ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމަށް ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

Ad
rt

2011 ވަނަ އަހަރުން ފެށިގެން ދެ ގައުމުގެ ދެމެދުގައި ސޮއިކުރަން މަސައްކަތް ކުރަމުން އައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލެވެ. އަދި ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރެވެ.

ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މުއާހަދާގެ މައިގަނޑު މަޤްޞަދަކީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްޤައުމުން އަނެއް ޤައުމަށް ދިނުމެވެ. މި މުއާހަދާގެ ދަށުން، އެޤައުމެއްގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ރިޔާސަތުގައި ރަސްމީ މަޝްވަރާތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި މަޝްވަރާތަކުގައި ދެ ޤައުމުގެ 60 އަހަރުގެ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ.

ދެ ޤައުމުގެ މަޝްވަރާތަކުގައި ޤާބިލުކަން އިތުރުކުރުމާއި، ތަޢުލީމީ ދާއިރާ އާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ކާނާގެ ރައްކާތެރިކަމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ވައިގެ ގުޅުންތައް ހަރުދަނާ ކުރުމުގެ އިތުރުން ކުޅިވަރާއި ޒުވާނުންގެ ތަރައްޤީއާ ގުޅޭ ކަންކަމުގައި އިތުރަށް އެއްބާރުލުން ދިނުމަށް ދެ ފަރާތުން އެއްބަސްވެފައިވެއެވެ.