މާފުށި ޑައިވު އެންޑް ވޯޓަރ ސްޕޯރޓްސްގެ ފަރާތުން ދިވެހި ރައްޔިތުން ރަމްޒުކޮށްދޭހެން ޗައިނާގެ ވޫހާން ރައްޔިތުންނަށް ކަނޑުއަޑީގައި ތިބެގެން ހިތްވަރު ދީފިއެވެ.
މިގޮތުން ވޫހާންގެ ރައްޔިތުންނަށް ހިތްވަރުދީފައިވަނީ ކަނޑު އަޑީގައި ނަގާފައިވާ ވީޑިއޯއެއް މެދުވެރިކޮށެވެ. އެ ވީޑިއޯ ނަގާފައިވަނީ މާފުށީ ޑައިވް އެންޑް ވޯޓަރ ސްޕޯޓްސްއާއި މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަން ގުޅިގެންނެވެ.
ޗައިނާގައި ހަލުވި ކަމާއިއެކު ނޮވެލް ކޮރޯނާ ވައިރަސްއިން ފެތުރެމުންދާ މިދަނޑިވަޅުގައި އެޤައުމުން ފުރަތަމަ މި ވައިރަސް ފެނުނު ވޫހާން ސިޓީގެ ރައްޔިތުންނަށް ރާއްޖޭގެ ކަނޑުއަޑިން ހިތްވަރުދީ ޑައިވަރުން ވަނީ " ވޫހާން ހިތްވަރުކުރޭ " ލިޔެފައިވާ ލިޔުމެއް ހިމެނޭ ބޯޑެއް ދައްކައިފައެވެ. އެ ބޯޑުގައި ދިވެހި ބަހުންނާއި، ޗައިނާ ބަހުންނާއި އަދި އިނގިރޭސި ބަހުން ލިޔެފައި ވާއިރު، އެ ބޯޑުން ދިވެހި ޤައުމީ ދިދަވެސް ދައްކުވައި ދެއެވެ.

4 ދިވެހިންނާއި އެކި ޤައުމުތަކަށް ނިސްބަތްވާ 6 ޑައިވަރުންވެސް ހިމެނޭ ގޮތަށް ވޫހާން ރައްޔިތުންނަށް ހިތްވަރުދީ ނަގާފައިވާ ވީޑިއޯ ނަގާފައިވަނީ ކަނޑުގެ 15 މީޓަރު އަޑީގައެވެ.
މި ވީޑިއޯ މިހާރު ވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށްވެސް އައިސްފައެވެ.
މިހާރު މުޅި ޗައިނާއަށް ނޮވެލް ކޮރޯނާ ވައިރަސް ފެތުރިފައިވާއިރު، އެ ވައިރަހަށް އެކަށީގެންވާ ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައެއް ނުވެއެވެ. އެ ވައިރަސް ދަނީ ދުނިޔޭގެ އެކި ޤައުމު ތަކަށްވެސް ފެރުރެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!