ފިލިޕީންސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގައި އުރީދޫ ނޭޝަން އަދި ފިލިޕީނޯސް އިން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (ފިމްބާ)ގެ ފަރާތުން ފޯރިގަދަ އެމްއެލްބީބީ ކޮމިއުނިޓީ ކްލޭޝް މުބާރާތެއް ބާއްވައިފިއެވެ.
ފިލިޕީންސް ކޮމިއުނިޓީގެ 150 އަށް ވުރެ ގިނަ މީހުން ބައިވެރިވި މިނިވަންދުވަހުގެ މި ހަރަކާތުގައި ސަގާފީ ހަރަކާތްތަކާއި ލަކީޑްރޯ އަދި އީސްޕޯޓްސްގެ އެކި ހަރަކާތްތައް ކުރިއަށްދިޔައެވެ.
ކޮމިއުނިޓީ ޑްރިވެން އީސްޕޯޓްސް މުބާރާތުގެ އެއް ވަނަ ހޯދުމަށް 70 އަށް ވުރެ ގިނަ ކުޅުންތެރިން ހިމެނޭ ގޮތަށް ޖުމްލަ 12 ޓީމެއް ވަނީ ވާދަކޮށްފައެވެ. މިމުބާރާތް ބާއްވާފައިވަނީ މާލޭގެ އޯޓީޕީ ރެސްޓޯރަންޓުގައި މިމަހުގެ 12 އަދި 13ގައެވެ.
"ތާސްޑޭ ކްލަބުން" ޗެމްޕިއަންކަން ހޯދިއިރު، އިނާމު ފައިސާގެ ގޮތުގައި 7،500 ރުފިޔާ އާއި ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 5ޖީ އެއާފައިބާއެއް ވަނީ ދީފައެވެ. ދެ ވަނަ ކާމިޔާބުކުރި ވޮރިއާސް ޕީއެޗް އަށް 4،500 ރުފިޔާ ގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. އަދި ތިން ވަނަ ހޯދި މަލިގްނޯ ޓީމަށް 3000 ރުފިޔާ ވަނީ ދީފައެވެ.
އުރީދޫ ނޭޝަންގެ މި ހާއްސަ އެޑިޝަނަކީ ހަމައެކަނި މުބާރާތެއް ނޫނެވެ. އެއީ ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ މުޖުތަމައުގެ ތެރޭގައި އެއްބައިވަންތަކަމާއި ހުނަރުވެރިކަމާއި ސަގާފީ ފަޚުރު ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއް ކަމަށް އުރީދޫން ބުންޏެވެ.
ޓެކްނޮލޮޖީ އާއި އީސްޕޯޓްސްގެ ބާރުން ތަފާތު މުޖުތަމައުތަކަށް އެއްބައިވަންތަކަށް އުފައްދާދީ ގުޅާލުމަކީ އުރީދޫ ފަޚުރުވެރިވާ ކަމެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!