ދަރިންނަށް ދެވޭ އެންމެ މުހިންމު އަދި އަގުހުރި ނަސޭހަތްތަކުގެ ތެރޭގައި، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ލުޤްމާނުގެފާނު އެ ބޭކަލުންގެ ދަރިކަލުންނަށް ދެއްވި ނަސޭހަތްތައް ހިމެނެއެވެ. މި ނަސޭހަތްތަކަކީ ކޮންމެ މުސްލިމެއްގެ ދިރިއުޅުމުގައިވެސް ވަރަށް މުހިންމު އަދި ބޭނުންތެރި ނަސޭހަތްތަކެކެވެ.
ލުޤްމާނުގެފާނުގެ ނަސޭހަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ނަސޭހަތަކީ ﷲ އަށް ޝަރީކު ނުކުރުމެވެ. ޝިރުކަކީ އެންމެ ބޮޑު ފާފައެވެ. މިކަމުގެ ނުރައްކާތެރިކަން ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. އެއީ އިންސާނާގެ ދުނިޔެއާއި އާޚިރަތް ހަލާކުވެގެންދާނެ ކަމެކެވެ.
ދެވަނައަށް އެންމެ މުހިންމު ނަސޭހަތަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. ޚާއްޞަކޮށް މަންމަގެ ޙައްޤުތަކާއި، އެ މައިންގެ ޤުރުބާނީތައް ފާހަގަކުރައްވާފައިވެއެވެ. މައިންބަފައިންނަށް އިޙްތިރާމްކުރުމާއި، އެ ދެ ބޭކަލުންގެ ޚިދުމަތުގައި ދެމިހުރުމަކީ ކޮންމެ ދަރިއެއްގެ މައްޗަށްވެސް ވާޖިބުވެގެންވާ ކަމެކެވެ.
ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ލުޤްމާނުގެފާނު އެ ބޭކަލުންގެ ދަރިކަލުންނަށް ނަމާދުގެ މުހިންމުކަން ވަރަށް ބޮޑަށް ބަޔާންކޮށްދެއްވިއެވެ. ނަމާދަކީ އަޅުވެރިޔާއާއި ﷲ އާ ދެމެދު އޮންނަ ސީދާ ގުޅުމެވެ. އަދި ހިދާޔަތާއި ބާރުގެ މަސްދަރެވެ.
މުޖުތަމަޢުގައި ހެޔޮކަންތައް އިތުރުކޮށް، ނުބައި ކަންތައްތައް މަދުކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެކެވެ. މިކަމަށް ލުޤްމާނުގެފާނު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައިވެއެވެ. ދިރިއުޅުމުގައި ދިމާވާ އުނދަގޫތަކާއި ދަތިތަކުގައި ކެތްތެރިވުމަކީ ވަރަށް މުހިންމު ސިފައެކެވެ. ކެތްތެރިކަމަކީ އީމާންކަމުގެ ބައެކެވެ. އަދި ކެތްތެރިންނަށް ﷲ ވަނީ ޖަންނަތުގެ ވަޢުދު ކުރައްވާފައެވެ.
ބޮޑާވެ، ފަޚުރުވެރިވުމަކީ ﷲ ރުހިވޮޑިނުގަންނަވާ ކަމެކެވެ. އެހެންކަމުން، ތަވާޟުޢުވެރިކަމާއެކު އުޅުމަށާއި، ހުރިހާ ކަމެއްގައިވެސް މެދުމިނުގައި ދެމިހުރުމަށް ލުޤްމާނުގެފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ. މީގެ ތެރޭގައި ވާހަކަދެއްކުމާއި، ހިނގާބިނގާވެ އުޅުމުގައިވެސް މެދުމިނުގައި ހުރުން ހިމެނެއެވެ.
ލުޤްމާނުގެފާނުގެ މި ޙިކުމަތްތެރި ނަސޭހަތްތަކަކީ ހަމައެކަނި އެ ބޭކަލުންގެ ދަރިކަލުންނަށް އެކަންޏެއް ނޫނެވެ. މުޅި އިންސާނިއްޔަތަށް ދެއްވާފައިވާ އަގުހުރި ނަސޭހަތްތަކެކެވެ. މި ނަސޭހަތްތަކަށް ޢަމަލުކުރުމަކީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށް މަގުފަހިވެގެންދާނެ ކަމެކެވެ.
ތިރިގައި މިވަނީ ސޫރަތުލް ލުޤްމާނުގެ 12 ވަނަ އާޔަތުން 19 ވަނަ އާޔަތުގެ ތަފްސީރެވެ.
وَلَقَدْ ءَاتَيْنَا لُقْمَـٰنَ ٱلْحِكْمَةَ أَنِ ٱشْكُرْ لِلَّهِ ۚ وَمَن يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ حَمِيدٌ ﴿١٢﴾
ހަމަކަށަވަރުން ތިމަންރަސްކަލާނގެ ހެޔޮލަފާ އަޅާ ލުޤްމާނަށް ތިމަންރަސްކަލާނގެ ޙިކްމަތް ދެއްވީމެވެ. އެބަހީ، މާތް ﷲގެ ދީނުގެ ޙުކުމްތަކުގެ ޢިލްމާއި، ބަސްބުމުނުމުގައި ސީދާކަން ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލޭގެފާނު މާތްކުރައްވައި، ކަލޭގެފާނަށް ޢިލްމާއި ޙިކްމަތުގެ ތަފާތު ފަންނުތައް ދެއްވިކަމަށްޓަކައި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ޝުކުރު ކުރައްވާށެވެ. ފަހެ، ޝުކުރުކުރާ މީހާ ދަންނާށެވެ. އޭނާގެ ޝުކުރުގެ ދަރުމަ ލިބޭނީ ހަމަ އޭނާއަށެވެ. އަދި އެކަމުގެ ފައިދާ ކުރާނީ ހަމަ އޭނާއަށެވެ. އަދި ނިޢުމަތަށް ކުފުރުވާ މީހާ ދަންނާށެވެ. ފަހެ، އޭނާ ގެއްލުންދޭކަން ކަށަވަރީ އޭނާގެ އަމިއްލަ ނަފުސަށެވެ. އެހެނީ، މާތް ﷲއީ އަޅުތަކުން ފިޔަވައި ފުދިވޮޑިގެންވާ، ހުރިހާ ޙާލެއްގައި ޙަމްދުލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. ކިޔަމަންވުމުން އެކަލާނގެއަށް ލިބޭނެ ފައިދާއެއް، އަދި އުރެދުމުން އެކަލާނގެއަށް ލިބޭނެ ގެއްލުމެއް ނެތެވެ.
وَإِذْ قَالَ لُقْمَـٰنُ لِٱبْنِهِۦ وَهُوَ يَعِظُهُۥ يَـٰبُنَىَّ لَا تُشْرِكْ بِٱللَّهِ ۖ إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌ ﴿١٣﴾
ލުޤްމާނު އަލްޙަކީމު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭހަތް ހަނދުމަކުރާށެވެ. އޭނާއަށް ނަސޭހަތް ދެއްވައި އިރުޝާދު ދެއްވަމުން އެކަލޭގެފާނު ވިދާޅުވިހިނދުއެވެ. ދަރިފުޅާއެވެ! މާތް ﷲއާއެކު އެއްވެސް އެއްޗެއް، އިންސާނެއް ވިޔަސް، ބުދެއް ވިޔަސް އަދި ދަރިއެއްވެސް ތިބާ ޝަރީކުނުކުރާށެވެ. ފަހެ، ޝިރުކަކީ އޭގެ ނަތީޖާ ނުބައިވެގެންވާ ހުތުރު ޢަމަލެކެވެ. އެހެނީ، ޚާލިޤުވަންތަ ރަސްކަލާނގެއާ މަޚްލޫޤުން އަދި ކަލާނގެއާ ބުދުތައް ހަމަހަމަކުރާ މީހާއީ އެންމެ މޮޔަ މީހާއެވެ. އަދި ބުއްދި އާއި ޙިކްމަތުގެ އުޞޫލުތަކާ އެންމު ދުރު މީހާއެވެ. އެހެންކަމުން، އޭނާ ހައިވާނުންގެ ތެރޭގައި ހިމެނުން އޭނާއަށް ޙައްޤެވެ.
وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ حَمَلَتْهُ أُمُّهُۥ وَهْنًا عَلَىٰ وَهْنٍ وَفِصَـٰلُهُۥ فِى عَامَيْنِ أَنِ ٱشْكُرْ لِى وَلِوَٰلِدَيْكَ إِلَىَّ ٱلْمَصِيرُ ﴿١٤﴾
އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަންގަވައި، ގަދަވެގެންވާ ވަޞިއްޔަތް ތިމަންރަސްކަލާނގެ އޭނާއަށް ކުރެއްވީމެވެ. ވަކިން ޚާއްޞަކޮށް ތުއްތު ކުއްޖެއްގެ ގޮތުގައި މާބަނޑުގައި އުފުލިއެވެ. ﴿وَهْنًا عَلَىٰ وَهْنٍ﴾ ބަލި ނިކަމެތިކަމުގެ މައްޗަށް ބަލި ނިކަމެތިކަމެވެ. ބަލިވެ އިން ހިނދުން ފެށިގެން ވިހާ ވަގުތާއި ހަމައަށެވެ. ﴿وَفِصَـٰلُهُ﴾ އަދި ގާތުން ކިރު ބުއިމުގެ މުއްދަތު ނިމި، ކިރުތުނބުން ވީއްލުން ވަނީ ފުރިހަމަ ދެއަހަރުގައެވެ. އަދި ތިމަންރަސްކަލާނގެ އޭނާއަށް އެންގެވީމެވެ. ހައްދަވައި އީމާންކަމަށް މަގުދެއްކެވި ކަމަށްޓަކައި ތިބާގެ ވެރިރަސްކަލާނގެއަށް ޝުކުރުވެރިވާށެވެ. އަދި ތިބާ ތަރުބިއްޔަތުކޮށް ތިބާގެ މައްޗަށް އިޙްސާންތެރިވީ ކަމަށްޓަކައި ތިބާގެ މައިންބަފައިންނަށް ޝުކުރުވެރިވާށެވެ. އެނބުރި ދިއުން ވަނީ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. ދެން، ހެޔޮ ޢަމަލުކުޅަ މީހާއަށް ހެޔޮ ޖަޒާ އަދި ނުބައި ޢަމަލުކުޅަ މީހާއަށް ނުބައި ޖަޒާ ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ.
وَإِن جَـٰهَدَاكَ عَلَىٰٓ أَن تُشْرِكَ بِى مَا لَيْسَ لَكَ بِهِۦ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِى ٱلدُّنْيَا مَعْرُوفًا ۖ وَٱتَّبِعْ سَبِيلَ مَنْ أَنَابَ إِلَىَّ ۚ ثُمَّ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴿١٥﴾
ތިބާ މާތް ﷲއަށް ޝަރީކުކުރުމަށް އެ ދެމީހުން ކިތަންމެ ގަދަ އަޅައި މަސައްކަތްކުރިއަސް، އެކަމުގައި ތިބާ އެ ދެމީހުންނަށް ތަބަޢަނުވާށެވެ. ޚާލިޤުވަންތަ ރަސްކަލާނގެއަށް އުރެދުމުގައި އެއްވެސް މަޚްލޫޤަކަށް ކިޔަމަންތެރިވުން ނުވާތީއެވެ. ﴿وَصَاحِبْهُمَا فِى ٱلدُّنْيَا مَعْرُوفًا ۖ وَٱتَّبِعْ سَبِيلَ مَنْ أَنَابَ إِلَىَّ ۚ ثُمَّ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ﴾ އަދި އެ ދެމީހުން ކާފިރުން ކަމުގައި ވިޔަސް، ދުނިޔޭގައި ހެޔޮގޮތުގައި، އިޙްސާންތެރިކަމާއެކު އެ ދެމީހުންނާއެކު އުޅޭށެވެ. އެ ދެމީހުންގެ ކާފިރުކަން އެއީ އެ ދެމީހުން ދަރިންނަށް ކޮށްދިން ހެޔޮކަމާއި، އެ ދަރިންނަށްޓަކައި އެބައިމީހުން އުފުލި ބުރަ ބޭކާރުވެގެން ދާންޖެހޭ ކަމެއް ނޫނެވެ. ދެން، އެއްކައުވަންތަކުރާ މުއުމިނުންގެ މަގުން ހިނގުމަށް ތިމަންރަސްކަލާނގެ އޭނާއަށް އަމުރުކުރެއްވީމެވެ. މިއީ ލުޤުމާނު އަލްޙަކީމުގެ ވަޞިއްޔަތުގެ މެދަށް އައިސްފައިވާ އިއުތިރާޒީ ދެއާޔަތެވެ. ޝިރުކުގެ ނުބައިކަން ހާމަކުރެއްވުމަށެވެ. އެކަލާނގެ މިފަދައިން ވަޙީ ކުރައްވާ ކަހަލައެވެ. ތިމަންރަސްކަލާނގެ އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ކިޔަމަންވެ، ކަމޭހިތުމަށް އަމުރުކުރައްވާފައި ވުމާއެކުވެސް، އެ ދެމީހުން މާތް ﷲއަށް ޝިރުކުކުރުމަށާއި އުރެދުމަށް އޭނާއަށް އަމުރުކޮށްފިނަމަ އެ ދެމީހުންނަށް ކިޔަންނުވުމަށް ތިމަންރަސްކަލާނގެ އިންޒާރުކުރެއްވީމެވެ. އެހެނީ، ޚާލިޤުވަންތަ ރަސްކަލާނގެއަށް އުރެދުމުގައި އެއްވެސް މަޚްލޫޤަކަށް ކިޔަމަންވުމެއް ނުވެއެވެ. ދެން ލުޤްމާނުގެ އެހެން ވަޞިއްޔަތްތަކުގެ ވާހަކަ ގެންނަވަމުން މާތް ﷲ ވަޙީކުރައްވަނީ
يَـٰبُنَىَّ إِنَّهَآ إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِى صَخْرَةٍ أَوْ فِى ٱلسَّمَـٰوَٰتِ أَوْ فِى ٱلْأَرْضِ يَأْتِ بِهَا ٱللَّهُ ۚ إِنَّ ٱللَّهَ لَطِيفٌ خَبِيرٌ ﴿١٦﴾
ލުޤްމާން ވިދާޅުވަނީ: ދަރިފުޅާއެވެ! ހަމަކަށަވަރުން ފާފައާއި، އުރެދުން ކިތަންމެ ކުޑަ ކަމުގައިވިޔަސް، ކުޑަވެގެން ގޮސް ރެވިއޮށްޓަރެއްގެ މިންވަރު ކަމުގައި ވިޔަސް، އަދި ބިމުގެ އަޑީގައި، އަދި ޖައްވުގެ އެންމެ ދުރު ހިސާބުތަކުގައި ކިތަންމެ އުނދަގޫ ސިއްރު ތަނެއްގައި ވީ ކަމުގައި ވިޔަސް، މާތް ﷲ އެފާފައެއް ގެންނަވައި އެއަށް ޖަޒާދެއްވާނެއެވެ. ފަހެ، މާތް ﷲއީ ފޮރުވިފައިވާ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
يَـٰبُنَىَّ أَقِمِ ٱلصَّلَوٰةَ وَأْمُرْ بِٱلْمَعْرُوفِ وَٱنْهَ عَنِ ٱلْمُنكَرِ وَٱصْبِرْ عَلَىٰ مَآ أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ ﴿١٧﴾
ދަރިފުޅާއެވެ! ނަމާދު އޭގެ ޚުޝޫޢަތްތެރިކަމާއި، ފަރުޟުތަކާއި، އަދަބުތަކާއެކު އޭގެ ވަގުތުގައި އަދާކުރުމަށް ރައްކާތެރިވާށެވެ. އަދި ކޮންމެ ހެޔޮ ކަމަކަށް މީސްތަކުންނަށް ގޮވައިލައި، ކޮންމެ ނުބައިވެގެންވާ ހުތުރު ޢަމަލެއް އެބައިމީހުންނަށް ނަހީކުރާށެވެ. އަދި ނުބައިމީހުންގެ ފަރާތުން ތިބާއަށް ކުރިމަތިވާ މުޞީބާތްތަކަށާއި އިމްތިޙާނުތަކަށް ކެތްކުރާށެވެ. އެހެނީ، ޙައްޤުގެ މަގަށް ގޮވައިލާ މީހާ މިފަދަ ހުރިހާ ދުއްތުރާލަކާ ކުރިމަތި ލާނެއެވެ. ފަހެ، އެކަންތައްތަކަކީ ޢިއްޒަތްތެރިކަމާއި މަތިވެރިވަންތަކަމުގެ ވެރިރަސްކަލާނގެ އެކަންކަމަށް ހިތްވަރުދެއްވާފައިވާ، ޢަޒުމް ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّ ٱللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ﴿١٨﴾
އަދި މީސްތަކުންގެ މައްޗަށް ކިބުރުވެރިވެ، އަމިއްލަ ނަފުސާމެދު ފަޚުރުވެރިވެ، އަނެކުން ނިކަމެތިކޮށްލުމަށް ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ. އަދި ބޮޑާވެގަނެ، ފަޚުރުވެރިވާ ޙާލު ބިންމަތީގައި ނުހިނގާށެވެ. ޢަރަބި ބަހުގައި مرح އަކީ ބޮޑާވެގަތުމާއި އަމިއްލަ ނަފުސާމެދު ފަޚުރުވެރިވުމެވެ. ﴿إِنَّ ٱللَّـهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ﴾ ހަމަކަށަވަރުން އަމިއްލަ ނަފްސު މޮޅުކަމަށް ދެކި، ފަޚުރުވެރިކަމާއެކު ހިނގާ، އެހެން މީހުންނަށް ތިމާގެ ފަޚުރުވެރިކަން ދައްކ،ާ ބޮޑާ ކޮންމެ މީހަކަށް މާތް ﷲ ރުހިވޮޑިނުގަންނަވައެވެ. އޭނާއަށް ނުބައި އަޚްލާޤީ ސިފަތައް ނަހީކުރެއްވުމަށްފަހު ދެން މިވަނީ ރިވެތި އަޚްލާޤީ ސިފަތަކަށް އަމުރުކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވަނީ
وَٱقْصِدْ فِى مَشْيِكَ وَٱغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ ٱلْأَصْوَٰتِ لَصَوْتُ ٱلْحَمِيرِ ﴿١٩﴾
ދަރިފުޅާއެވެ! ތިބާ ހިނގާއިރު މަޑުމައިތިރިކަމާ، ހަމަހިމޭންކަމާއެކު، މެދުމިނަށް ހިނގާށެވެ. ފަހެ، ބާރަށް ހިނގުމަކީ މޮޔައިންގެ ސިފައެކެވެ. މަޑުން ހިނގަނީ ބަލިކަށި މީހުންނެވެ. އެދެ ހިނގުމަކީވެސް ނުރަނގަޅު ދެހިނގުމެވެ. ﴿وَٱغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ ٱلْأَصْوَٰتِ لَصَوْتُ ٱلْحَمِيرِ﴾ އަދި ވާހަކަދައްކާއިރު ތިބާގެ އަޑު މަޑުކުރާށެވެ. ފަހެ، ތިބާ އަޑުގަދަ ނުކުރާށެވެ. އެއީ، ބުއްދިވެރިންނާ އެކަށީގެން ނުވާ ހުތުރު ކަމަކަށް ވާތީއެވެ. އަދި ހަމަކަށަވަރުން އަޑުތަކުގެ ތެރެއިން އެންމެ ހުތުރު އަޑަކީ ޙިމާރުގެ އަޑެވެ. އެހެންކަމުން، ބޭނުން ވަރަށް ވުރެ އަޑުގަދަ ކޮށްފި މީހާ ހިމާރެއް ފަދައެވެ. އަލްޙަސަނުލްބަޞްރީ ވިދާޅުވިއެވެ. މުޝްރިކުން އަޑުގަދަކުރުމާމެދު ފަޚުރުވެރިވާ ކަމުގައި ވިއެވެ. ދެން އެބައިމީހުންނަށް ރައްދު ދެއްވަމުން މާތް ﷲ އަންގަވަނީ، އެހެންކަމުގައިވާނަމަ ހިމާރު އެބައިމީހުންނަށް ވުރެ މާ ރަނގަޅު ކަމުގައެވެ. ޤަތާދާ ވިދާޅުވިއެވެ. "އެންމެ ހުތުރު އަޑަކީ ހިމާރުގެ އަޑެވެ. އެއަޑުގެ ފެށުމަކީ ބޭރަށްލާ ނޭވާގެ އަޑެވެ. ނިމުމަކީ އެތެރެއަށް ލާ ނޭވާގެ އަޑެވެ." މާތް ﷲ އެއަޑުން މިސާލުޖައްސަވާފައި ވަނީ އެހެންވެގެންނެވެ. އެއަޑު ހުތުރުވެފައި ނުބައިކަމުންނެވެ. މިހާ ހިސާބަށް ލުޤްމާނުގެ ނަސޭހަތްތައް ނިމުނީއެވެ. އެއީ އެ ޞާލިޙު އަޅާ ލުޤްމާން އަލްޙަކީމަށް މާތް ﷲ ދެއްވި މޮޅު ޙިކްމަތެރިކަމުގެ ތެރެއިން އައި އަގުބޮޑު މުތީތަކެކެވެ. ދެން މިވަނީ މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތްތައް އެބައިމީހުންނަށް ހަނދާންކޮށްދެއްވާފައެވެ. އެބައިމީހުން އެ ނިޢުމަތްތަކަށްޓަކައި އެކަލާނގެއަށް ޝުކުރުވެރިވުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!