ޙައްޖުގެ އަޅުކަން ނިމިގެންދާއިރު، މުއުމިނުންގެ ހިތްތަކުގައި އުފެދޭ އިޙްސާސްތަކަކީ ވަރަށް ޚާއްޞަ އިޙްސާސްތަކެކެވެ. އެއީ އުފަލާއި ހިތާމައިގެ އިޙްސާސްތަކެވެ. އުފާވެރިކަން ލިބެނީ މާތްﷲ ގެ ޙަޟްރަތުން ލިބުނު މި މަތިވެރި ނިޢުމަތް ފުރިހަމަކުރެވުނީތީއެވެ. ހިތާމަވެރިކަން ލިބެނީ މި މުބާރަކު ދުވަސްތައް ނިމިގެން ދާތީއެވެ.

ޙައްޖުގެ އަޅުކަން ނިމިގެންދާއިރު، އެންމެ މުހިންމު އެއްކަމަކީ މާތްﷲ ގެ ޙަޟްރަތުން މި އަޅުކަން ޤަބޫލުކުރެއްވުމަށް އެދި ދުޢާކުރުމެވެ. އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނު ކަޢުބާގެ ބިންގާ އުފުއްލެވިއިރުވެސް ކުރެއްވި ދުޢާއަކީ "رَبَّنَا تَقَبَّلْ مِنَّآ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ" އެވެ. އެބޭކަލުންގެ ފަދަ މަތިވެރި ނަބިއްޔުންވެސް އަޅުކަން ޤަބޫލުވުމާމެދު ބިރުވެތިވެވަޑައިގަތެވެ.

Ad
rt
وَإِذْ يَرْفَعُ إِبْرَاهِيمُ الْقَوَاعِدَ مِنَ الْبَيْتِ وَإِسْمَاعِيلُ رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ (2:127)
އަދި އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު، ހަނދުމަކުރާށެވެ! (އެހިނދު ދުޢާކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (2:127)

އެތައް ބަޔަކު މި މަތިވެރި އަޅުކަމަށް އެދި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރިނަމަވެސް، އެ ނަސީބު ނުލިބި ދުނިޔެ ދޫކޮށްފައިވެއެވެ. ނަމަވެސް މިއަހަރު މާތްﷲ އިޚްތިޔާރު ކުރެއްވީ ތިޔަބޭފުޅުންނަށެވެ. މިފަދަ މަތިވެރި ނިޢުމަތަކަށްޓަކައި ޝުކުރުވެރިވުމަކީ ކޮންމެ މުއުމިނެއްގެ މައްޗަށްވެސް ވާޖިބުވެގެންވާ ކަމެކެވެ.

އަޅުކަމެއް ކުރުމަށްފަހު އޭގެ މައްޗަށް ބަރޯސާވެ، މަޤްބޫލުވާނެކަމުގެ ޔަޤީންކަން ގެންގުޅުމަކީ ރަނގަޅުކަމެއް ނޫނެވެ. އަޅުކަން ޤަބޫލުވާނެކަމުގެ އުންމީދު ކުރާއިރު، އެކަމުގައި ހުރެދާނެ އުނިކަމަކުން ޤަބޫލުނުވެދާނެކަމުގެ ބިރުވެރިކަންވެސް އޮންނަންވާނެއެވެ.

ޢަލީ ބިން އަބީ ޠާލިބް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ: "ހެޔޮ ޢަމަލެއް ކުރުމަށްވުރެ، އެ ޢަމަލު ޤަބޫލުވުމާމެދު ކަންބޮޑުވާށެވެ. މާތްﷲ ވަޙީކުރައްވާފައިވާ ފަދައިން، ހަމައެކަނި ތަޤްވާވެރިންގެ ކިބައިން މެނުވީ ޤަބޫލެއް ނުކުރައްވާނެއެވެ."

މާތްﷲ އަޅަމެންގެ ޙައްޖު ޤަބޫލުކުރައްވާށިއެވެ. އަޅަމެންގެ ފާފަތައް ފުއްސަވާށިއެވެ. އަދި އަޅަމެން އަނބުރާ ވަޒަނަށް ދާއިރު، އައު ދިރިއުޅުމެއް ފެށުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ. އަދި އެންމެ ފަހުން އަޅަމެން އެންމެންނަށް ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާށިއެވެ. އާމީން!