އޭޕްރިލްއަށްވުރެ މެއި މަހުގެ ކަރަންޓު ބިލު ބޮޑުކަމަށްދަކަނީ މެއި މަހު ޑިސްކައުންޓް ދީފައިވާތީ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިހެން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޓެރިފއ ރޭޓުތައް އަގުހެޔޮ ކުރެއްވުމުންވެސް މިދިޔަ އޭޕްރިލް މަހަށްވުރެ މެއި މަހުގެ ބިލުތައް ބޮޑުވުމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރަމުންދާތީއެވެ.

Ad
rt

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން މިދިޔަ މެއި މަހުގެ ބިލް ހެދުމުންވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީ ކަމަށެވެ. މި ޑިސްކައުންޓަކީ ރަމަޟާން މަހާ ގުޅިގެން ރައީސް ދެއްވި ޑިސްކައުންޓެކެވެ.

އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ 3 ބިލުތައް އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާއި އަޅައި ކިޔުމުން ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެ ތިން ބިލަކީ ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ 2 ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލެވެ.

ސްޓެލްކޯއިން ބުނީ ޑިސެމްބަރ 2024 ނުވަތަ ޖަނަވަރީ 2025 ގެ ބިލާއި، އައު ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަޤީޤީ ފަރަޤު ސާފުވާނެ ކަމަށެވެ.