އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި، ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން ވެސް 93 ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްޙަތު މިނިސްޓްރީން ބުނެފިއެވެ. މި އަދަދުތަކަކީ އޮކްޓޯބަރު 10 ގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން، އިސްރާއީލުގެ ޙަމަލާތަކުގައި މަރުވި މީހުންގެ އަދަދެވެ.
ޣައްޒާގެ ސިއްޙީ އޮފިޝަލުން ބުނާ ގޮތުގައި، ގޮތުގައި ރޭ ފަތިހުން ފެށިގެން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލުގެ ބާރުތަކުން މަދުވެގެން 6 ފަލަސްޠީނު މީހުންނަށް ވަނީ ވަޒަން އަމާޒުކޮށް ޒަޚަމްކޮށްލާފައެވެ.
މި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އިންސާނީ ޙާލަތު ވަނީ ނުރައްކާތެރި ޙާލަތަކަށް ވެއްޓިފައެވެ. ޔުނައިޓެޑް ނޭޝަންސްއިން ބުނާ ގޮތުގައި، ޣައްޒާގައި މަދުވެގެން 1.5 މިލިއަން މީހުންނަށް "ކުއްލި އެހީ" ބޭނުންވެއެވެ.
ހަނގުރާމައިގެ ސަބަބުން އެމީހުންގެ ގެތަކުން ބޭރުވެފައިވާ ފަލަސްޠީނު ރައްޔިތުން އަނބުރާ ގެތަކަށް ދާއިރު ފެންނަނީ ހަމައެކަނި ވީރާނާވެފައިވާ ތަންތަނެވެ. އަދި ކާނާއާއި ފެން ފަދަ އަސާސީ ބޭނުންތައް ހޯދުމަށް އަބަދުވެސް މަސައްކަތްކުރަން ޖެހޭ ކަމަށް އެމީހުން ބުނެއެވެ.
ޣައްޒާގައި މި ކަންކަން ހިނގަމުންދާއިރު، އޮކިއުޕައިޑް ވެސްޓް ބޭންކުގައި ވެސް އިސްރާއީލުގެ ޣައިރު ޤާނޫނީ އާބާދީތަކުގެ ހަމަލާތައް ވަނީ އިތުރުވެފައެވެ. އަދި، އިސްރާއީލުގެ ޣައިރު ޤާނޫނީ އާބާދީތަކުން، ވެސްޓް ބޭންކުގެ އެކި ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ ފަލަސްޠީނުންގެ ގެތަކަށާއި، މުޖުތަމަޢުތަކަށާއި، ދަނޑުބިންތަކަށް ހަމަލާދީފައިވެއެވެ. މީގެ ތެރޭގައި ޖެނިންގެ ގަވަރނަރޭޓުގައިވާ އަރަބް އަލް-އަރާއަރާ ބެދުއިން މުޖުތަމަޢުއާއި، ހެބްރޯންގެ އުތުރުގައިވާ ސޫރިފް ރަށުގެ އަލް-ޤުރައިނާތު ސަރަޙައްދު ހިމެނެއެވެ. މިއީ އިސްރާއީލީ އާބާދީތަކުގެ އަނިޔާވެރިކަން އިތުރުވަމުން އަންނަ ދަނޑިވަޅެއްކަން ވެސް ފާހަަގަކޮށްލެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން، އިސްރާއީލުން ޣައްޒާއަށް ކުރަމުންދާ ހަނގުރާމައިގައި ޝަހީދު 68,519 މީހުން މަރުވެ، 170,382 މީހުން ޒަޚަމްވެފައިވެއެވެ. 7 އޮކްޓޯބަރު 2023 ގައި ކުރެވުނު ހަމަލާތަކުގައި އިސްރާއީލުގައި ޖުމްލަ 1,139 މީހުން މަރުވެ، ގާތްގަނޑަކަށް 200 މީހުން ހައްޔަރުކުރެވުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!