2025 ވަނަ އަހަރުގެ ނޯބެލް ސުލްހަ އިނާމު ލިބިވަޑައިގަތީ ވެނެޒުއެލާގެ އިދިކޮޅު ސިޔާސީ ލީޑަރު މާރިއާ ކޮރީނާ މަޗާޑޯ އަށެވެ. އޭނާ އަށް މި އިނާމް ދިން ސަބަބަކީ ޑިމޮކްރަސީއަށްޓަކައި އޭނާ ކުރައްވާފައިވާ ހިތްވަރުގަދަ މަސައްކަތްޕުޅުތަކަށްޓަކައި ކަމަށް ނޮބެލް އިނާމު ކޮމެޓީން ވަނީ ބުނެފައެވެ.

މާރިއާ ކޮރީނާ މަޗާޑޯ

Ad
rt

މާރިއާ ކޮރީނާ މަޗާޑޯ ޕަރިސްކާ، 58 އަހަރު، އަކީ ވެނެޒުއެލާގެ އިދިކޮޅު ޕާޓީ، ވެންޓެ ވެނެޒުއެލާގެ ލީޑަރެވެ. މަޗާޑޯ ވަކާލާތު ކުރަނީ ހާމަކަން ބޮޑު ޑިމޮކްރަސީއަކަށާއި، ޕީޑީވީއެސްއޭ ފަދަ ސަރުކާރުގެ ކުންފުނިތައް އަމިއްލަކުރުމާއެކު ލިބަރަލް އިގްތިސާދީ އިސްލާހުތަކަށެވެ. އަދި ގައުމުގެ އެންމެ ފަގީރުންނަށް އެހީވުމަށް ވެލްފެއަރ ޕްރޮގްރާމްތައް އުފެއްދުމަށްވެސް އޭނާ ތާއީދުކުރެއެވެ.

1967 އޮކްޓޯބަރ 7 ވަނަ ދުވަހު ކަރަކަސްގައި އުފަން މަޗާޑޯއަކީ އޭނާގެ މައިންބަފައިންގެ 4 އަންހެން ދަރިންގެ ތެރެއިން އެންމެ ބޮޑު ދަރިފުޅެވެ. އޭނާ ވަނީ އިންޑަސްޓްރިއަލް އިންޖިނިއަރިންގ ޑިގްރީއަކާއި ފައިނޭންސްގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައެވެ.

3 ދަރިންގެ މަންމަ ސިޔާސީ މައިދާނަށް ނުކުތީ 2002 ގައި ސުމާޓޭ ނަމަކަށް ކިޔާ ރައްޔިތުންގެ ޖަމްއިއްޔާއެއް އުފެއްދުމާ ގުޅިގެންނެވެ. މި ޖަމްއިއްޔާގެ މަގްސަދަކީ ވެނުޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯގެ ވެރިކަމުގައި ދެބައިވެފައިވާ ރައްޔިތުން އެއްބައިވުމެވެ.

ސުމާޓޭގައި ހުރެ، އޭނާ 2002 ގައި ހިއުގޯ ޗާވެޒް ވެރިކަމުން ދުރުކުރުމަށް ރެފަރެންޑަމެއް ބޭއްވިއެވެ. މިއީ ޗާވެޒްގެ އަނިޔާވެރި ސިޔާސަތުތަކާ ދެކޮޅަށެވެ. މިކަމާ ގުޅިގެން މަޗާޑޯގެ މައްޗަށް ގައުމާ ދެކޮޅަށް ހިޔާނާތްތެރިވުމުގެ ދައުވާ އުފުލިއެވެ. އަދި ޗާވެޒްގެ ތާއީދުކުރާ ފަރާތްތަކުން އޭނާގެ އާއިލާއަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން އޭނާގެ ދަރިން ބޭރު ގައުމަކަށް ފޮނުވަން ޖެހުނެވެ. ނަމަވެސް 2013 އިން ފެށިގެން ވެރިކަމުގައި ހުރި މަދޫރޯއާ ދެކޮޅަށް މަޗާޑޯ ދެމިހުއްޓެވެ.

2023 ގައި އޭނާ ވެނެޒުއެލާގެ އިދިކޮޅު ފަރާތްތަކުގެ ރިޔާސީ ޕްރައިމަރީގައި ކާމިޔާބު ހޯދައި، 2024 ގެ އިންތިހާބުގައި މަދޫރޯއާ ވާދަކުރުމުގެ ފުރުސަތު ލިބުނެވެ. އެކަމަކު އޭގެ އަހަރެއްހާ ދުވަސް ފަހުން ވެނެޒުއެލާގެ ސުޕްރީމް ޖަސްޓިސް ޓްރައިބިއުނަލުން ވަނީ މަޗާޑޯ މަގާމުގައި ހުންނެވުމަށް ހުރަސް އެޅި މަނާކުރުމަށް ތާއީދުކޮށްފަ އެވެ. އެޓަރނީ ޖެނެރަލް ޓަރެކް ސަބް ވަނީ މަޗާޑޯގެ ޕާޓީގެ ބައެއް މެމްބަރުން 2023 ގައި މަދޫރޯއަށް ތާއީދުކުރާ ގަވަރނަރަކަށް ހަމަލާދިނުމަށް ރޭވި ސިފައިންގެ ހަތިޔާރު ފޭރުމުގެ މައްސަލައިގައި ހިމެނޭކަމަށް ތުހުމަތުކޮށްފައެވެ. އަދި ކޯޓުން ވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތާއީދުކޮށް، ކޮރަޕްޝަންގައި ބައިވެރިވެ، އެމެރިކާގެ ތެޔޮ ސާފުކުރާ ސިޓްގޯ އާއި ކޮލަމްބިއާގައި ހިންގާ ކެމިކަލް ކުންފުނި މޮނޮމެރޯސް ހިމެނޭ ގޮތަށް ވެނެޒުއެލާގެ ބޭރުގެ މުދަލަށް ފައިސާ ގެއްލިފައިވާ ކަމަށް ބުނާ ވާހަކަތަކަށް ވެސް ތާއީދުކޮށްފަ އެވެ.

އެހެންކަމުން، އެޑްމުންޑޯ ގޮންޒާލެޒް އުރުޓިއާ އިދިކޮޅު ފަރާތްތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި މަޗާޑޯގެ ބަދަލުގައި ހަމަޖެއްސިއެވެ. ނަމަވެސް މަޗާޑޯ އޭނާގެ ބަދަލުގައި ކެމްޕޭން ކުރުން ކުރިއަށް ގެންދިޔައެވެ.

މަޗާޑޯ މިހާރު ކޮބާ؟

މިއަދު، މަޗާޑޯ ވަނީ ވެނެޒުއެލާއިން ފިލާވަޑައިގެންފައެވެ. އޭނާގެ އިސް ލަފާދޭ ގިނަ ފަރާތްތައް ވަނީ ހައްޔަރުކުރެވި ނުވަތަ މަދޫރޯ އާއި އޭނާގެ ތާއީދުކުރާ ފަރާތްތަކުގެ އިންޒާރުތަކާ ގުޅިގެން ގައުމުން ފިލަން މަޖުބޫރުވީއެވެ. އުރުޓިއާ މިހާރު ހުރީ ސްޕެއިންގައި އަމިއްލައަށް އަރުވާލެވިގެންކަމަށް ބެލެވޭއިރު، އޭނާ މިހާރު ލެޓިން އެމެރިކާގެ އެހެން ގައުމުތަކުގައި ދަތުރުކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެފަވެއެވެ.

2024 ޖުލައި މަހުގެ އިންތިހާބަށްފަހު، އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދާފައިވާ ނަތީޖާއަކުން މަދޫރޯ ކާމިޔާބު ހޯދިކަމަށް އިއުލާންކުރުމާ ގުޅިގެން، މަޗާޑޯ ވަނީ މަދޫރޯގެ ވެރިކަމުގައި އޭނާގެ ފުރާނައަށް ނުރައްކާވާތީ ވެނެޒުއެލާގައި ފޮރުވިގެން އުޅޭނެކަމަށް އިއުލާންކޮށްފައެވެ.

ސުލްހައިގެ އިނާމު

ނޯބެލް ކޮމިޓީން ބުނެފައި ވަނީ މަޗާޑޯ އަށް މި އިނާމު ދިނީ، ވެނެޒުއެލާގެ ރައްޔިތުންނަށް ޑިމޮކްރެޓިކް ޙައްޤުތައް ކުރިއެރުވުމަށް ކުރައްވާފައިވާ ދެމެހެއްޓެނިވި މަސައްކަތްޕުޅަށާއި، އަނިޔާވެރި ވެރިކަމުން ޑިމޮކްރަސީއަށް ޢަދުލުވެރިކަމާއި ސުލްޙަވެރިކަމާއެކު ބަދަލުވުމަށް ކުރައްވާފައިވާ މަސައްކަތަށް ކަމަށެވެ. މިއީ ވެނެޒުއެލާގައި ޑިމޮކްރަސީއަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ތާޢީދެކެވެ.

އިސްރާއީލަށް ތާއީދުކުރާތީ ފާޑުކިޔުން

މަޗާޑޯ އަކީ އިސްރާއީލަށް ތާއީދުކޮށް ވާހަކަދައްކާފައިވާ ބޭފުޅަކަށްވާތީ އޭނާ އަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އަދި އިސްރާއީލުފަދަ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގަމުން އަންނަ ބަޔަކަށް ތާއީދުކޮށް ވާހަކަދައްކާ މީހަކަށް ސުލްހައިގެ އިނާމް ހައްގުނޫންކަމަށް ބުނާ އަޑު އަންނަނީ ގަދަވަމުންނެވެ.