ދ. ކުޑަހުވަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ކުޑަހުވަދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ. އެގޮތުން މަޝްރޫޢުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުން ކުރިއަށްގެންދަނީ އެއްގަމު ތޮށީގެ މަސައްކަތްކަމަށް އެމްޓީސީސީން ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން 103122 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި ، 5545 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 180 މީޓަރުގެ ބޭރުތޮއްޓެއް ލުމުގެ އިތުރުން 372 މީޓަރުގެ އެއްގަމު ތޮށިލުމާއި، 115 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މީގެއިތުރުން، 70 މީޓަރުގެ ދިގު އަދި 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 90 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 2265 އަކަ މީޓަރުގެ ޕޭވްމެންޓެއް ހެދުމުގެ އިތުރުން، ބަނދަރު ބައްތި އާއި މޫރިންގް ބޯއީސް ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މި މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 83.3 މިލިޔަން ރުފިޔާއަށެވެ.

ކުޑަހުވަދޫ ބަނދަރު ތަރައްްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމޭއިރު ދަތުރުފަތުރާއި އަދި އިޤްތިސާދީގޮތުން ކުޑަހުވަދޫ ރައްޔިތުންނަށް ގިނަ ފަައިދާތަކެއް ކުރާނެކަމަށް އެމްޓީސީސީން ބުނެއެވެ.