ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަަށް އައުމާއި އެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް އައްޔަން ކުރާނީ ކާކުތޯ ގިނަ ބަޔަކު ސުވާލު ކުރިމަތިކުރުވިއެވެ. ރާއްޖޭގެ މައި ދޮރާށި މީގެ ކުރިން އެމްޑީޕީ ވެރިކަމެއްގައި ޖީއެމްއާރަށް ދިގު މުއްދަތަށް ދޭން އުޅުނީތީ މިފެށުނު ވެރިކަމުގައި އެއާރޕޯޓްގެ ވާނެ ގޮތަކާއި މެދު ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހް އިންތިހާބު ކާމިޔާބު ކުރައްވާ ހުވާ ކުރެއްވުމުގެ ކުރިން އެމްއޭސީއެލް ހިންގުމާއި ހަވާލުވީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ)ގެ ބޮޑުބޭބޭފުޅު އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރުގެ މަގާމުގައި ހުންނެވި މޫސާ ސޯލިއެވެ. އެބޭފުޅާ ހަވާލުވީ އެކްޓިންގ އެމްޑީއެއްގެ ގޮތުގައެވެ.

މޫސާ ސޯލިހުގެ މާލިމީ ކަމުގެ ދަށުން އެއާރޕޯޓްގެ ހިންގުން ފެށުމާއި އެކު ގިނަ ބަޔަކަށް ހަމަ ނޭވާ ލެވިގެން ދިޔައީ އެއީ އެއާރޕޯޓްގައި ގިނަ ދުވަސްތަކެއް އުޅުއްވާފައިވާ ބޭފުޅެއްކަމުގައިވީތީއެވެ. އެބޭފުޅާއަކީ ރައީސް އިބޫގެ ބޮޑުބޭބޭފުޅަކަށް ވިޔަސް ކަމުގެ ތަޖުރިބާ ހުރި ބޭފުޅަކަށް ވީތީއެވެ.

Ad
rt

މާގި ދުވަހެއް ނުވެ އާ ސީޕްލޭން ޓާމިނަލްގެ ބަހުސެއް ފެށިގެންދިޔައެވެ. އޭރުވެސް ރަށުތެރޭގައި އެވާހަކަ ދެކެވޭތީ އެތައް ބަޔަކު ދިޔައީ އެސުވާލު ކުރިމަތިކުރުވަމުންނެވެ. އާ ސީޕްލޭން ޓާމިނަލް ދިގު މުއްދަތަށް ޓީއެމްއޭ އަށް ދޫކުރުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވާހަކަ ދެކެވެން ފެށިއެވެ.

"އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް"

ޖަވާބުގައި މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 09 ވަނަ ދުވަހު އެމްއޭސީއެލްއިން ޓްވީޓަކުން ބުނެފައިވަނީ ޓީއެމްއޭ އަށް ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް ކަމަށާއި އެފަދަ ވިސްނުމެއް އެމްއޭސީއެލް އިން ނުގެންގުޅޭ ކަމަށެވެ. އަދި އެ ޓާމިނަލް ހުރިހާ އޮޕަރޭޓަރުންނަށް ވެސް ބޭނުން ކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލްގެ އެކްޓިންގ އެމްޑީ ހަނު، ސިޔާސީ ފަރާތްތަކުން މިމައްސަލާގައި އަޑު ގަދަ

މިހާ ހިސާބުންވެސް މިބަހުސް ނިމުމެއް ނައެވެ. މިބަހުސްގައި އެމްއޭސީއެލް ގެ އިސްވެރިންނަށް ވުރެ ސިޔާސީ ބޭފުޅުންގެ އަޑު ގަދަވެގެން ދިޔައެވެ. އެމްއޭސީއެލްގެ އެކްޓިންގ އެމްޑީގެ އިތުރުން އިސްބޭފުޅުން ހަނު ހުންނެވުމުން އިތުރު ސުވާލުތަކެއް އުފެދިގެންދިޔައެވެ. އިދިކޮޅުން ދެއްކި ވާހާކަތަކުގެ އިތުރުން ސަރުކާރު ތެރޭގައިވެސް މިބަހުސަށް ވަދެ އަރާރުންވެ ހެދިއިރުވެސް އެމްއޭސީއެލްގެ އެކްޓިންގ އެމްޑީ ހަނު ހުންނެވިއެވެ.

ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން އެދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ނޫސްވެރިން އައީ އެކަމާއި މެދު ސުވާލު އުފައްދަމުންނެވެ. އެދުވަސް ވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރެއްވުމުން ވެސް ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން މި ސުވާލު އަމާޒުވި އެވެ. އެ މަނިކުފާނު ވެސް އޭރު ވިދާޅުވެފައި ވަނީ "ވަކި ބަޔަކަށް ޓާމިނަލް ދޭން ނިންމާފައި ނުވާ" ކަމަށެވެ.

ސީ ޕްލޭން ޓާމިނަލް އާއި މެދު އެމްއޭސީއެލް އިން ބުނަމުން އައި ގޮތް ބަދަލުވެއްޖެ! ކީއްވެ؟

ސީ ޕްލޭން ޓާމިނަލްގެ ހުރިހާ ކަމެއް އެމްއޭސީއެލް އިން ކުރާނެކަމަށް ބުނަމުން އައި އައުން ކޮންމެވެސް ސަބަބަކާއި ހުރެ ބަދަލުވެގެން ދިޔައެވެ. އެއީ ސިޔާސީ ނިންމުމެއް ކަމެއް ވިޔަފާރިވެރިންގެ ނުފޫޒުން އައި ބަދަލެއްތޯ ސާފެއް ނޫނެވެ. ސީ ޕްލޭން ޓާމިނަލް ވަރަށް އަވަހަށް ހުޅުވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި ސީ ޕްލޭން ޓާމިނަލް މިހާރު ވެސް ހިންގާ ގޮތަށް ހިންގަމުން ގޮސް ތިން އަހަރުގެ ތެރޭގައި އެމްއޭސީއެލްއާ އެއްކޮށް ހަވާލުވާނެ ކަމަށް އެމްއޭސީއެލްގެ އެކްޓިންގ އެމްޑީ މޫސާ ސޯލިޙް ވިދާޅުވުމާއި އެކު ސަރުކާރުގެ އެތެރެއިންނާއި ބޭރުން މިމައްސަލަގަނޑުގެ ތެރެއަށް ވަދެގަތެވެ. އެއްބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވާ ތުހުމަތުތައް އޮއްސާލިއެވެ.

"ޓާމިނަލް ހިންގުމުގެ މަސައްކަތްތައް އެއްކޮށް އެމްއޭސީއެލްގެ ދަށަށް ގެންނަން ވަގުތު ނަގާނެ ކަމަށް." އެމްއޭސީއެލްގެ އެކްޓިންގ އެމްޑީ މޫސާ ސޯލިޙް ވިދާޅުވުމުން ގިނަ ބަޔަކަށް ލިބިގެންދިޔައީ އިތުރު ސިހުމެކެވެ. އެމްއޭސީއެލް އެތައް ފައިދާއެއް ލިބޭނެ ކަމެއް ކުއްލިއަކަށް އެހެން ގޮތަކަށް ބަދަލުވުމުން ތަފާތު ތުހުމަތުތައް ކުރަން ފެށިއެވެ. އެތުހުމަތުތަކަށް އޮޑިޓް ރިޕޯޓަށްފަހު އިތުރަށް ބާރު ލިބިގެންދިޔައެވެ.

އެމްއޭސީއެލުން 55 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާ ޓާމިނަލް، މިހާރުގެ މާކެޓް އަގަށް ވުރެ ކުޑަކޮށް ޓީއެމްއޭއަށް ދީފި ނަމަ، އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް އެމްއޭސީއެލް އަށް ގެއްލިދާނެ ކަމަށް، އޮޑިޓަ ޖެނެރަލް ތައްޔާރުކުރެއްވި ހާއްސަ އޮޑިޓަކުން ވަނީ ހާމަވެފަ އެވެ.

އަނެއްކާވެސް އެމްއޭސީއެލްގެ ސްޓޭންޑް ބަދަލުވުން؛

އާ ސީ ޕްލޭން ޓާމިނަލުން ޖާގަ ކުއްޔަށް ދޫކުރަން ސީ ޕްލޭން އޮޕަރޭޓަރުންނާ އެކު ކުރަމުން އައި މަޝްވަރާތައް މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ޓާމިނަލް ހިންގައި ބަލަހައްޓާނީ އެ ކުންފުނިން ކަމަށް އެމްއޭސީއެލް އިން ބުނީ މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. މިހެން ނިންމީ އެމްއޭސީއެލް ނެރުނު ނޫސްބަޔާނަކުންނެވެ. މިހާހިސާބުންވެސް ޓާމިނަލްގެ މައްސަލައަށް ނިންމުމެއް ނައެވެ. ރަސްމީކޮށް ނުދޭނެކަމަށް އާންމުކުރިނަމަވެސް "ޓާމިނަލް ދޭނީތޯ ނުދޭނީތޯ" ދެފިކުރެއްގައި އުޅޭކަން ފެންމަތިވީ އެމްއޭސީއެލްގެ ވަރަށް އިސް ދެ މުވައްޒަފަކު މިދިއަ އަހަރު ފަހުކޮޅު ވަޒީފާއިން ވަކިކޮށްފައިވާކަމުގެ އަޑު ފެތުރުމާއި އެކުގައެވެ. އެހެނަސް އެވާހަކަތައް އެ ކުންފުނިން ދޮގުކޮށް ލަސްތަކެއް ނުވެ ބަޔާނެއް ނެރުނެވެ.

އެސީސީ އިން މައްސަލާގެ ތެރެއަށް ވަނުން؛

"އެމްއޭސީއެލް އިން ހަދާ އާ ސީ ޕްލޭން ޓާމިނަލުގެ ލައުންޖުން ޖާގަ ކުއްޔަށް ދޫކުރަން އޮޕަރޭޓަރުންނާ އެކު، އެ ކުންފުނިން މަޝްވަރާ ކުރަމުން އަންނަނީ މިހާރު ޖާގަ ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއްގައި"ކަމަށް އޭސީސީ ގެ ބަޔާނުގައި އާންމުކުރިއެވެ. "އަކަ މީޓަރަކަށް މަހަކު 10.35 ޑޮލަރުގެ ރޭޓުން ދީފި ނަމަ އަހަރަކު 55 މިލިއަން ޑޮލަރުގެ ގެއްލުމެއް ދައުލަތަށް ވާނެ ކަމަށާއި އަދި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަަމަށް" ބުނެ އޭސީސީ ބޮޑު ބަޔާނެއް ނެރުމާއި އެކު އެމްއޭސީއެލް ރައްދު ދިނީ ޓްވީޓަކުންނެވެ. ޓުވީޓެއްގައި ބުނެފައިވަނީ "އާ ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން ކޮންމެ އިދާރާއަކުން ވިޔަސް ކުރާ ކޮންމެ ތަހުގީގަކަށް އެ ކުންފުނީގެ އެއްބާރުލުން ލިބޭނެ ކަމަށާއި މިހާތަނަށް ވެސް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ކަމާ ގުޅޭ އިދާރާތަކަށް ދީފައިވާނެ" ކަމަށެވެ.

އެމްއޭސީއެލުން ބުނަނީ އެއްބާރުލުން ދޭކަމަށް، މަޖިލީހުގައި ދޮގުހަދާ އޮޅުވާލި ކަމުގެ ތުހުމަތު:

އެސީސީގެ ބަޔާނުން އަރައި ނުގަނެވިގެން އުޅެނިކޮށް އެމްއޭސީއެލުގެ އެކްޓިންގ އެމްޑީ ހިމެނޭހެން އެމްއޭސީއެލްގެ ބޯޑު ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރެވިފައެވެ. ޖަވާބުދާރީވާން ލިބުނު މިފުރުސަތުގައިވެސް އެކްޓިންގ އެމްޑީ ފެނިގެންދިޔައީ ވަރަށް ވަނދުކޮށްނެވެ. މިބައްދަލުވުމަށް ފަހު ވާނުވާ ސާފުވުމަށްވުރެ އިތުރު އޮޅުން ބޮޅުންތަކެއްގެ ތެރެއަށް ސީޕްލޭން ޓާމިނަލްގެ މައްސަލަ ވެއްޓިގެންދިޔައެވެ. "ސިޓީއެއްގެ މެދުވެރިކޮށް ވެވުނު އެއްބަސްވުމެއް" މެދުގައި މައްސަލަ އިތުރަށް ތާށިވިއެވެ. ސީޕްލޭން ޓާމިނަލް ހިންގުން ޓީއެމްއޭއަށް ދޫކޮށްލަން ސޮއިނުކުރި ނަމަވެސް ބޯޑުގެ މަޝްވަރާއާ އެކު އެއްބަސްވުމެއް ވެސް ލިޔެ ތައްޔާރުކުރި ކަމުގެ ވާހަކައަށް އެމްއޭސީއެލުން އިއުތިރާފްވެ ބައްދަލުވުން ނިމި އިތުރަށް ބޭޒާރުވީއެވެ.

"ސީޕްލޭން ޓާމިނަލްގެ މައްސަލަ" ނިމިއްޖެ - ހަގީގީ ކާމިޔާބެއްބާ؟

ސީޕްލޭން ޓާމިނަލްގެ މައްސަލަ ފެންމަތިކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ "ކާމިޔާބު އިއުލާން" ކޮށް ސަރުކާރުން ނެގި ފިޔަވަޅުތަކަށް މަރުހަބާ ދަންނަވާފައެވެ. "އެމްއޭސީއެލުން ބޮޑު ޚަރަދެއް ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް ޓީއެމްއޭ އަށް ދޫކުރުމަށް ބަޔަކު ކުރަމުން އައި މަސައްކަތް ނާކާމިޔާބުކޮށްލެވިއްޖެ"ކަމަށް އިއުލާންކޮށްފައެވެ.

"ކާމިޔާބު އިއުލާން" ކުރިނަމަވެސް މިމައްސަލާގައި ދޮގު ހެދިމީހުންނާއި ޒިންމާ ނަގަންޖެހޭ މީހުންނާއި ވަކި ގޮތަކަށް މައްސަލަ ނިންމަން ފައިސާ ނެގިކަމަށް ތުހުމަތު ކުރެވުނު މީހުންނާއި އެނގި ތިބެ އޮޅުވާލި މީހުންނާއި ހަނު ހުރި މީހުންނާއި އާ ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދިނުމަށް ބާރު އެޅި މީހުންނާއި ދެފަހަރު ދެގޮތަށް މިމައްސަލާގައި ވާހަކަ ދެއްކި މީހުންގެ މައްޗަށް "ހަގީގީ ކާމިޔާބު" ލިބުނުތޯ މިއަދު ސުވާލު ކުރަންޖެހެއެވެ. އެބުނާ "ބައެއް"ގެ މައްޗަށް ޤާނޫނު އަރާ ހަމަ ނުކުރަނީތޯ ސުވާލު ކުރަންޖެހެއެވެ.

"ސީޕްލޭން ޓާމިނަލްގެ މައްސަލަ" ވަކި ގޮތަކަށް ސަރުކާރުން ނިންމާ އިއުލާން ކުރިއިރުވެސް އެމްއޭސީއެލުން މިކަމަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މީގެ ކުރިން މިމައްސަލާގައި މަދުންނަމަވެސް ޓްވީޓްކޮށްލިކަމުގައިވިޔަސް މިފަހަރު ކުޑަމިނުން ޓްވީޓެއްވެސް ކޮށްފައި ނެތްކަމީ ޒިންމާދާރުކަން ކުޑަވުމުގެ އިންތިހާއެވެ. މުޅި ޤައުމު މިބަހުސްގައި އަވަދިވާއިރު އެމްއޭސީއެލުގެ މިވަގުތާއި ހަމައަށް ކޮށްފައިވާ އެންމެ ފަހު 4 ޓުވީޓަކީ އެމްއޭސީއެލުގެ މުއައްޒަފުންގެ ބިލިޔާޑު މުބާރާތުގެ ވާހަކައެވެ.

ޤައުމުގެ މައި ދޮރާށި ހިންގުމުގެ ބޮޑު ޒިންމާ ހަވާލުވެ ތިބި ބޭފުޅުންނަށް މިފަދަ ޤައުމީ ބޮޑު މައްސަލައެއް، ކުޅިވަރަކަށްވުރެ މުހިންމުވާންޖެހެއެވެ. ތިހާ ހިމޭނުން ތިބެގެން ޤައުމުގެ ދޮރާށި ބެލެހެއްޓުންވާނީ ކުޅިވަރަކަށެވެ.