ސައިބަރ ކްރައިމްގެ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ހއ. ހޯރަފުށީގައި ހުންނަ އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަންއާއި ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ޖުލައި މަހުގެ 19 ދުވަހު އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ މި ސެޝަން އަކީ ހޯރަފުށި ޕޮލިސް ސްޓޭޝަނާއި، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް އާއު ގުޅިގެން ބޭއްވި "އަރުތަ ޕްރޮގްރާމުުގެ" ތެރެއިން ކުރިއަށް ގެންދިޔަ ސެޝަންއެއް ކަމަށެވެ.

Ad
rt

އެގޮތުން 60 ބެލެނިވެރިން ބައިވެރިވި މި ސެޝަންގައި އާންމުވަމުންދާ ސައިބަރ ކްރައިމްގެ މައްސަލަތަކާއި، އެފަދަ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ޝަހުސު އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކުން ރައްކާތެރިވުމަށާއި، ސޯޝަލް މީޑިއާ ރައްކާތެރިގޮތުގައި ބޭނުންކުރާނެ ގޮތުގެ މައުލޫމާތުވެސް ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން މި ސެޝަން ގައި ދަރިން އިންޓަނެޓް ބޭނުންކުރާއިރު ކުދިންގެ ހަރަކާތްތައް ރަނގަޅަށް މޮނީޓަރ ކުރުމަށާއި އާންމުކޮށް ބޭނުންކުރާ އެޕްލިކޭޝަންތަކުގައި ހުރި ރަނގަޅި އަދި ނުރަނގަޅު ކަންކަން ބުނެދިނުމުގެ އިތުރުން މި އެޕްލިކޭޝަންތައް ރަނގަޅު ގޮތުގައި ބޭނުން ކުރާ ގޮތް ވަނީ ބެލެނިވެރިންނަށް ކިޔާދީފައެވެ.

މިކަންތައްތަކުން ރައްކާތެރިވުމުގެ ގޮތުން ސައިބަރ ސްކޭމަރުން ބޭނުންކުރާ އުކުޅުތައް ބެލެނިވެރިންނަށް ބުނެދީ، އެ ކަންކަމުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތުވެސް ފުލުހުން ވަނީ ކިޔާދީފައެވެ.