އެމެރިކާގެ ކޮންޒަވޭޓިވް އެކްޓިވިސްޓް އަދި އިސްރާއީލަށް ވަރުގަދައަށް ތާއީދުކޮށް އަޑުއުފުލި ފަރާތެއް ކަމުގައިވާ ޗާލީ ކާކް، ޔޫޓާ ވެލީ ޔުނިވަރސިޓީގެ ޑިބޭޓެއްގެ ތެރެއިން ގަޔަށް ބަޑިޖަހާ ބުދަ ދުވަހު މަރާލާފައިވާއިރު އޭނާގެ އަންހެނުންގެ މެސެޖެއް މިއަދު އާންމުކޮށްފިއެވެ.
ޓާނިންގ ޕޮއިންޓް ޔޫއެސްއޭ (ޓީޕީޔޫއެސްއޭ)ގެ ބާނީ އަދި ސީއީއޯ، 31 އަހަރުގެ ޗާލީ ކާކް އަކީ މުސްލިމުންނާ ދެކޮޅަށް ނަފުރަތު އުފައްދައި، އިސްލާމް ދީނާއި ދެކޮޅު ކެމްޕޭން ވަރަށް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ މީހެކެވެ. އަދި އޭނާ އައީ ޣައްޒާ ހަނގުރާމާގައި އިސްރާއީލް ދިފާޢުކޮށް، އިސްރާއީލުން ޣައްޒާގެ ބިމުގައި ހިންގަމުންދިޔަ ނަސްލު ނައްތާލުމާއި، ބިމާއި މުދާ ފޭރުމާއި ގަތުލު އާންމަށް ހިތްވަރުދެމުންނެވެ.
2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ހިސާބަށް، ޣައްޒާގެ ސިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާ ހަނގުރާމައިގައި 64,700 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވެއެވެ.
2025 ވަނަ އަހަރުގެ ޖަނަވަރީ މަހު "ދަ ލޭންސެޓް" ގައި ޝާއިޢުކުރެވުނު މިނިވަން ދިރާސާއެއްގައި ލަފާކުރެވިފައިވާ ގޮތުގައި 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ހަނގުރާމައިގެ ސަބަބުން ލިބުނު އަނިޔާތަކުން ޝަހީދުވި މީހުންގެ އަދަދު 70,000 އަށްވުރެ އިތުރުވެދާނެއެވެ. މިއިން ދޭހަވަނީ ބިމާހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ތެރެއިން ހަށިގަނޑުތައް ނެގުމަށް ދަތިވުމުގެ ސަބަބުން ރަސްމީ އަދަދުތައް މަދުވެފައި ހުރެދާނެކަމެވެ. ގިނަ މަޞްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި ކުޑަކުދިން މަރުވެފައިވާ އަދަދު ވަރަށް މަތިވެފައިވެއެވެ. 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު "ސޭވް ދަ ޗިލްޑްރަން" އިން ބުނެފައިވާ ގޮތުގައި މި ހަނގުރާމައިގައި 20,000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވެއެވެ. ޣައްޒާގެ ސިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ޖުމްލަ މަރުވި މީހުންގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ކުޑަކުދިންނެވެ. ބައެއް ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި ޖުމްލަ މަރުވި މީހުންގެ ތިންބައިކުޅައެއްބައި އަކީ ކުޑަކުދިންނެވެ. ޔުނިސެފުން ހާމަކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މި ހަނގުރާމައިގައި 50,000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެ ނުވަތަ ޒަޚަމްވެފައިވެއެވެ.
ކަންމިހެން ހުރިނަމަވެސް، ޗާލީ ކާކްގެ އަންހެނުން ވިޑޯވް އެރިކާ ޕޯޑިއަމް ކައިރީ ހުރެ ދެއްކި ވާހަކާގައި ޗާލީ މަރުވުން ދަރިފުޅަށް ލިބޭނެ ނިކަމެތިކަން ފާހަގަކޮށް ރޮލުން ކަރުނަ އެޅިއެވެ.
''އިއްޔެ ރޭ އަހަރެން ގެއަށް ދިޔަމުން އަހަރެމެންގެ ދަރިފުޅު ޖީޖީ، ދުވެފައި އައި. އޭނާ ބުނި މަންމާ، މަންމަ މިސްވެއްޖެއޭ، އަހަރެން ބުނިން މަންމަވެސް ދަރިފުޅު މިސްވެޔޭ، ދެން އޭނާ އަހާލި ބައްޕަ ކޮބާ؟، ތިން އަހަރުގެ ކުޑަކުއްޖަކަށް ކޮން ޖަވާބެއް ދޭނީ، އަހަރެން ބުނިން، ދަރިފުޅާ، ބައްޕަ ވަރަށް ލޯބިވޭ. ކަންބޮޑުނުވޭ. ބައްޕަ މިހާރު އީސާގެފާނާއެކު މަސައްކަތު ދަތުރެއްގައި." އޭނާ ކަރުނަ ފޮހެމުން ބުންޏެވެ.
ޗާލީގެ އަންހެނުން ސިފަކުރިގޮތުގައި ޗާލީ ކުރަމުން ދިޔައީ އީސާއީ ދީންކުރި އެރުވުމުގެ މަސައްކަތެވެ. އަދި އޭނާ ކުރަމުން ދިޔައީ ހަމައެކަނި ސިޔާސީ ''ހަނގުރާމައެއް'' ނޫންކަމަށާއި، އެއީ ''ރޫހާނީ ހަނގުރާމައެއް'' ކަމަށް ޗާލީގެ އަންހެނުން ބުންޏެވެ.
''އަހަރެންނަށް އެނގޭ އަހަރެންގެ ފިރިމީހާ އަދިވެސް މިތާ އެބަހުރިކަން. އޭނާ އަހަރެމެން ބަލަހައްޓަމުން ގެންދޭ. އިއްޔެ ރޭ އަހަރެންނަށް ނިދިނުލިބުނު. ޗާލީ، އަހަރެންގެ ލޯބިވާ ޗާލީ، އަހަރެން ވަޢުދުވަން، ތިބާގެ ތަރިކަ މަރުވިޔަ ނުދޭނަން. ޓާނިންގ ޕޮއިންޓް ޔޫއެސްއޭ މި ޤައުމުގައި އެންމެ ބޮޑު ޖަމްޢިއްޔާއަށް ހަދާނެކަމަށް އަހަރެން ވަޢުދުވަން.'' ޗާލީގެ އަންހެނުން ބުނެފަވެއެވެ.
ޗާލީ ކާކުގެ އަންހެނުން އެރިކާގެ މި ވާހަކަތައް ''ބާރު ގަދަ މެސެޖެއް'' ގޮތުގައި ހުޅަނގުގެ މީޑިއާތަކުން އަންނަނީ ޕްރޮމޯޓް ކުރަމުންނެވެ.
ޗާލީ އަކީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެސް ވަރަށް ގާތް އެކުވެރިއެކެވެ. އަދި މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރުމުގެ ބޮޑު މަދަދުގާރެކެވެ.
ބުދަ ދުވަހު ބަޑި ޖަހައި ޗާލީ މަރާލީ އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށްވާ ޓައިލާ ރޮބިންސަން ކިޔާ މީހެއް ކަމަށް އެމެރިކާގެ ތަހުގީގީ އިދާރާއިން އިއްޔެ ވަނީ ބުނެފައެވެ. ޔޫޓާއަށް ނިސްބަތްވާ ރޮބިންސަން ހައްޔަރުކުރީ ހަމަލާ ދިން ކަމަށް އޭނާގެ ބައްޕަ ގާތު ބުނުމާ އެކު އޭނާ ގެންގޮސް ފުލުހުންނާ ހަވާލުކުރުމުން ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!