ލ. މާވަށު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އާއި އިތުރު މަޝްރޫޢުތައް ހިމެނޭހެން ލ. ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭ ޤާއިމްކުރުމުގެ މަޝްރޫޢު ހިމެނޭހެން ގިނަ މަޝްރޫޢުތަކެއް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ޙަވާލުކޮށްފިއެވެ.
މި މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ލ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މާވަށަށާއި، ހިތަދޫ ކުނަހަންދޫ އަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ދެ ރަސްމިއްޔާތުގެ ތެރެއިންނެވެ.
މާވަށު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ.
އެގޮތުން މި މަޝްރޫޢުގެ ދަށުން، މާވަށު ބަނދަރުގެ 38,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއި، 445 މީޓަރުގެ މިހާރު އޮތް އެއްގަމުތޮށި މަރާމާތު ކުރުމާއި، 121 އަކަމީޓަރުގެ ސަރަހައްދެއްގައި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 226 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ އިތުރުން 2298 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫޢަކީ 300 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ، 23.46 މިލިއަން ރުފިޔާގެ މަޝްރޫޢު އެކެވެ.
މީގެ އިތުރުން ހިތަދޫ އާއި ކުނަހަންދޫގައި ކޯޒްވޭ ޤާއިމުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހައުސިންގ މިނިސްޓަރ ޑރ. އަބްދުالله މުއްތަލިބު އެވެ.
މިގޮތުން 500 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން 81.22 މިލިއަން ރުފިޔާ އަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތުގައި ކުނަހަންދޫ އާއި މެންދޫ ދޭތެރޭގައި 210 މީޓަރުގެ ކޯޒްވޭ އަކާއި، މެންދޫ އާއި ހިތަދޫ އާއި ދޭތެރޭ 75 މީޓަރުގެ ކޯޒްވޭއެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދޭތެރޭގެ ދުއްވާ ސަރަހައްދުގެ ފުޅާ މިނަކީ 7.80 މީޓަރެވެ.
މި މަޝްރޫޢުގެ ދަށުން 390 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މިއަދު މާވަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވާއިރު، އެރަށު ބިން ހިއްކުމުގެ މަޝްރޫޢުއަށް 15 ހެކްޓަރު އިތުރުކުރުމުގެ މަޝްރޫޢު ވެސް ވަނީ ފަށާފައެވެ.
މި މަޝްރޫޢުގެ މަސައްކަތާއި ގުޅިގެން އެމްޓީސީސީން ބުނެފައިވަނީ، ދެ ރަށް ގުޅުވާލުމަށް ކޯޒްވޭ ޤާއިމުކުރެވުމުން ރައްޔިތުނަށް މޫސުން ގޯސްވުމާއި ގުޅިގެން ކުރަން ޖެހޭ ދަތުރުތަކަށް ހައްލެއް ލިބި، ފަސޭހަކަމާއެކު ދެ ރަށުގެ ރައްޔިތުންނަށްވެސް އެއް ރަށުން އަނެއް ރަށަށް ދިއުމުގެ މަގުފަހި ވެގެންދާނެކަމަށެވެ. އަދި މި ކޯޒްވޭގެ ސަބަބުން އިޖްތިމާއީ ގޮތުންނާއި އިޤްތިސާދީ ގޮތުންވެސް ހެޔޮބަދަލުތަކެއް އަންނާނެކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން އެރަށު މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމާއި، އެރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތާއި އަދި ފުލުހުންގެ އިދާރާގެ އަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!