ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދާ އުޅަނދުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިޓަލީވިލާތުން އެޤައުމުގެ ނޭވީގެ އިތުރު މަނަވަރެއް ފޮނުވާނެކަމަށް ބުރާސްފަތި ދުވަހު ބުނެފިއެވެ.

އިޓަލީގެ ދިފާޢީ ވަޒީރު ގުއިޑޯ ކްރޮސެޓޯ ވިދާޅުވީ، ޣައްޒާއަށް އެހީއާއި އެކްޓިވިސްޓުން އުފުލާ ގްލޯބަލް ސުމޫދު ފްލޮޓިލާއަށް ރައްކާތެރިކަން ދިނުމަށް އިޓަލީވިލާތުން ދެވަނަ އަސްކަރީ މަނަވަރެއް ފޮނުވާނެކަމަށް ވިދާޅުވެފައެވެ.

Ad
rt

އިއްޔެ އިޓަލީއާއި ސްޕެއިނުން ވެސް ބުނެފައި ވަނީ ބައިނަލްއަޤްވާމީ ކަނޑުތަކުގައި ޑްރޯން ހަމަލާތަކަށް ތަކުރާރުކޮށް ނިޝާނަކަށްވެފައިވާ ފްލޮޓިލާ ރައްކާތެރިކުރުމަށް ހަނގުރާމަމަތީ މަނަވަރުތައް ފޮނުވާނެ ކަމަށެވެ.

އިސްރާއީލުގެ ޚާރިޖީ މިނިސްޓްރީން ވަނީ ފްލޮޓިލާއަށް ޣައްޒާގެ ކަނޑުތަކުން ދުރުހެލިވުމަށް އަމުރުކޮށް، ބަނޑަށްޖެހިފައިވާ ފަލަސްޠީނު ސަރަޙައްދަށް އެޅިފައިވާ ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް އެއްވެސް މަސައްކަތެއް ކުރުމަށް "ހުއްދަ ނުދޭނެ" ކަމަށް ބުނެފައެވެ.

ޖީ.އެސް.އެފް (ގްލޯބަލް ސުމޫދު ފްލޮޓިލާ) ގެ ނަމުގައި އޮޕަރޭޓްކުރާ މި ބޯޓުފަހަރުގައި 50 އަށްވުރެ ގިނަ އާންމު ބޯޓު ހިމެނެއެވެ. މި ބޯޓުފަހަރުގެ މަޤްޞަދަކީ އިސްރާއީލުން ޣައްޒާ ސަރަޙައްދު ވަށައިގެން ކަނޑުމަގުން ހިންގަމުންދާ ބްލޮކޭޑް ނައްތާލުމެވެ. ބޯޓުފަހަރުގައި ވަކީލުންނާއި އެކްޓިވިސްޓުންގެ އިތުރުން، ސްވިޑަންގެ ތިމާވެށީގެ ކެމްޕޭނަރ ގްރޭޓާ ތުންބާގް ވެސް ހިމެނެއެވެ.