ގިނަ އަދަދެއްގެ ހިދުމަތްތައް ހިމެނޭ އީޒެޕުން އެ އެޕްލިކޭޝަން ބޭނުންކުރާ ޑްރައިވަރުންނާއި ކަސްޓަމަރުންނަށް ޤިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕުގެ އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން އީޒެޕްގެ ކާރު/ޕިކަޕު އަދި ސައިކަލް ޑްރައިވަރުންނަށް ޖޫންމަހުގެ 24 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ މަހުގެ 30 (2025) ވަނަ ދުވަހުގެ ނިޔަލަށް ނަގާ ކޮންމެ ދަތުރަކުންވެސް އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

Ad
rt

"މި އުޅެނީ ކަސްޓަމަރުންނަށް ވެސް ޑްރައިވަރުންނަށް ވެސް ޢުމްރާއެއް ހަދިޔާކޮށްލަން އިންޝާﷲ. ޤިބްލައިން ދޭ އެއްކަލަ ޕްރިމިއަމް އުމްރާ ބޭނުން އެންމެން ޢީޒެޕުން ގިނަ ދަތުރުކުރަންވީ އަވަހަށް،"

ޤިބްލަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޔާމިން އިދުރީސް އާއި އެކު އެއްބަސްވުމުގައި ސޮއިކޮށް ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި އީޒެޕްއިން ބުނެފައިވެއެވެ.

މި ޕްރޮމޯޝަންގައި ތިން ކެޓަގަރީއެއް ހިމެނެއެވެ. އެއީ ކަސްޓަމަރ ކެޓަގަރީ، ސައިކަލު ކެޓަގަރީ އަދި ކާރު/ޕިކަޕް ކެޓަގަރީއެވެ. އަދި ޓެކްސީ ކޮށްދިނުމުގެ އިތުރުން އީޒެޕްގައި ހިމެނޭ ފިހާރަތަކުންނާއި ރެސްޓޯރަންޓްތަކުން ޑެލިވަރީ ކޮށްދޭ ޕަބްލިކް ޑްރައިވަރުންނަށްވެސް ސައިކަލު ކެޓަގަރީއިން ބައިވެރިވެވޭނެއެވެ.

އީޒެޕުން ބުނެފައިވާ ގޮތުން މި ޕްރޮމޯޝަނަކީ ގްރޭޓާ މާލެ ސަރަހައްދުގެ އީޒެޕްގެ ޑްރައިވަރުންނާއި ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ ޕްރޮމޯޝަނެކެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކަސްޓަމަރުން އީޒެޕް އެޕްލިކޭޝަން އަދި ޑްރައިވަރުން އީޒެޕް ޑްރައިވަރ އެޕްލިކޭޝަން ޑައުންލޯޑްކޮށް ސައިންއަޕް ވާން ޖެހެއެވެ.

ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 7560606 ނަންބަރަށް ވަޓްސްއެޕް މެދުވެރިކޮށް މެސެޖްކުރެވޭނެ ކަމަށް އީޒެޕުން މައުލޫމާތު ދީފައިވެއެވެ.