ޣައްޒާ ސިޓީ، ފަލަސްތީނު (18 އޮކްޓޯބަރު 2025)- އިސްރާއީލުގެ ސިފައިން، ފަލަސްތީނުގެ ޣައްޒާގައި، މަދަނީ އުޅަނދެއްގައި ދަތުރުކުރި އެއް ޢާއިލާގެ 11 މެމްބަރުން ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުން އަންނަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ތަކުރާރުކޮށް ޚިލާފްވެ ފަލަސްތީނުގެ އެކި ސިޓީތަކަށް ހަމަލާދީ ރައްޔިތުން ޝަހީދުކުރަމުންނެވެ.

Ad
rt

މިފަހަރުގެ ހާދިސާ ހިނގާފައިވަނީ ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އަށް ދުވަސް ވީ ފަހުންނެވެ. ޣައްޒާގެ މަދަނީ ދިފާޢީ ބާރުތަކުން ބުނާ ގޮތުގައި މިއީ ހަނގުރާމަ ހުއްޓުމަކަށް އައި ފަހުން އެންމެ ނުރައްކާތެރި އެއް ޚިލާފުވުމެވެ.

މި ހަމަލާ ދީފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑު، ޣައްޒާ ސިޓީގެ ޒައިތޫން ސަރަޙައްދުގައި އަބޫ ޝަޢަބާން ޢާއިލާގެ މީހުން ދަތުރުކުރަމުންދިޔަ މަދަނީ އުޅަނދަކަށް (ވޭނަކަށް) އިސްރާއީލު ސިފައިންގެ ޓޭންކަރަކުން ދިން ހަމަލާއެއްގައެވެ. ޣައްޒާގެ މަދަނީ ދިފާޢީ ބާރުތަކުގެ ތަރުޖަމާނު މަޙްމޫދު ބަސަލް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި ޢާއިލާގެ މީހުން ޝަހީދުކޮށްލާފައި ވަނީ އެ މީހުން އެނބުރި ޣައްޒާ އަށް އައިސް އެމީހުންގެ ގެ ބަލާލަން ދަނިކޮށެވެ. އިސްރާއީލުގެ ސިފައިން އެ ޢާއިލާ ދަތުރުކުރި ވޭނަށް ހަމަލާދިނުމުން ޝަހީދުވި މީހުންގެ ތެރޭގައި 7 ކުދިންނާއި 3 އަންހެނުން ހިމެނެއެވެ.

"އެމީހުންނަށް އިންޒާރު ދެވިދާނެ ނުވަތަ އެހެން ގޮތަކަށް ކަންތައް ކުރެވިދާނެ، މި ހާދިސާއިން ކަށަވަރުވަނީ އޮކިއުޕޭޝަން އަދިވެސް ލޭއަށް ކަރުހިއްކައިގެންފައިވާވަރު، އިސްރާއީލުން މަޢުޞޫމު މަދަނީ ރައްޔިތުންނާ ދެކޮޅަށް ޖަރީމާތައް ހިންގުމުގައި ދެމިތިބިކަން" މަޙްމޫދު ބަސަލް ވިދާޅުވެފަވެއެވެ.

ފަލަސްތީނުގެ ޙަމާސް ޖަމާއަތުން ވަނީ މިކަން ކުށްވެރިކޮށް، މިއީ "މަރުގެ އަނިޔާވެރި ޢަމަލެއް" ކަމަށް ބުނެ، އިސްރާއީލުގެ ހަމަލާ އެއްވެސް ޙައްޤެއް ނެތި މި ޢާއިލާއަށް އަމާޒުކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި މެދުވެރިންނަށް ގޮވާލާފައިވަނީ އެއްބަސްވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިޙްތިރާމްކުރުމަށް އިސްރާއީލަށް ބާރުއެޅުމަށެވެ.

ހަނގުރަމަ ހުއްޓާލައި ޣައްޒާ އިން ފޭބުމަށް އިސްރާއީލުން އެއްބަސްވެފައިވީނަމަވެސް އަދި ވެސް ޣައްޒާގެ ގާތްގަނޑަކަށް 53 އިންސައްތަ ސަރަޙައްދު ކޮންޓްރޯލް ކުރަމުން އެމީހުންގެ ބާރުގެ ދަށުގައިވާކަމަށް އިޒްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ބުނެފައެވެ.