މިއަދުގެ ޒުވާނުންނާއި ކުޑަކުދިންގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް މައްސަލައަކީ އަމިއްލަ ޒިންމާ ނުނަގައި، މައިންބަފައިންގެ މައްޗަށް ބަރޯސާވެ ތިބުމެވެ. މިއީ ގިނަ ފަހަރަށް މައިންބަފައިންގެ ތަރުބިއްޔަތުގެ ސަބަބުން ދިމާވާ ކަމެކެވެ. ދަރިންނަށް ލޯބިދިނުމުގެ ނަމުގައި، އެކުދިންގެ ހުރިހާ ކަމެއް ކޮށްދީ، އެކުދިން ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދީ، އެކުދިންގެ ޒިންމާތަކުން ދުރުކޮށް ބޮޑުކުރުމުގެ ސަބަބުން ދިމާވާ ނޭދެވޭ ނަތީޖާއެކެވެ.

ގިނަ މައިންބަފައިން ހީކުރަނީ ދަރިންނަށް ލޯބިދިނުމަކީ އެކުދިންގެ ހުރިހާ ކަމެއް ކޮށްދިނުން ކަމުގައެވެ. އެކުދިން ބޭނުންވާ ކޮންމެ އެއްޗެއް ހޯދައިދިނުން ކަމުގައެވެ. ނަމަވެސް މިއީ ވަރަށް ބޮޑު އޮޅުމެކެވެ. ދަރިންނަށް ލޯބިދިނުމަކީ އެކުދިންގެ މުސްތަޤުބަލަށް ވިސްނައި، އެކުދިން އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްދީ، ޒިންމާދާރު ބަޔަކަށް ހެދުމެވެ.

Ad
rt

ކުޑައިރުއްސުރެ ދަރިންނަށް އަމިއްލަ ޒިންމާ ނަގަން ދަސްކޮށްނުދީ، އެކުދިންގެ ހުރިހާ ކަމެއް މައިންބަފައިން ކޮށްދޭން ފެށުމުން، އެކުދިންނަށް އަމިއްލައަށް ކަންކަން ކުރަން ނޭނގި، އަބަދުވެސް އެހެން މީހުންގެ އެހީއަށް ބޭނުންވާ ބަޔަކަށް ވެގެންދެއެވެ. މިފަދަ ކުދިންނަށް ދިމާވާ ދަތިތަކާ ކުރިމަތިލާން ނޭނގި، ކުދިކުދި މައްސަލަތަކުގައިވެސް ބަރޯސާވާނީ މައިންބަފައިންގެ މައްޗަށެވެ.

އިސްލާމްދީނުގައި ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދީފައިވަނީ ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރުމަށެވެ. ފަތިސް ނަމާދަށް އަމިއްލަ އަށް ހޭލުން، ރޯދަ ހިފުން، އަދި އެހެނިހެން އަޅުކަންތައް ކުރުމަކީ ކުޑައިރުއްސުރެ ދަރިންނަށް ދަސްކޮށްދޭންޖެހޭ ކަންކަމެވެ. މިކަންކަމުގެ ސަބަބުން ދަރިންގެ ކިބައިގައި އަމިއްލަ ނަފްސަށް އިހުތިރާމްކުރުމާއި، ޒިންމާދާރުވުމާއި، ކެތްތެރިކަން އުފެދިގެންދެއެވެ.

މައިންބަފައިންގެ އެންމެ މުހިންމު ޒިންމާއަކީ ދަރިން މުސްތަޤުބަލަށް ތައްޔާރުކުރުމެވެ. މައިންބަފައިން ދުނިޔޭގައި ތިބޭނީ ވަކި މުއްދަތަކަށެވެ. އެހެންކަމުން، ދަރިންނަށް އަމިއްލައަށް ދިރިއުޅެން ދަސްކޮށްދީ، އެކުދިންގެ ފައިމައްޗަށް ތެދުވާން ދަސްކޮށްދިނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ނޫނީ މައިން ބަފައިން ނެތް ދުނިއެއްގައި ދަރިންނަށް ކުރިމަތިވާނެ ގޮންޖެހުންތައް މާ ބޮޑުވާނެއެވެ.

ދަރިންނަށް ލޯބިދިނުމަކީ އެކުދިންގެ މުސްތަޤުބަލަށް ވިސްނައި، އެކުދިން އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްދީ، ޒިންމާދާރު ބަޔަކަށް ހެދުމެވެ. މައިންބަފައިންގެ މައްޗަށް އަބަދުވެސް ބަރޯސާވެ ތިބޭ ބަޔަކަށް ދަރިން ހެދުމަކީ އެކުދިންގެ މުސްތަޤުބަލަށް ކުރާ ވަރަށް ބޮޑު އަނިޔާއެކެވެ. އެހެންކަމުން، ދަރިންނަށް މިނިވަންކަން ދަސްކޮށްދީ، އަމިއްލައަށް ކަންކަން ނިންމަން ދަސްކޮށްދީ، އެކުދިންގެ މުސްތަޤުބަލަށް ތައްޔާރުކުރުމަކީ ކޮންމެ މައިންބަފައިންނެއްގެވެސް ޒިންމާއެކެވެ.

އެގޮތުން ތިރީގައި މިވަނީ މިކަންކަމަށް ދަރިން ތަރުބިއްޔަތު ކުރުމަށް ކުރެވިދާނެ 5 ކަމެކެވެ.

1. ގޭތެރޭގެ މަސައްކަތް: ކުޑައިރުއްސުރެ ކުދިންގެ އުމުރާ އެކަށޭނަ މަސައްކަތްތައް ކުރުވުން މުހިންމެވެ. މިސާލަކަށް، ކުޅޭ ތަކެތި ނެގުން، އެނދު ތަރުތީބުކުރުން، ތަށި ދޮވުން، މޭޒު ސާފުކުރުން، ގޭތެރެ ސާފުކުރުން އަދި އަމިއްލަ އަތުން އަންނައުނު ރީތިކޮށް ފަތްޖެހުން ނުވަތަ ހިއްކަން އެޅުން ފަދަ ކަންކަމެވެ. މިއީ އަމިއްލަ ޒިންމާ އުފުލަން ދަސްކޮށްދިނުމުގެ ފެށުމެވެ. ކުދިން ކުރާ މަސައްކަތް ގިނަވާވަރަކަށް، އެކުދިންގެ ހުނަރާއި ޤާބިލުކަން އިތުރުވެ، އަމިއްލަ ނަފުސަށް އިތުބާރު ބޮޑުވާނެއެވެ.

2. ދިރިއުޅުމުގެ ހުނަރުތައް: ކުދިންނަށް އަސާސީ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭންވާނެއެވެ. މީގެ ތެރޭގައި ކެއްކުމުގެ އަސާސްތަކާއި، ބަދިގޭގެ ސަލާމަތީ ކަންކަމާއި، އަމިއްލައަށް ސާފުތާހިރުވުމާއި، އެއްޗެހި ދޮވުމާއި، ކުދިކުދި އަސާސީ މަރާމާތުތަކާއި، ފައިސާ އަށް ރައްކާކެރިވެ ބެލެހެއްޓުމާއި، އަދި ވަޒީފާއާ ބެހޭ މައުލޫމާތު ހިމެނެއެވެ. އުމުރުން ދުވަސްވާވަރަކަށް މިފަދަ ކަންކަން އިތުރަށް ދަސްކުރަން ޖެހެއެވެ.

3. އިސްލާމީ ތަރުބިއްޔަރު: އިސްލާމްދީނުގެ ރުކުންތަކަށް އަހުލުވެރިކުރުމާއި އަލުކަންތައް އަދާކޮށްދޭން ދަސްކޮށްދޭން ޖެހެއެވެ. މިސާލަކަށް 7 އަހަރުގައި ނަމާދު ކުރަން ދަސްކޮށްދީ، 10 އަހަރު ވާއިރު 5 ނަމާދު ވަގުތަށް ކުރުމަށް އަހުލުވެރި ކުރުވުމެވެ. ނަމާދުގެ މުހިންމުކަމުން ކުދިންނަށް ގިނަ މުހިންމު ސިފަތައް ލިބެއެވެ. އޭގެތެރޭގައި ހަރުދަނާކަމާއި، އަދަބުވެރިކަމާއި، ވަގުތަށް ފަރުވާތެރިވުމާއި، ރޭވުންތެރިކަން އަދި އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުން ހިމެނެއެވެ.

4. ނަތީޖާގެ ޒިންމާ ނެގުން: ކޮންމެ ޢަމަލަކަށްވެސް އެކަށީގެންވާ ނަތީޖާއެއް އޮންނަންވާނެއެވެ. ގުދުރަތީ ނަތީޖާތަކުން ކުއްޖާއަށް ދިރިއުޅުން ހިނގާގޮތް ދަސްވެއެވެ. ކުއްޖާ ގަސްތުގައި ގޯސްކަމެއް ކޮށްފިނަމަ ނުވަތަ ގަވާއިދާ ޚިލާފުވެއްޖެނަމަ، އޭގެ ނަތީޖާ އޮންނަންވާނެއެވެ. މިއިން ކުއްޖާއަށް ޒިންމާދާރުވުމާއި، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުން ދަސްވެއެވެ.

5. އިޖްތިމާޢީ ގުޅުންތައް: ކުދިންނަށް އެހެން މީހުންނާއެކު މުޢާމަލާތްކުރަން ދަސްކޮށްދޭންވާނެއެވެ. ކޮންމެ ގުޅުމެއްގައިވެސް ޙައްޤުތަކާއި ޒިންމާތައް ހިމެނެއެވެ. އިސްލާމްދީނުން އަދަބު އަޚްލާޤާއި މުޖުތަމަޢުގެ އާދަކާދަތައް ދަސްކޮށްދެއެވެ. މީގެތެރޭގައި ސަލާމްކުރުމާއި، ހިނިތުންވުމާއި، އެހީތެރިވުމާއި، ތެދުވެރިކަމާއި، އެހެން މީހުންނަށް އިޙުތިރާމުކުރުން ހިމެނެއެވެ.