ރ. އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.
ސަަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ. ރ. އަތޮޅުގެ ވެރިކަން ކުރާ ރަށް، އުނގޫފާރުގެ މައި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަޝްރޫއު ވެސް ކުރިއަށް ގެންދިޔައީ އެ ކުންފުނިންނެވެ: އެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ހަވާލުކުރީ 4 ނޮވެމްބަރު 2021ގައެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 21 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން 8،626.55 އަކަ މީޓަރުގެ ތާރު އަޅާފައިވާ ދުއްވާ ސަރަހައްދެއް ހަދާފައިވާއިރު 2،537.75 އަކަ މީޓަރުގެ ޕޭވްމަންޓް ވަނީ ހަދާފައެވެ. އަދި ސާވިސް ލައިން އާއި މަގުމަތީ ނިޝާންތައް ހަރުކޮށް، މަގުމަތީ ކަފިހިހުރަސް ކުރަހައި ފެން ހިންދާ ނިޒާމެއްވެސް ވަނީ ގާއިމުކޮށްފައެވެ.
އެމްޓީސީސީން ބުނީ އުނގޫފާރު މަގުތައް ތަރައްގީކޮށް ނިމުމުން އެ ރަށުގެ ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހޫނުގަދަ މޫސުންތަކުގައި މަގުތައް ހިރަފުސްވުމުންނާއި ވިއްސާރަ ދުވަސްތަކުގައި ކިސަޑު ހެދި މަގުތައް ޗަކަވުމުން ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި މީގެ ކުރިން ހުންނަ އަނޑިގުޑަންތައް ނެތުމުން މަގުގައި ހިނގާ މީހުންނަށާއި އެއްގަމުގައި ދުއްވާ އުޅަނދުތަކަށް ފަސޭހަތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!