ދައުލަތުގެ ބަޖެޓުން މިދިޔަ މަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދުތައް ދަށްވެ، 1.2 ބިލިއަން ރުފިޔާ އަރަނިވެރިވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، ފާއިތުވި ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 15.3 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެއީ ނިމިގެންދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 16.3 އިންސައްތަ ދަށް އަދަދެކެވެ.

Ad
rt

މި މުއްދަތުގައު ދައުލަތުގެ ރިކަރަންޓް ހަރަދު ދެ ޕަސަންޓަށް ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 65.5 ޕަސަންޓަށް ދަށްވެފައެވެ.

ހިސާބުތައް ދައްކާ ގޮތުން ހަރަދުތައް ދަށްކުރެވުނު ނަމަވެސް އާސަންދަ އަށާއި ހިދުމަތް ދިނުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށާއި ލޯނުގެ ހިދުމަތަށް ހަރަދުކޮށްފައިވާ މިންވަރު، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު ވަނީ އިތުރުވެފައެވެ. އެގޮތުން ދައުލަތުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ދެއްކި ފައިސާގެ މިންވަރު 151.8 އިންސައްތަ އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާގެ އަދަދު 47.1 އިންސައްތަ ވަނީ އިތުރުވެފައެވެ.

މި އަހަރުގެ ބެޖެޓުގައި ޕީއެސްއައިޕީއަށް 12.4 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓުގައި ޖަހާފައިވާއިރު ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީއަށް ހަރަދުކޮށްފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް މެއި މަހުގެ 29ގެ ނިޔަލަށް 16.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި 13 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ އަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 78.4 އިންސައްތައެވެ. ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނައި ބަދަލާ ގުޅިގެން ޖީޖީއެސްޓީ، ޓީޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 14.8 އިންސައްތަ ވަނީ އިތުރުވެފައެވެ.