އަންނަ އަހަރު ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭއިރު، އިސްލާމީ އަދި ޤައުމީ ރޫޙު އާލާވާނެ ޙަރަކާތްތަކެއް ހިމަނައިގެން ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިކަން ރައީސް ފާހަގަކުރެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ފޮނުއްވި ޚިޠާބުގައެވެ.

Ad
rt

ރައީސް މުއިއްޒުގެ ޚިޠާބުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހީންގެ ގައުމީ ހަޔާތަށް އެންމެ ބޮޑު ބަދަލެއް ގެނުވި އިލާހީ ނިއުމަތަކީ، ހުރިހާ ރައްޔިތުން އިސްލާމްދީން ގަބޫލުކޮށް، ދިވެހީންގެ އުޅުމާއި ގުޅުންތައް އެ ދީނުގެ އުސޫލުތަކުގެ މައްޗަށް އަނބުރައިލުމެވެ. އަދި މީގެ 899 އަހަރުކުރީން ރާއްޖެ އިސްލާމްވި ހާދިސާއިން ގިނަ އިބުރަތްތައް ހާސިލުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ދިވެހިން ވަނީ ސައްތައިން ސައްތަ މުސްލިމުންގެ ގޮތުގައި ދެމިތިބެ، އިސްލާމްދީން ނޫން އެހެން ދީނަކަށް މި ބިމުން ޖާގަ ނުދީއެވެ. އަދި އިސްލާމީ އުސޫލުތަކާ ބީރައްޓެހި ކޮންމެ ކަމެއް މި ފަސްގަނޑުން ލުހެލުމުގެ ސާބިތު ޢަޒުމުގައި ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖެ އިސްލާމްވުމަށް މެދުވެރިކުރެއްވި ޙިކްމަތްތެރި ޢިލްމުވެރިޔާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީއާއި، އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އިސްލާމްދީނުގެ ޝިޢާރުތައް މި ދީބުގައި ނެގެހެއްޓެވި ރަސްރަސްކަލުންނާއި ވެރީންނާއި، ޢާލިމުންނާއި، އެދުރުންނާއި، ހެޔޮކަންކަމަށް މަގުދެއްކެވުމުގައި ހިންމަތްކުރެއްވި ކޮންމެ މުރައްބީއެއްގެ ޛިކުރާ އައުކޮށް، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އެއިން ކޮންމެ އަޚަކާއި އުޚްތަކުމެ ލަހައްޓަވައި، ދަރުމަ އިތުރުކޮށްދެއްވުން އެދި ހެޔޮ ދުޢާކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، އިރާދަކުރެއްވިއްޔާ، އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.