ހުކުރުދުވަހަކީ އިސްލާމީ ޝިޢާރުތަކުގެ ތެރެއިން ވަރަށް މުހިންމު ޝިޢާރެކެވެ. މި ދުވަހަކީ މުސްލިމުންގެ ހަފްތާގެ އެއްވުމުގެ ދުވަސް ކަމުގައިވާއިރު، މި ދުވަހުގެ މާތްކަމާއި ޚާއްޞަކަން ވަނީ ޤުރުއާނާއި ސުންނަތުން ސާބިތުވެގެންވެއެވެ.

އިބްނުލް ޤައްޔިމް ވިދާޅުވެފައިވަނީ ހުކުރު ދުވަހަކީ ދުވަސްތަކުގެ ސަރުދާރު ކަމުގައެވެ. އަދި މި ދުވަހު ކިޔަވާ ޞަލަވާތަށް އެހެން ދުވަސްތަކާ ތަފާތު މާތްކަމެއް ލިބިގެންވެއެވެ. މިއީ އާދަމްގެފާނު އުފަންވެވަޑައިގަތް އަދި އަވަހާރަވި ދުވަހެވެ. އަދި ޤިޔާމަތް ދުވަހު ތާޅަފިލި ފުމެލެވޭނެ ދުވަހަކީވެސް މި ދުވަހެވެ. އެހެންކަމުން މި ދުވަހަކީ އެހެން ދުވަސްތަކާ ޚިލާފަށް ޚާއްޞަ މާތްކަމެއް ލިބިގެންވާ ދުވަހެކެވެ.

Ad
rt

ހުކުރު ދުވަހުގެ ފަތިސް ނަމާދަކީ އެންމެ މާތް ނަމާދުކަމުގައި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. އަދި ސޫރަތުލް ކަހްފު ކިޔެވުމުގެ މާތްކަމާއި، ހުކުރު ދުވަހު ހިނައިގަތުމާއި، އެންމެ ރަނގަޅު އައު ހެދުން ލުމުގެ މުހިންމުކަން ބަޔާންކުރައްވާފައިވެއެވެ. މިކަންކަން ފުރިހަމަކޮށް މިސްކިތަށް ދާ މީހާއަށް ދެ ހުކުރުގެ ދެމެދުގައިވާ ފާފަތައް ފުއްސެވޭނެއެވެ.

މީގެއިތުރުން މިސްކިތަށް އަވަހަށް ދިއުމުގެ މާތްކަން ބަޔާންކުރައްވާފައިވެއެވެ. މިސްކިތުގެ ދޮރުތަކުގައި މަލާއިކަތުން ތިއްބަވައި، އަވަހަށް އަންނަ މީހުންގެ ނަންތައް ލިޔުއްވައެވެ. އިމާމު ހުތުބާ ދޭން ފެށުމުން، އެ މަލާއިކަތުން ޚުޠުބާ އަޑުއެއްސެވުމަށް ވަޑައިގަންނަވައެވެ. ޒަރަކްޝީ ވިދާޅުވެފައިވަނީ މުސްލިމުން އެންމެ ފުރަތަމަ ދޫކޮށްލި ސުންނަތަކީ ހުކުރަށް އަވަހަށް މިސްކިތައް ދިއުން ކަމުގައެވެ.

ހުކުރު ދުވަހުގައި ދުޢާ ޤަބޫލުވާ ޚާއްޞަ ވަގުތެއް ވެއެވެ. ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ވަގުތަކީ ޢަޞުރު ނަމާދަށްފަހު އިރުއޮއްސެންދެން އޮންނަ ވަގުތެވެ. މި ވަގުތުގައި ކުރާ ދުޢާ ﷲ ސުބުޙާނަހޫ ވަތަޢާލާ ޤަބޫލުކުރައްވާނެކަމުގެ ވަޢުދު ވަނީ ދެއްވާފައެވެ.

ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ "ހުކުރު ދުވަހުގައި 12 ވަގުތު ވެއެވެ. އޭގެ ތެރެއިން އެއް ވަގުތުގައި މުސްލިމަކު އަﷲ އަށް ދުޢާ ދަންނަވައިފިނަމަ، އެ ދުޢާ ޤަބޫލުކުރައްވާނެއެވެ. މި ވަގުތު ހޯދުމަށް ޢަޞުރު ނަމާދަށްފަހު އެންމެ ފަހު ވަގުތުގައި މަސައްކަތް ކުރާށެވެ." މި ޙަދީޘް ރިވާކުރައްވާފައިވަނީ އަބޫ ދާވޫދެވެ. މުފައްޟަލް ބިން ފުޟާލާ (ރަޙިމަހުﷲ) ހުކުރު ދުވަހު ޢަޞުރު ނަމާދު ކުރެއްވުމަށްފަހު، މިސްކިތުގެ ކަނެއްގައި އެކަހެރިވެ އިރުއޮއްސެންދެން ދުޢާ ކުރައްވަމުން ގެންދަވައެވެ.

ޠާވޫސް ބިން ކައިސާން (ރަޙިމަހުﷲ) ހުކުރު ދުވަހު ޢަޞުރު ނަމާދު ނިންމެވުމަށްފަހު، ޤިބްލައަށް ކުރިމަތިލައްވައި އިރުއޮއްސެންދެން އެއްވެސް މީހަކާ ވާހަކަ ނުދައްކަވައެވެ. އެ ބޭކަލުންގެ ދަރިކަލުން ވިދާޅުވިއެވެ: "އަހަރެންގެ ބައްޕަ، ހުކުރު ދުވަހު ޢަޞުރު ނަމާދަށްފަހު ދުޢާ ޤަބޫލުވާ ވަގުތު ހޯއްދަވައެވެ. އަދި އެ ބޭކަލުން އަވަހާރަވީވެސް އެ ބޭކަލުން ލޯބިކުރެއްވި ވަގުތުގައެވެ. އެއީ ހުކުރު ދުވަހެއްގެ ޢަޞުރު ނަމާދަށްފަހުއެވެ."

ހުކުރު ނަމާދަކީ ކޮންމެ މުސްލިމަކަށްވެސް ވާޖިބުވެގެންވާ ނަމާދެކެވެ. މި ނަމާދު ޖަމާޢަތުގައި އަދާކުރުމަކީ އިސްލާމްދީނުގެ އެންމެ މުހިންމު ޝިޢާރުތަކުގެ ތެރެއިން ޝިޢާރެކެވެ. ހުކުރު ނަމާދަށް ހާޒިރުވާ މީހާއަށް ދެ ހުކުރުގެ ދެމެދުގައިވާ ކުދިފާފަތައް ފުއްސެވޭނެކަމުގެ އުފާވެރި ޚަބަރު ވަނީ ދެއްވާފައެވެ.

ހުކުރުދުވަހަކީ މުސްލިމުންގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް އެއް ދުވަހެވެ. މި ދުވަހުގެ ސުންނަތްތައް ދިރުވައި، އޭގެ މާތްކަން ހިތުގައި ޖެއްސުމަކީ ކޮންމެ މުސްލިމެއްގެވެސް ޒިންމާއެކެވެ.