ޕޯޗުގަލުން ވެސް ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފިއެވެ.
މިކަން އިއުލާނު ކުރީ އެ ގައުމުގެ ޚާރިޖީ ވަޒީރު ޕައުލޯ ރަންގެލް އާދީއްތަ ދުވަހުއެވެ.
ނިއު ޔޯކުގައި ހުންނަ އދ. އަށް ޕޯޗުގަލްގެ ދާއިމީ މިޝަންގެ މަރުކަޒުގައި ނޫސްވެރިންނާ މުޚާޠަބުކުރައްވަމުން ރަންގެލް ވިދާޅުވީ ފަލަސްޠީނު ދައުލަތް ގަބޫލުކުރުމަކީ ޕޯޗުގަލްގެ ޚާރިޖީ ސިޔާސަތުގެ އަސާސީ، ދެމެހެއްޓެނިވި އަދި މުހިންމު ސިޔާސަތެއް ތަންފީޒުކުރުން ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރަންގެލް ވިދާޅުވީ ދެމެހެއްޓެނިވި އަދި ޢަދުލުވެރި ސުލްޙައަކަށް ވާސިލުވުމަށް ހަމައެކަނި އޮތް މަގަކީ ދެ ދައުލަތުގެ ހައްލު ކަމަށް ޕޯޗުގަލުން ދެކޭ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމަކީ ކޮންމެހެން ބޭނުންވެފައިވާ ކަމެއް ކަމަށާއި، ހަމާސްއަށް ޣައްޒާގެ ތެރޭގައި އަދި ބޭރުގައިވެސް އެއްވެސް ބާރެއް އޮވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ ރަހީނުން ދޫކޮށްލުމަށް ގޮވާލެއްވިއެވެ.
ޚާރިޖީ ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފަލަސްޠީނު ދައުލަތް ގަބޫލުކުރުމަކުން ޣައްޒާގައި ދިމާވެފައިވާ އިންސާނީ ކާރިސާ ފޮހެވިގެނެއް ނުދެއެވެ. އަދި އެ ސަރަޙައްދުގައި ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމާއި، ހަލާކުވުމާއި، ވެސްޓް ބޭންކުގައި އިސްރާއީލީ މީހުން ދިރިއުޅޭ ސަރަޙައްދުތައް ފުޅާކުރަމުންދާ ކަންތައްތައް އޭނާ ކުށްވެރިކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ ޕޯޗުގަލުން ފަލަސްޠީނު ދައުލަތް ގަބޫލުކޮށްފައިވަނީ އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިއާ ފަދަ ބޮޑެތި ގައުމުތަކާ އެކުގައި ކަމެވެ. މިއީ ފަލަސްޠީނު ދައުލަތަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!