މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް އަންނަ މަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ ކަމަށް ޔޫތުމިނިސްޓަރ އަޙަމަދު މަޙުލޫފު އެކަން އިޢުލާންކުރެއްވުމާއި ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ދެކޮޅު ހައްދަވައިފިއެވެ.

ޑރ.ބިލާލް ރާއްޖެ ވަޑައިގަންނަވަނީ ޔޫތް މިނިސްޓްރީގެ ދައުވަތަކަށެވެ. އެގޮތުން އޭނާ ރާއްޖެ ވަޑައިގަންނަވަނީ އަންނަ މަހުގެ 12 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ޔޫތު މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.

Ad
rt

ދީނީ ދަރުސް ދިނުމަށް ޖެމެއިކާގެ ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސްގެ ރާއްޖެ ގެންނަން ނިންމުމުން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އިވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް އެފަަދަ ދަރުހެއް މުހިންމު ކަމަށާއި ނަމަވެސް ބިލާލްއަކީ އެކަން ކުރަން ރަނގަޅު މީހެއް ނޫން ކަމަށެވެ. އަދި އޭނާއަކީ ހަރުކަށި ފިކުރު ފަތުރާ، އަންހެނުންނާ ދެކޮޅަށް އަނިޔާ ކުރުމަށް ހިތްވަރުދީ، ޑިމަކްރަސީއާ އިދިކޮޅު މީހެއް ކަމަށެވެ. އަދި އޭނާ ގެނައުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އީވާ އެދިވަޑައިގެންނެވިއެވެ.

މަހްލޫފުގެ ޓްވީޓަށް މެމްބަރު އިމްތިޔާޒް ފަހުމީވެސް ރައްދު ދެއްވިއެވެ. ބިލާލް ގެނައުމާ ދެކޮޅު ހައްދަވަމުން އިންތި ވިދާޅުވީ، އެ މައުޟޫއަށް ދަރުސް ދިނުމަށް ބިލާލްއަކީ ރަނގަޅު އިލްމުވެރިއެއް ނޫން ކަމަށެވެ.

"ބިލާލްގެ ހަރުކަށި ވިސްނުމާ ގުޅިގެން ވަރަށް ގިނަ ގައުމުތަކުން ވަނީ އޭނާ ވަނުން މަނާ ކޮށްފައި،" އިންތި ވިދާޅުވިއެވެ.

ޕީސް ފައުންޑޭޝަންގެ ފަރާތުން ބޭއްވި "ދަ ލެގަސީ" އިވެންޓްގައި ދަރުސްދެއްވުމަށް ރާއްޖެ ވަޑައިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް، 2017 ވަނައަހަރު އިސްލާމީ މަރުކަޒުގައި އިމާމްވެ ނަމާދުކޮށް ހުތުބާ ދެއްވާފައިވެއެވެ.

ދާދިފަހުން ރާއްޖެ އަށް ވަނީ ޒިމްބާބުވޭ މުފްތީ ޝައިހް އިސްމާއިލް އިބްނު މޫސާ މެންކް ވެސް ވަޑައިގެން ދަރުސްތަކާއި ދީނީ ޕްރޮގްރާމްތަކެއް ހިންގާއެވެ.

މެންކުގެ ދަތުރުފުޅުގައި މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައިވެސް ދަރުސްތަކެއް ދެއްވާފައިވެއެވެ.