދެކޮޅަށެވެ. އޭގެ ފަހުން ޖޫން 21 ގައި ބެލްޖިއަމާ ދެކޮޅަށް އެ ސްޓޭޑިއަމްގައި ކުޅުމަށްފަހު، ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް ނުކުންނާނެއެވެ.
އީރާން މުބާރާތުގެ ދެވަނަ ބުރަށް ހޮވިއްޖެނަމަ، އެ ޓީމުގެ ނޮކްއައުޓް މެޗުތައްވެސް ބޮޑަށް ބެލެވެނީ ބާއްވާނީ އެމެރިކާގައެވެ.
ފީފާއިން މިކަމުގައި ޔަގީންކަން ދިން ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަފާތު ވާހަކަތަކެއް ދައްކާފައެވެ. އޭނާ ބުނި ގޮތުގައި އީރާން ޓީމު އައުމަކީ އޭނާއަށް "މާ ބޮޑު ކަމެއް ނޫނެވެ". އަދި އެމީހުންނަށް މަރުހަބާ ކިޔާނެ ކަމަށާއި، ކުޅުންތެރިންނަށް ތަރިންގެ ދަރަޖަ ދޭނެ ކަމަށް ބުނެފައިވާއިރު، ކުޅުންތެރިންގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށްވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!