ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރުޓީއެލްގެ ހިދުމަތް ރ. އަތޮޅުގައި މިއަދު ފަށައިފިއެވެ.
މިއީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ރ. އަތޮޅުގައި އާރުއޭޓީއެލްގެ ހިދުމަތް މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ދޭނީ ހިލެއެވެ. އެއަށް ފަހު ޓިކެޓް ވިއްކަން ފަށާނެއެވެ.
އާރުއޭޓީއެލްގެ ހިދުމަތަށް ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.
މި މަޝްރޫއުގެ ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި ދަތުރު ފަށާފައިވާއިރު، އެ ޒޯނުގައި ހިމެނޭ ޅ. އަދި ނ. އަތޮޅުގައި މިހާރު ވެސް ފެރީގެ ހިދުމަތް އަންނަނީ ދެމުންނެވެ. ރ. އަތޮޅާ އެކު އާރްޓީއެލް ހިދުމަތް ދޭ އަތޮޅުގެ އަދަދު މިހާރު ވަނީ 10 އަކަށް އަރައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރުޓީއެލް ފެރީ ހިދުމަތް ފެށުމަށް އެމަނިކުފާނު ވެވަޑައިގަތް ވައުދާ އެއްގޮތަށް މިއަދު އެ އަތޮޅު އެ ހިދުމަތް ފަށާފައިވާ ކަމަށެވެ. އަސި އަންނަ މަސް ނިމުމުގެ ކުރިން ބ. އަތޮޅުގަައި ވެސް އާރުޓީއެލް ފެރީގެ ހިދުމަތް ފަށާނެ ކަމަށާއި ބ. އަތޮޅުގައި އެ ހިދުމަތް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އާރުޓީއެލް ފެރީގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!