ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމާއެކު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިސްވެއޮވެ ތުރުކީގެ އައިއެޗްއެޗް އާއި އިނގިރޭސިވިލާތުގެ އޮލިވް ގްރޯވް ފައުންޑޭޝަންއާއި ގުޅިގެން ސީރިޔާގެ އިދްލިބްގައި ބިނާކުރި އަލޫކާ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިގޮތުން ވަކިވަކި ކުދިންނަށް ސްޕޮންސާކުރެވޭގޮތަށް ހުޅުވާލި މި ފުރުޞަތުގައި އެއް ބޭފުޅަކަށް އެއްކުޖަކަށް ވުރެ ގިނަ ކުދިންނަށްވެސް ސްޕޮންސާ ކުރުމަށް ފުރުޞަތު އެބައޮތްކަމުގައި އައިއޭސީ ފަރާތުން މަޢުލޫމާތު ދެއްވައެވެ. މި ސުކޫލުގައި ކިޔަވާ ކުއްޖަކަށް މަހެއްގެ މައްޗަށް ޚަރަދުވަނީ 700 ރުފިޔާއެވެ. މީގެއިތުރުން މިގޮތަށް އެހީތެރިވާ ދަރިވަރުގެ މަޢުލޫމާތާއި ކިޔެވުމުގެ ކަންކަން ހިނގާ ގޮތް އަންގައިދިނުމުގެ ގޮތުން ދެމަހުން އެއްފަހަރު ވީޑިއޯ އަދި ފޮޓޯގެ ޒަރީއާއިން އެހީތެރިވާ ފަރާތަށް ލިބޭގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

Ad
rt

އަލޫކާ ސުކޫލުގައި ކިޔަވައިދެމުންދާ ކުދިންނަށް ސްޕޮންސާކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 7322112 ނަންބަރު ފޯނާ ގުޅައިގެން މަޢުލޫމާތު ސާފުކުރުމަށް އައިއޭސީގެ ފަރާތުން އެދިލައްވައެވެ. މިފަދަ ފުރުޞަތެއް މަގުފަހިވެގެން ދިއުމަކީ ހާލުގައި ޖެހިފައި ތިބި ކުދިންނަށް ތަޢުލީމު ލިބުމުގު ފުރުޞަތު ލިބި އެކުދިންގެ މުސްތަޤްބަލް އުޖާލާވެގެން ދިއުމުގެ އިތުރުން ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތް އަޅެމެންނަށް ތަނަވަސްވެ ޘަވާބު އިތުރުވެގެންދާނެ ކަމެއްކަމުގައި ނޫނީ ނުވާނެއެވެ.

17 މާރޗް 2019 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާފައިވާ އަލޫކާ ސުކޫލުގައި 245 ދަރިވަރުން އަންނަނީ ތަޢުލީމު ހާޞިލްކުރަމުންނެވެ. މީގެ ތެރޭގައި ޔަތީމު ކުދިންނާއި، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ބިކަހާލުގައި ޖެހިފައިވާ ފަޤީރު ކުދިން ހިމެނެއެވެ. މި ސުކޫލުގައި ޖުމްލަ 7 ކްލާސް ރޫމަކާއި އެކު ނަމާދު ކުރާނެ ކޮޓަރިއެއްވަނީ ހަދާފައެވެ. ހަމައެހެންމެ ކުދިން ކުޅެ އުޅެން ނިކުމެލާނެ ތަންކޮޅެއްވެސް ސުކޫލުގެ ތެރޭގައި ހިމަނާފައިވާކަމަށް އައިއޭސީގެ ފަރާތުން މަޢުލޫމާތުދެއްވައެވެ.އަލޫކާގައި ކިޔަވައިދެމުންދާ މާއްދާތަކުގެ ތެރޭގައި ހިސާބު، އިނގިރޭސި، ޕީ.އީ، ޕްރެކްޓިކަލް އާޓް، ޢަރަބި އަދި ޤުރުއާން ހިމެނެއެވެ.

އިތުރަށް މަޢުލޫމާތުދެއްވަމުން އައިއޭސީން ބުނި ގޮތުގައި ކުދިން ޝައުޤުވެރިވާނެގޮތަށް ޒަމާނާ އެކަށީގެންވާ ޓެކްނޮލޮޖީގެ އެހީގައި އުނގަންނައި ދިނުމުގެ މަސައްކަތް އަލޫކާ ސުކޫލު ޕްރޮޖެކްޓް އިންތިޒާމް ކުރި ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރުވެސް ހޮލޮގޯ އެޕް ބޭނުންކޮށްގެން ކްލާސްތަކުގައި އަންނަނީ ކިޔަވައިދެމުންނެވެ. މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގައި އެންމެ ފުރަތަމަ ކިޔަވައިދެމުން އަންނަ ސުކޫލުތެރޭގައި އަލޫކާ ސުކޫލުވެސް ހިމެނެއެވެ. އެ ހަމައެހެންމެ އެކި ކުދިންގެ ހުނަރުތައް ދެނެގަނެ އެކުއްޖެއް ޝައުޤުވެރިކަން ހުންނަ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދޭގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.