ވޭތުވެދިޔަ 30 އަހަރު މެދުއިރުމަތި ހަނގުރާމައާއި ހަލާކުގެ ތެރެއަށް ވައްޓާލި މޭސް ތިރިއަކީ، ހައްދުފަހަނަ އެޅި ޔަހޫދީ އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ. އޭނާއަކީ އަނިޔާވެރިކަމުގެ، ބަޑިބޭސް އަޅަމުން ދުވާ ބާރޫދު ފުޅިއެކެވެ. އޭނާ ކުރި ހުރިހާ ހަނގުރާމައެއްގައިވެސް އެންމެ ބޮޑު އެއް އުންމީދަކަށްވީ އީރާނުގެ ސަރުކާރު ވައްޓާލުމެވެ. މިހާރު ފަށާފައި މިވާ ދިގުދެމިންގެންދާނެ ކަމަށް ބެލެވޭ ހަނގުރާމައިގެ ސަބަބުން، ނެތަންޔާހޫ ހުއްޓުވާނުލެވިއްޖެނަމަ، ނިއުކްލިއަރް ހަނގުރާމައަކުން އަހަރެމެން އެންމެން މަރުވެދާނެއެވެ.
ނެތަންޔާހޫގެ ހަނގުރާމައިގެ ވިސްނުން އައިސްފައިވަނީ އޭނާގެ ހައްދުފަހަނައަޅާފައިވާ މުރުޝިދުންކަމުގައިވާ ޒީވް ޖަބޮޓިންސްކީ، އިސްހާގު ޝަމީރު އަދި މެނާހެމް ބެގިންގެ ކިބައިންނެވެ. މި ކުރީގެ ޖީލުތަކުގެ ޒަޔަނިސްޓުން ވެސް ގަބޫލުކުރަމުން ހިފަހައްޓަމުން ބޭނުންކުރަމުން އައި ޝިޔާރަކީ "ހަނގުރާމަކޮށް މަރައި ޓެރަރިޒަމްގެ އަމަލުތައް ހިންގައިގެން ކޮންމެ ގޮތަކުން ވިޔަސް، ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ވަޠަނުން ފައްސާލުން" އެވެ.
ނަތަންޔާހޫ ތަންފީޒުކުރަމުން އެ އަންނަ އަނިޔާވެރި ސިޔާސީ ހަރަކާތް "ދަ ލިކުޑް" އުފެއްދި ބާނީން ގޮވާލީ ކުރީގެ ބްރިޓިޝް މެންޑޭޓް ފަލަސްޠީނުގެ ހުރިހާ ސަރަޙައްދެއް ހަމައެކަނި ޒަޔަނިސްޓުންގެ ބާރުގެ ދަށުގައި ބޭއްވުމަށެވެ. 1920 ގެ އަހަރުތަކުގެ ކުރީކޮޅު ބްރިޓިޝް މެންޑޭޓް ފެށުނުއިރު، މުސްލިމުންނާއި ކްރިސްޓިއަން އަރަބިން އާބާދީގެ 87 އިންސައްތަ ހިއްސާކޮށް، ޔަހޫދީންނަށްވުރެ އިތުރަށް 10 ގުނަ ބިން މިލްކުކޮށްފައިވެއެވެ. 1948 ގައިވެސް އަރަބިންގެ އާބާދީވެސް ޔަހޫދީންނަށްވުރެ ދެގުނަ ގިނަ އެވެ. ނަމަވެސް، ލިކުޑްގެ އަސާސީ ޤަވާޢިދު (1977) ގައި ބަޔާންކޮށްފައިވަނީ "ކަނޑާއި ޖޯޑަން ކޯރު ދެމެދުގައި އޮންނާނީ ހަމައެކަނި އިޒްރޭލްގެ ވެރިކަމެއް" މިހެން ނެވެ.
ބައިނަލްއަޤްވާމީ ޤާނޫނާއި އަޚްލާޤީ މިންގަނޑުތަކާ އެއްގޮތަށް "ދެ-ދައުލަތުގެ ހައްލަކަށް" އެއްބަސް ވުމާއި އެކު، ލިކުޑްގެ ލަނޑުދަނޑިތައް ހާސިލުކުރާނެ ގޮތް ހޯދުމަކީ ކުރިމަތީގައި އޮތް ގޮންޖެހުމެއް ކަމުގައި ދެކުނެވެ. އެގޮތުން، 1996 ގައި ނެތަންޔާހޫ އާއި އޭނާގެ އެކުވެރި އެމެރިކާގެ ލަފާދޭ ފަރާތްތަކުން "ކްލީން ބްރޭކް" އިސްތިރާޖީއެއް އެކުލަވާލިއެވެ. އެމީހުން ބުނީ 1967 ގެ ހަނގުރާމައިގައި ހިފި ފަލަސްޠީނުގެ ބިންތަކުން އިޒްރޭލުން އަނބުރާ ނުދާނެ ކަމަށެވެ. އޭގެ ބަދަލުގައި، އިޒްރޭލުން މެދުއިރުމަތި އަލުން ބައްޓަންކުރާނެ ކަމަށެވެ.
މި އިސްތިރާޖީގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ މި ލަނޑުދަނޑިތައް ހާސިލުކުރުމަށް އެމެރިކާ ބޭނުންކުރުމަށެވެ. އެގޮތުން، 2003 ވަނަ އަހަރުގެ ކުރީކޮޅު އިރާގުގެ ސަރުކާރު ވައްޓާލުމަށް ފުރަތަމަ ހަނގުރާމަ ފެށުނެވެ. އެމެރިކާ އިރާގުގައި ތާށިވެފައި ތިބެން ޖެހުމުގެ ސަބަބުން އިތުރު ހަނގުރާމަތަކުގެ ޕްލޭންތައް ލަސްވެގެން ދިޔައެވެ. ނަމަވެސް، 2005 ގައި ސޫދާން ބައިބައިކުރުމަށާއި، 2006 ގައި އިސްރާއީލުން ލެބަނަން އިސްތިއުމާރު ކުރުމަށާއި، ހަމަ އެއަހަރު އިތިއޯޕިއާއިން ސޯމާލިއާއަށް ވަނުމަށް އެމެރިކާއިން އެހީތެރިވިއެވެ. 2011 ގައި އޮބާމާ ސަރުކާރުން ސީރިއާއާ ދެކޮޅަށް "ޓިމްބަރ ސިކަމޯރ" އޮޕަރޭޝަން ފެށި، އަދި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އެކު ލިބިޔާގެ ސަރުކާރު ވައްޓާލިއެވެ. މިއަދު، މި ޤައުމުތައް ވަނީ ހަލާކުވެ، ގިނަ ޤައުމުތަކުގައި ދާހިލީ ހަނގުރާމަތައް ހިނގަމުންދެއެވެ.
ނެތަންޔާހޫއަކީ މި އިޚްތިޔާރީ ހަނގުރާމަތައް ކުރަމުން ދާތީ އެންމެ ބޮޑަށް އަތް ޖަހާ އުފާ ކުރާ މީހާ އެވެ. އޭނާ މިކަން ކުރީ ޢާންމުކޮށް ނުވަތަ ފަރުދާގެ ފަހަތުގައި، އެމެރިކާ ސަރުކާރުގެ ނިވާ ފަތްގަނޑުގައި ހުރެއެވެ.
"ސައްދާމް ނިއުކްލިއަރ ހަތިޔާރު ތަރައްޤީކުރުމަށް މަސައްކަތްކުރަމުންދާކަމާމެދު އެއްވެސް ޝައްކެއް ނެތް، ސައްދާމްގެ ވެރިކަން ނައްތާލައިފިނަމަ، ސަރަޙައްދަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެކަން އަހަރެން ޔަގީންކޮށް ބުނަން، އަދި އަހަރެން ދެކޭގޮތުގައި ޖެހިގެން އޮތް އީރާނުގައި ތިބި ޒުވާނުންނާއި އެހެން ގިނަ ބަޔަކު ބުނާނެ މިފަދަ ވެރިކަންތަކުގެ، މިފަދަ އަނިޔާވެރިންގެ ޒަމާން ވަނީ ނިމިފައޭ. "
އިރާގުގައި އެމެރިކާއިން ހިނގި ފަނާކުރަނިވި ހަނގުރާމައަށް ތާއީދުކޮށް، 2002 ގައި އެމެރިކާ ކޮންގްރެސްގައި ވާހަކަދައްކަމުން ނެތަންޔާހޫ ބުނެފައިވެއެވެ.
"އައު މެދުއިރުމަތި" އެ ޝިޢާރަކީ މި ހަނގުރާމަތަކުގެ ނިޝާނެވެ. މިކަން ފުރަތަމަ އާންމުކުރެވުނީ 1996 ގައި "ކްލީން ބްރޭކް" މެދުވެރިކޮށެވެ. އަދި 2006 ގައި ސެކްރެޓަރީ ކޮންޑަލީޒާ ރައިސް މިކަން މަޝްހޫރުކުރިއެވެ.
"މިހާރު އަހަރެމެންނަށް ފެންނަމުން މިދަނީ އައު މެދުއިރުމައްޗެއް އުފަންވުމުގެ ވޭންތައް، އަދި އަހަރެމެން ކުރާ ކޮންމެ ކަމެއްގައިވެސް ކުރީގެ މެދުއިރުމައްޗަށް ނުގޮސް އައު މެދުއިރުމައްޗަށް ކުރިއަށްދާކަން ޔަގީންކުރަންޖެހޭނެ."
އިސްރާއީލުން ލެބަނަން އަނިޔާވެރިކޮށް ބޮން އަޅަމުންދިޔައިރު ސެކްރެޓަރީ ކޮންޑަލީޒާ ރައިސް ބުނެފައިވެއެވެ.

2023 ގެ ސެޕްޓެމްބަރުގައި ނެތަންޔާހޫ އ.ދ.ގެ މަޖިލީހުގައި "އައު މެދުއިރުމަތި" ގެ ޗާޓެއް ދެއްކިއެވެ. އެ ޗާޓުގައި ފަލަސްޠީނު ދައުލަތް އެއްކޮށް ފޮހެލާފައިވެއެވެ. 2024 ގެ ސެޕްޓެމްބަރުގައި އޭނާ މި ޕްލޭން އިތުރަށް ތަފްޞީލުކޮށްދެމުން ދެ ޗާޓެއް ދެއްކިއެވެ. މެދުއިރުމަތީގެ އެއްބައި "ބަރަކާތްތެރި" އަދި އަނެއްބައި - ލެބަނަން، ސީރިއާ، އިރާގު އަދި އީރާން ހިމެނޭގޮތަށް - "ލަޢުނަތްލެވިފައިވާ" ކަމަށް ދައްކުވައިދެމުން، އެ ޤައުމުތަކުގެ ވެރިކަން ބަދަލުކުރުމަށް ގޮވާލިއެވެ.
އެމެރިކާގެ ސިޔާސަތުތަކުން އަހަރުމެންނަށް މިހާރު ފެންނަމުން މިދަނީ، ޒަޔަނިސްޓް ހަރުކަށި ފިކުރުގެ ބަޔަކު އެތައް އަހަރެއް ވަންދެން ފޯރުވަމުން އައި ނުފޫޒުގެ ނަތީޖާއެވެ. އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ކައިރިވެފައިވާ ކަމަށް ބުނެ އިސްރާއީލުން މިވަނީ އެ ޤައުމަށް ހަމަލާދީ ހަންގުރާމަ ފަށާފައެވެ. ނަމަވެސް އެތުހުމަތު ތަކަކީ ހަޤީޤަތާ ޚިލާފު ވާހަކައެއްކަމށް އިރާނުން ބުނަމުންދެއެވެ. އެއީ އެމެރިކާއިން އަޅާފައިވާ ދިގު މުއްދަތުގެ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށްޓަކައި ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓާލުމަށް އީރާނުން އަބަދުވެސް މަޝްވަރާކުރަން އައި ކަމެކެވެ.
1992 އިން ފެށިގެން ނެތަންޔާހޫ އާއި އޭނާގެ އައުވާނުންގެ ފަރާތްތަކުން ބުނަމުން އައީ "މަދު އަހަރުތަކެއްގެ" ތެރޭގައި އީރާނަކީ ނިއުކްލިއަރ ބާރެއް ކަމުގައި ވެގެންދާނެ ކަމަށެވެ. 1995 ގައި އިސްރާއީލީ އޮފިޝަލުންނާއި އެމެރިކާގެ އެމީހުންނަށް ތާއީދުކުރާ ފަރާތްތަކުން 5 އަހަރުގެ މުއްދަތެއް ކަނޑައެޅިއެވެ. 2003 ގައި އިސްރާއީލުގެ މިލިޓަރީ އިންޓެލިޖެންސްގެ ޑިރެކްޓަރު ވިދާޅުވީ 2004 ގެ ހޫނު މޫސުން އަންނައިރު އީރާނަކީ ނިއުކްލިއަރ ބާރަކަށް ވެގެންދާނެ ކަމަށެވެ. މިގޮތަށް މި ވާހަކަތައް ދެކެވެމުން އައިސް، 2012 ގައި ނެތަންޔާހޫ އދ. ގައި ބުނެފައިވަނީ "މަދު މަސްތަކެއް، ފަހަރެއްގައި މަދު ހަފްތާތަކެއްގެ" ތެރޭގައި އީރާނުން ފުރަތަމަ ނިއުކުލިޔާ ބޮން ތައްޔާރުކުރަން ބޭނުންވާ ވަރަށް ޔުރޭނިއަމް ތަރައްޤީ ކުރާނެ ކަމަށެވެ.
މި ސުންގަޑިތައް، 30 އަހަރަށްވުރެ ގިނަ ދުވަހު އެކި ގޮތްގޮތައް ބަދަލުވަމުން އައުމަކީ ގަސްތުގައި ރޭވިގެން ކުރެވުނު ކަމެކެވެ. މިއީ ޕްރޮޕެގެންޑާއެވެ. އަބަދުވެސް "ވުޖޫދީ ނުރައްކަލެއް" އޮވެއެވެ. އަދި މީގެ އިތުރުން، އީރާނާއެކު މަޝްވަރާކުރުމަކީ ބޭކާރު ކަމެއް ކަމަށް ނެތަންޔާހޫ ދައްކާ ދޮގު ވާހަކަތައް ވެސް ހިމެނެއެވެ. އީރާނުން އަބަދުވެސް ބުނަމުން އައީ އެ ޤައުމުން ނިއުކްލިއަރ ހަތިޔާރު ބޭނުމެއް ނުވާ ކަމަށާއި، މަޝްވަރާކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.
ޓްރަމްޕްގެ ދެވަނަ ދައުރު ފެށުމާއެކު، އިރާނާއެކު އައު މަޝްވަރާތަކެއް ފެށުމަށް އެއްބަސްވިއެވެ. އިރާނުން ނިއުކްލިއަރ ހަތިޔާރު ދޫކޮށްލުމަށާއި އައިއޭއީއޭގެ ތަހުގީގުތަކަށް ހުޅުވާލުމަށް އެއްބަސްވި ނަމަވެސް، މަދަނީ ބޭނުންތަކަށް ޔުރޭނިއަމް އުފެއްދުމުގެ ހައްގު ދޫކޮށްނުލިއެވެ. ޓްރަމްޕްގެ އިދާރާއިން މިކަމަށް އެއްބަސްވި ކަމަށް ފެނުނު ނަމަވެސް، ފަހުން އެ ނިންމުން ބަދަލުކުރިއެވެ. އޭގެ ފަހުން ފަސް ފަހަރެއްގެ މަތިން މަޝްވަރާތައް ކުރެވި، ކޮންމެ ފަހަރަކުވެސް ކުރިއެރުން ލިބޭކަމަށް ދެފަރާތުން ބުނެފައިވެއެވެ.
ޖޫން 15 ވީ އާދީއްތަ ދުވަހު ހަވަނަ ބުރުގެ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ޖޫން 12 ގައި އިސްރާއީލުން އިރާނަށް ކުއްލި ހަމަލާއެއް ދިނެވެ. މަޝްވަރާތަކުގެ ވާހަކަ ދައްކަމުން ދިޔައިރުވެސް، މި ހަމަލާގެ މައުލޫމާތު އެމެރިކާއަށް ކުރިން ލިބިފައިވާކަން ޓްރަމްޕް ކަށަވަރުކޮށްދިނެވެ.
އިސްރާއީލުގެ މި ހަމަލާއަކީ ކުރިއަށްދިޔަ މަޝްވަރާތަކުގެ މެދުތެރެއިންނާއި، "ދެ-ދައުލަތުގެ ހައްލަކަށް" ފަލަސްތީނުގެ މައްސަލަ ހައްލު ކުރަން މަޝްވަރާކުރަން ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ ބައްދަލުވުމުގެ ކުރިން ދިން ހަމަލާއެކެވެ. މި ބައްދަލުވުން މިހާރުވަނީ ފަސްކުރެވިފައެވެ.
އިސްރާއީލުގެ މި ހަމަލާގެ ސަބަބުން، އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް އިސްރާއީލުގެ ފަޅީގައި، އަދި ރަޝިޔާއާއި ޕާކިސްތާން އަދި ޗައިނާ އިރާނުގެ ފަޅިއަށް އަރައި ބޮޑު ހަނގުރާމައެއް ފެށުމަށް މަގުފަހިވެދާނެއެވެ. މީގެ ސަބަބުން ނިއުކްލިއަރ ބާރުތައް އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ނުކުމެ، ދުނިޔެ ނިއުކްލިއަރ ހަނގުރާމައަކާއި ދިމާއަށް ދާން މަގުފަހިވެދާނެއެވެ. 1947 ގައި "ޑޫމްސްޑޭ ކްލޮކް" ތައާރަފުކުރި ފަހުން، އެންމެ ނުރައްކާތެރި ހިސާބުކަމުގައިވާ "89 ސިކުންތު" މިހާރުވަނީ އަރާފަ އެވެ. ޑޫމްސްޑޭ ކޮލްކް ޖެހޭނީ 90 ސިކުންތުންނެވެ.
ވޭތުވެދިޔަ 30 އަހަރު ތެރޭގައި، ނަތަންޔާހޫއާއި އޭނާގެ ބޮޑު ބޭބެ އެމެރިކާގެ އައުވާނުންނާއި ތާއީދުކުރާ ފަރާތްތަކުން އުތުރު އެފްރިކާއިން ފެށިގެން، އެފްރިކާގެ ތޮށިގަނޑާއި، އިރުމަތީ މެޑިޓެރޭނިއަންއާއި ހަމައަށް 4،000 ކިލޯމީޓަރުގެ ސަރަހައްދެއްގައި ހުރި ގައުމުތައް ހަލާކުކޮށް، ނުވަތަ ހަމަނުޖެހުން އުފައްދާފައިވެއެވެ. މީގެ މަގުސަދަކީ ފަލަސްތީނުގެ މައްސަލައަށް ތާއީދުކުރާ ސަރުކާރުތައް ވައްޓާލައި، ފަލަސްތީން ދައުލަތެއް އުފެދުން ހުއްޓުވުމެވެ.
ކުރިއަރާފައިވާ މިއަދުގެ ދުނިޔެ މިފަދަ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ފިކުރަށްވުރެ ރަނގަޅު ގޮތެއް ހައްގުވެގެންވެއެވެ. އދ. ގެ 170 އަށްވުރެ ގިނަ ގައުމުތަކުން "ދެ-ދައުލަތުގެ ހައްލަކަށް" އަދި ސަރަހައްދީ ހަމަޖެހުމަށް ގޮވާލާފައިވެއެވެ. މިއީ އިސްރާއީލުން ގާނޫނާ ހިލާފަށް އަދި ހައްދުފަހަނައަޅާފައިވާ މަގުސަދުތަކެއްގެ ތެރެއިން ދުނިޔެ ނިއުކްލިއަރ ހަނގުރާމައަކާ ހަމައަށް ގެންދިއުމަށްވުރެ މާ ރަނގަޅު ގޮތެކެވެ.
ނަމަވެސް، ހިތާމައަކީ ޔަހޫދީންގެ ޒަމާންވީ ޕްލޭންއަށް މަސައްކަތްކޮށް މުސްލިމުން ނިކަމެތިކޮށް ފަހަރަކު ގައުމެއް ނެތިކޮށް ފަނާކުރަމުންދާއިރު އެއިރަކު އާރާއި ބާރުގައި އޮންނަ އިސްލާމީ ވެރިކަންތައް ޔަހޫދީންގެ އުނގައްއެރި އެމީހުނަށް ވާގިވެރިވަމުން އަންނަ ކަމެވެ. އިސްލާމީ ބައެއް ހިލާފުތަކުގެ ސަބަބުން އިރާގު ސުންނާފަތި ކުރިއިރު އިރާން އަތްޖަހަން އޮތްހެން މިއަދު އިރާނާއި ފަލަސްތީނު ޖެހިހުރި ހުރިހާ ގައުމެއްހެން ފަނާކޮށް ނެތިކޮށް ބާރުގެދަށަށް ގެންނަމުން ދާއިރު އަތްޖަހަން މުސްލިމު އުންމަތްތައް ހަނު ތިބުމެވެ.
"އަހަރެމެން އެންމެން މަރާލުމުގެ ކުރިން، އަނިޔާވެރި ނަތަންޔާހޫ ހުއްޓުވަން" އިސްލާމީ ގައުމުތަކުން އެކަތިގަނޑަކަށް ވާންވީ ވަގުތަކީ މިއީއެވެ. އިރާނަށްފަހު ދެން އުރުދުން ކަމުގައި ވެދާނެއެވެ. އެއަށްފަހު ޕާކިސްތާނާއި ދެންވެސް ހުރި އަރަބި ގައުމުތަކަށް އަރައިގަނެ އަތްގަދަކުރާނެކަމީ ދުރުގައިވާކަމެއް ނޫނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!