ދިވެހި ފުލުހުންގެ ޚިދުމަތުން ހުޅުމާލޭގެ ފޭސް 2ގައި ހުންނަ އެމް.ޕީ.އެލް ޓަވަރެއްގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

މި ތަކެތި ފެނިފައިވަނީ ފިރިހެނަކަށް އަނިޔާކުރާ ކަމުގެ ރިޕޯޓަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔަ ވަގުތު، މަސްތުވާތަކެތި ހުރިކަމަށް ތުހުމަތު ކުރެވިގެން އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރުއެވެ.

Ad
rt

މި ހާދިސާ ހިނގާފައިވަނީ 2025 ނޮވެމްބަރ 09 ވަނަ ދުވަހުގެ ރޭ ދަންވަރު 01:31 ހާއިރުއެވެ. ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ރެސްޕޮންސް އެންޑް ޕެޓްރޯލް ޔުނިޓުން ވަނީ ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ބުނާ ރިޕޯޓަކަށް ރެސްޕޮންޑްކޮށްފައެވެ. އެޕާޓްމަންޓް ބަލައިފާސްކުރުމުގެ ތެރޭގައި، ގާނޫނާ ޚިލާފު ތަކެތި ހުރިކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން ފުޅާދާއިރާއެއްގައި ތަން ބަލައިފާސްކުރިއެވެ.

ބަލައިފާސްކުރުމުގެ ތެރޭގައި، ވަގުތީ ބަރުދަނުގައި 17.39 ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ބޮޑު ޢަދަދެއްގެ ތަކެތި ފުލުހުންނަށް ވަނީ ފެނިފައެވެ. މިހާ ބޮޑު ޢަދަދެއްގެ މަސްތުވާތަކެތި އެޕާޓްމަންޓެއްގެ ތެރެއިން ފެނުމަކީ ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން، އެވަގުތު އެޕާޓްމަންޓުގައި ހުރި މީހެއް ކަމަށްވާ މުޙައްމަދު ޖަޒުލާން އަޝްރަފު (29 އަހަރު) ވަނީ ހައްޔަރުކޮށްފައެވެ. އޭނާއަކީ ދަފްތަރު. ނަންބަރު ދރ 1786 / މާލެ، މީހެކެވެ. މުޙައްމަދު ޖަޒުލާން އަޝްރަފު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ މިހާރު ތަހުގީގު ކުރަމުން ދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.