މިލާން، އިޓަލީ (12 އޮކްޓޯބަރު 2025) – ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ގޮވާލާ، "ގޭމް އޯވަރ އިސްރާއީލް" ކެމްޕޭނުން އަނެއްކާވެސް، އިސްރާއީލް ޔޫރަޕްގެ ފުޓްބޯޅަ ކޮންޓްރޯލް ކުރާ އިދާރާ (ޔޫއެފާ) އިން ސަސްޕެންޑް ކުރުމަށް ގޮވާލައިފިއެވެ.

އެ ކެމްޕޭނުން މިފަހަރު މިގޮވާލުން ގޮވާލާފައި ވަނީ އިސްރާއީލްގެ ޤައުމީ ފުޓްބޯޅަ ޓީމު ވޯލްޑް ކަޕް ކޮލިފައިންގ މެޗުތަކުގައި ބައިވެރިވުމަށް ނޯވޭ އަދި އިޓަލީއަށް ދަތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ.

Ad
rt

މި ކެމްޕޭނުން ވަނީ ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި ބިލްބޯޑުތައް ބޭނުންކޮށްގެން މި މެސެޖު ފޯރުކޮށްދީފައެވެ. އެންމެ ފަހުން މި ކެމްޕޭނުން ހާމަކުރި ބިލްބޯޑު ބަހައްޓާފައިވަނީ އިޓަލީގެ މިލާނޯގައެވެ. މި ބިލްބޯޑުގައި ޔޫއެފާގެ ރައީސް އަލެކްސަންޑަރ ސެފެރިންއަށް އަމާޒުކޮށް ވަނީ ސީދާ މެސެޖެއް ދީފައެވެ. "އިސްރާއީލުން ދަނީ ނަސްލު ހަލާކުކުރުމުގެ ޢަމަލުތައް ހިންގަމުންނެވެ. އިސްރާއީލް މިހާރުން މިހާރަށް ސަސްޕެންޑް ކުރައްވާ. މިއީ ތިޔަ ފަރާތުގެ އަޚްލާޤީ ޒިންމާއެކެވެ،" މި ބިލްބޯޑުގައި ބަޔާންކޮށްފައިވެއެވެ.

ޔޫއެފާއިން އިސްރާއީލް ފުޓްބޯޅަ އެސޯސިއޭޝަން (އައިއެފްއޭ) ސަސްޕެންޑް ކުރުމަކީ ޤާނޫނީ ގޮތުން މުހިންމު އަދި އަވަސް ފިޔަވަޅެއް ކަމަށް ކުރީގެ އދ. ގެ ފަލަސްތީނާބެހޭ ޚާއްޞަ ރިޕޯޓަރު ޖޮން ޑުގާޑް ބުނެފަވެއެވެ. ޑުގާޑް އިތުރަށް ބުނީ، އިސްރާއީލުގެ ޓީމުތައް ބައިވެރިކުރުވަމުން ގެންދިއުމުން، ޔޫއެފާއަށް ހަނގުރާމައިގެ ކުށްތައް ޢާންމުކުރުމުގައި ބައިވެރިވާ ފަރާތަކަށް ވުމުގެ ނުރައްކާ އެބައޮތް ކަމުގައެވެ.

"އަޅުގަނޑުމެން ތިޔަ ފަރާތަށް ގޮވާލަނީ ކުޅިވަރުގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށާއި، އިސްރާއީލުން ނަސްލު ހަލާކުކުރުމުގެ ޢަމަލުތަކާއި ޤާނޫނާ ޚިލާފު އޮކިއުޕޭޝަން ނިމުމަކަށް ގެނެސް، ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރަން ފަށަންދެން، އައިއެފްއޭ އާއި އެ ފަރާތާ ގުޅުންހުރި އެންމެހައި ޓީމުތައް ޔޫއެފާގެ މުބާރާތްތަކުން ވަގުތުން ސަސްޕެންޑް ކުރުމަށެވެ." ޑުގާޑް އިތުރަށް ވަނީ ގޮވާލާފައެވެ.

ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކުގެ އިތުރުން، އިސްރާއީލުން ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އޮކިއުޕައިޑް ވެސްޓް ބޭންކުގައި ޤާއިމުކޮށްފައިވާ ސެޓްލްމަންޓްތަކުގައި އުފެދިފައިވާ ޓީމުތަކަކަށް ފީފާގެ ޤަވާއިދުތަކާ ޚިލާފަށް އިސްރާއީލުގެ ޕްރޮފެޝަނަލް ލީގުތަކުގައި ވާދަކުރުމުގެ ފުރުޞަތު ދީފައެވެ.

ފީފާ އަދި ޔޫއެފާއިން ވަނީ 2022 ވަނަ އަހަރު ރަޝިޔާގެ ޔުކްރޭނަށް ދިން ޙަމަލާގެ ސަބަބުން، އެ ޤައުމުގެ ޓީމުތައް ބައިނަލްއަޤްވާމީ މުބާރާތްތަކުން ސަސްޕެންޑް ކޮށްފައެވެ. މިކަމުގެ ސަބަބުން، އިސްރާއީލާ މެދުވެސް މިފަދަ ފިޔަވަޅެއް އެޅުމަށް ގޮވާލުންތައް ވަނީ އިތުރުވެފައެވެ.