މިހާރު ހިނގަމުންދާ އިޒްރޭލާއި އިރާނުގެ ހަނގުރާމައިގައި، އިޒްރޭލުން ވަނީ އިރާނުގެ އިސް އަސްކަރީ ވެރިންނާއި ނިއުކްލިއަރ ސައިންޓިސްޓުންނަށް ހަމަލާދީ، އިރާނުގެ ނިއުކްލިއަރ ތަންތަނާއި ތެލުގެ ވަސީލަތްތަކަށް ގެއްލުން ދީފައެވެ. އިރާނުން ވަނީ މިއަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުގެ ސަރުކާރުގެ އިމާރާތްތަކާއި އާބާދީ ބޮޑެތި ސަރަހައްދުތަކަށް މިސައިލް ހަމަލާ ދީފައެވެ.
އިޒްރޭލުގެ އިގްތިސާދީ ހާލަތު
އިޒްރޭލުގެ ހަނގުރާމައިގެ ޚަރަދުތައް ވަނީ މައްޗަށް ދިއުމުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ބުރަވެފައެވެ. އިޒްރޭލުގެ 2025 ވަނަ އަހަރުގެ އަސްކަރީ ޚަރަދު 118 ބިލިއަން ޝެކެލްއަށް (34 ބިލިއަން ޑޮލަރު) އަރާނެކަމަށް ލަފާކުރެވެއެވެ. މާލީ ވުޒާރާއިން ވަނީ މި އަހަރުގެ ޑެފިސިޓް ސީލިންގ ޖީޑީޕީގެ 4.9 އިންސައްތައިގައި (105 ބިލިއަން ޝެކެލް ނުވަތަ 27.6 ބިލިއަން ޑޮލަރު) ކަނޑައަޅާފައެވެ. އެހެންނަމަވެސް އިތުރުވަމުންދާ އަސްކަރީ ޚަރަދުތަކާއެކު މި އަދަދު ހިފެހެއްޓުމަކީ ގޮންޖެހުމަކަށް ވެދާނެއެވެ.
މި އަހަރުގެ ބަޖެޓުގައި ކުއްލި ހާލަތުގެ ރިޒާވްއެއް ހިމެނިފައިވީ ނަމަވެސް، އޭގެ ބޮޑު ބައެއް ވަނީ ޣައްޒާގެ ހަނގުރާމައިގައި ބޭނުންކުރެވިފައެވެ. އަދި އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ޚަރަދުތައް މި ބަޖެޓުގައި ހިމެނިފައެއް ނުވެއެވެ.
ޣައްޒާގެ ހަނގުރާމައަށް އެކަނި 2024 ވަނަ އަހަރު ނިމޭއިރު 67.5 ބިލިއަން ޑޮލަރު ހޭދަވެފައިވާއިރު، އީރާނާ އެކު ކުރި ފުރަތަމަ ދެ ދުވަހުގެ ހަނގުރާމައަށް 1.45 ބިލިއަން ޑޮލަރު ހޭދަވެފައިވެއެވެ. އިޒްރޭލުގެ ދިފާއީ ބަޖެޓް 2023 ގެ 17 ބިލިއަން ޑޮލަރުން 2024 ގައި 28 ބިލިއަން ޑޮލަރަށް މައްޗަށް ގޮސްފައިވެއެވެ.
އިޒްރޭލުގެ އިޤްތިޞާދީ ކުރިއެރުން 2025 ގައި 4.3 އިންސައްތައިން 3.6 އިންސައްތައަށް ދަށްވާނެކަމަށް ލަފާކުރެވޭއިރު، 2024 ގައި 60،000 އަށްވުރެ ގިނަ ވިޔަފާރި ހުއްޓާލަން ޖެހިފައިވެއެވެ. އަދި ޓޫރިޒަމް ދާއިރާވެސް ވަނީ ބޮޑުތަން ފަހަތަށް ޖެހިފައެވެ.
އިރާނުގެ އިގްތިސާދީ ހާލަތު
އިރާނުގެ ތެލުގެ އެކްސްޕޯޓްތައް ވަނީ ބޮޑުތަނުން ދަށްވެފައެވެ. މި ހަފްތާގެ ނިޔަލަށް އިރާނުގެ ތެލާއި ކޮންޑެންސޭޓް އެކްސްޕޯޓް ދުވާލަކަށް 102,000 ބެރަލްއަށް ދަށްވާނެކަމަށް ލަފާކުރެވެއެވެ. މިއީ މި އަހަރު އެވްރެޖްކޮށް އެކްސްޕޯޓްކުރަމުން އައި 242,000 ބެރަލްގެ ދެބައިކުޅައެއްބަޔަށްވުރެ ދަށް އަދަދެކެވެ. ޚާއްޞަކޮށް، އިރާނުގެ ތެލުގެ 90 އިންސައްތައަށްވުރެ ގިނަ އެކްސްޕޯޓްކުރާ ޚާރްގް ޖަޒީރާއިން ތެޔޮ އެކްސްޕޯޓްކުރުން ވަނީ މުޅިން ހުއްޓިފައެވެ. އަދި ސައުތު ޕާރސް ގޭސް ފީލްޑްގެ އުފެއްދުންތެރިކަންވެސް ވަނީ ވަގުތީގޮތުން ހުއްޓާލަން ޖެހިފައެވެ.
އިރާނުގެ އަސްކަރީ ބަޖެޓަކީ ނިސްބަތުން ކުޑަ އަދަދެކެވެ. އެގޮތުން އިރާނުގެ ޖީޑީޕީގެ 3 އިން 5 އިންސައްތައާ ދެމެދުގެ އަދަދެއް (ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރު) އަސްކަރީ ކަންކަމަށް ޚަރަދުކުރެވެއެވެ. އިރާނުގައި 33 ބިލިއަން ޑޮލަރުގެ ބޭރު ފައިސާގެ ރިޒާވް ހުރި ނަމަވެސް، މި ރިޒާވް ކުރުމުއްދަތުގެ އަސްކަރީ ހަނގުރާމައަކަށް ބޭނުންކުރުމަކީ ދުރު ރާސްތާގައި އިރާނަށް ވަރަށް ބޮޑު ގެއްލުމެއް ވެދާނެ ކަމެކެވެ.
1979 ގެ އިސްލާމީ އިންޤިލާބާއި އެމެރިކާގެ އެމްބަސީގެ ހާދިސާއިން ފެށިގެން އެމެރިކާއިން އީރާނަށް އިޤްތިޞާދީ ފިޔަވަޅުތައް އަޅަމުން އައިސްފައިވެއެވެ. އޯބާމާގެ ވެރިކަމުގައި ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ އެއްބަސްވުމަކަށް އީރާން ގެނައުމަށް ގިނަ ޤައުމުތަކުން އީރާނުގެ ތެޔޮ ގަތުން މަދުކުރުވިއެވެ. 2015 ގައި ޖޭސީޕީއޯއޭ އެއްބަސްވުމަށްފަހު މި ފިޔަވަޅުތައް ލުއިކުރެވުނެވެ.
2016 ގައި އީރާނުން ދުވާލަކު 2.8 މިލިއަން ބެރަލްގެ ޕެޓްރޯލިއަމް އުފެއްދުންތައް އެކްސްޕޯޓް ކުރިއެވެ. ނަމަވެސް ޓްރަމްޕް ވެރިކަމަށް އައުމަށްފަހު 2018 ގައި އަލުން ފިޔަވަޅުތައް ތަންފީޒުކުރުމުން، 2022 އަދި 2023 ގައި އީރާނުގެ ތެލުގެ އާމްދަނީ 50 ބިލިއަން ޑޮލަރަށް ދަށްވެ، ދުވާލަކު 200،000 ބެރަލްއަށް އެކްސްޕޯޓް މަދުވިއެވެ.
ޗައިނާގެ އެހީތެރިކަމާއެކު އީރާނުގެ އިޤްތިޞާދު ފުރޮޅިގެން ނުދިޔަ ނަމަވެސް، ފިޔަވަޅުތަކުގެ ސަބަބުން އިންފްރާސްޓްރަކްޗަރ އާރާސްތުކުރުމާއި ދިގު މުއްދަތުގެ އިޤްތިޞާދީ ތަރައްޤީއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެފައިވާ ގޮތުގައި މިހާރުގެ އިޤްތިޞާދީ ހާލަތަކީ އީރާން-އިރާޤު ހަނގުރާމައިގެ ދުވަސްވަރަށްވުރެވެސް ދަތި ހާލަތެކެވެ.
އީރާނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ހަކަތައިގެ ދަތިކަމާއި، ފެނުގެ މައްސަލަތައް، ފައިސާގެ އަގު ދަށްވުމާއި، އަދި ސަރަޙައްދީ ނުފޫޒު ކުޑަވަމުން ދިއުން ހިމެނެއެވެ. މި ހުރިހާ މައްސަލަތަކެއް ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ ޤައުމަށް ކުރިމަތިކޮށްފައިވާ ދަތިތަކުގެ ސަބަބުން އިތުރަށް ބޮޑުވެފައެވެ.
އިންވެސްޓްމަންޓްތައް މަދުވެ، ޤުދުރަތީ ގޭހުގެ އުފެއްދުންތެރިކަން ދަށަށް ދިއުމާއެކު، އިރިގޭޝަން ނިޒާމުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ކަރަންޓާއި ފެނުގެ ޚިދުމަތްތަކަށް ބުރޫ އަރާފައިވެއެވެ. މީގެ އިތުރުން، 2018 ގައި ދަތިތައް އަލުން ތަޢާރަފުކުރުމަށްފަހު، އީރާނުގެ ރިޔާލްގެ އަގު 90 ޕަސެންޓަށްވުރެ އިތުރަށް ވަނީ ވެއްޓިފައެވެ.
ސަރުކާރުން އިޢުލާންކޮށްފައިވާ އިންފްލޭޝަން ރޭޓް 40 އިންސައްތައިގައި ހުރި ކަމުގައިވީ ނަމަވެސް، އެގައުމުގެ ގިނަ އިޤްތިޞާދީ މާހިރުންގެ ދެކޭގޮތުގައި މި ރޭޓް އަސްލު 50 އިންސައްތައަށްވުރެ މަތީގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމުގެ ސަބަބުން އިމްޕޯޓް މުދަލުގެ އަގުތައް ވަނީ މައްޗަށް ޖެހިފައެވެ.
އީރާނުގެ ލޭބަރ އެންޑް ސޯޝަލް ވެލްފެއަރ އިންސްޓިޓިއުޓްގެ އިސްވެރިޔާ ހާމަކުރާ ގޮތުގައި، އެ ޤައުމުގެ އާބާދީގެ 22 އިން 27 އިންސައްތައަށް ވާ މިންވަރު ދިރިއުޅެމުންދަނީ ފަގީރުކަމުގެ ރޮނގުން ފަހަނަ އަޅާފައެވެ. އަދި ވަޒީފާގެ ރޭޓް 9.2 އިންސައްތައިގައި ހުރި ނަމަވެސް، އީރާނުގެ މަސައްކަތްތެރިންގެ ޖަމްޢިއްޔާއިން ފާހަގަކުރާ ގޮތުގައި އަސާސީ ދިރިއުޅުމަށް އެކަށީގެންވާ އާމްދަނީއެއް ނުލިބޭ މީހުންގެ ނިސްބަތް މިއަށްވުރެ މާ މަތިވެއެވެ.
އީރާނުގެ މިލިޓަރީ ބަޖެޓަށް ބަލާއިރު، އެއީ ޖީޑީޕީގެ 3 އިން 5 ޕަސެންޓާ ހަމައަށް، ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރު، ދިފާޢީ ކަންކަމަށް ޚަރަދުކުރާ މިންވަރެވެ. އަދި ބޭރު ފައިސާގެ ރިޒާވްގައި 33 ބިލިއަން ޑޮލަރު ހުރި ނަމަވެސް، ކުރު މުއްދަތެއްގެ ހަނގުރާމައެއްގައި މި ރިޒާވް ބޭނުންކުރުމަކީ ކުރިމަގުގައި އެ ޤައުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ.
ފަހަކަށް އައިސް ޤައުމީ އެއްބައިވަންތަކަމުގެ ރޫޙެއް ފެންނަން ހުރި ނަމަވެސް، އިތުރު ހަމަލާތަކާއި އާންމު ރައްޔިތުން ސަލާމަތްކުރަން ޖެހިއްޖެ ހާލަތެއްގައި، މި އެއްބައިވަންތަކަމުގެ ރޫޙު ފަސޭހައިން ގެއްލިގެން ހިނގައިދާނެއެވެ.
މި ހަނގުރާމައިގެ ސަބަބުން ދެ ގައުމަށްވެސް ބިލިއަން ޑޮލަރުތަކެއްގެ ގެއްލުން ވަމުންދާއިރު، އިގްތިސާދީ ދުވެލި ދަށްވެ، ދުރު ރާސްތާގެ މާލީ ރޭވުންތަކަށް ނޭދެވޭ އަސަރުކުރަމުންދެއެވެ. އަދި މި ހަނގުރާމަ ދިގުދެމިގެން ދާނަމަ، އިޒްރޭލުގެ ކްރެޑިޓް ރޭޓިންގ A އިން A- އަށް ދަށްވެ، ދަރަނި ނެގުމުގެ ޚަރަދު އިތުރުވެ، އިންވެސްޓަރުންގެ އިތުބާރު ގެއްލިގެން ހިނގައިދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!