މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކުރީ ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައެވެ. ހިއްސާއަަކަށް 2 ރުފިޔާ ބަހަން ފާސްވީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި 99.5 އިންސައްތަ ހިއްސާދާރުންގެ ވޯޓުންނެވެ.
މި ޖަލްސާގައި ޖުމްލަ 156 ހިއްސާދާރުން ބައިވެރިވިއެވެ.
އެމްޓީސީސީގެ ފައިދާއަށް 2 ރުފިޔާ ބަހަން ނިންމި އިރު، އެ ކުންފުނީގެ ފައިދާ މިދިޔަ އަހަރު ވަނީ 53 އިންސައްތަ ދަށްވެފައެވެ.
އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 45 މިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު ފައިދާ އަށް ވުރެ 52 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
އެމްޓީސީސީ އަށް 2023 ވަނަ އަހަރު ފައިދާގެ ގޮތުގައި 97 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!