ސޫރަތުލް ބަޤަރާގައި ޙައްޖުގެ އާޔަތްތައް ނިމިގެންދަނީ ޤިޔާމަތްދުވަހުގެ ވާހަކައިންނެވެ. އަދި ސޫރަތުލް ޙައްޖު ފެށިގެންދަނީ ޤިޔާމަތްދުވަހުގެ ބިންހެލުމުގެ ވާހަކައިންނެވެ. ޙައްޖާއި އާޚިރަތާ ދެމެދު ވަނީ ވަރަށް ފުން ގުޅުމެކެވެ. މިކަމުންވެސް ދޭހަވަނީ ޙައްޖަކީ އާޚިރަތުގެ ދިރިއުޅުމަށް ތައްޔާރުވުމުގެ އެންމެ މުހިންމު ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމްކަމެވެ.

ޙައްޖަކީ އާޚިރަތުގެ މަތިން ހަނދާންކޮށްދޭ އެންމެ މުހިންމު އެއް އަޅުކަމެވެ. މި އަޅުކަމުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބެނީ އާޚިރަތުގެ ދިރިއުޅުމުގެ ކުޑަ ތަޞައްވުރެކެވެ. އެހެންކަމުން، ޙައްޖުގެ އަޅުކަން އަދާކުރުމުގައި މި ޙިކުމަތްތައް ވިސްނައިލުމުން، ޙައްޖުގެ އަޅުކަމުން އަޅުގަނޑުގެ ހިތުގައި ކުރަހާލަދޭ އާޚިރަތުގެ ވާހަކަތަކެވެ.

Ad
rt

ޙައްޖު ދަތުރަށް ފުރުމުގެ ކުރިން ދަރަނި އަދާކޮށް، ވަޞިއްޔަތް ލިޔެ، ލޯބިވާ މީހުންނާ ވަކިވެލަނީ އެންމެ ފަހު ދަތުރަށް ފުރާ ފަދައިންނެވެ. ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ލިބޭނެކަން ހަނދާންކުރަމުން ތައްޔާރުވެގެންނެވެ. އެދުވަހަށް ތައްޔާރުވާން އެންމެންގެ ހިތްހަލާލު ހޯދާ، މައިމީހާގެ ބަނޑުން ވިހޭ ފަދައިން ވުމުގެ އުންމީދުގަ އެވެ.

ދުނިޔަވީ ހެދުން ބާލައި އިޙްރާމުގެ ފޭރާން ލުމަކީ ކަފުނުގެ ރަމްޒެކެވެ. އިޙްރާމުގެ ދެފޮތިކޮޅު އެކަނި އޮޅާލައިގެން ހުރިގޮތުން ކަފުނުގެ ވާހަކަ ހަނދާންކޮށްދެއެވެ. އެއް ކޮނޑު ހާމަކޮށް ހުންނައިރު، ޤިޔާމަތްދުވަހު އިންސާނުން ފައިދޮށުން އެއްވެސް އެއްޗެއް ނެތި، ހަށިގަނޑު ހާމަވެފައި ތިބޭނެކަން ހަނދާންވެއެވެ. ރަސޫލު ﷺ ޙަދީޘްކުރެއްވި ފަދައިން، އެދުވަހުގެ ބިރުވެރިކަން ބޮޑުވުމުގެ ސަބަބުން އެކަކުވެސް އަނެކަކުގެ ހާމަކަމަށް ސަމާލުކަމެއް ނުދޭނެއެވެ. މަހުޖަނެއް ފަގީރެއް ތަފާތުކުރުމެއްނެތި އިޙްރާމުވެސް ބަނދެއެވެ. މަރުވުމުން މަހުޖަނެއް ފަގީރެއް ތަފާތުކުރުމެއްނެތި 7 ތަނުން ބަނދެ ކަފުން ކުރެއެވެ.

ކަޢުބާގެ ވަށައިގެން ޠަވާފުކުރުމަކީ އަޅުކަމުގެ އުފާވެރިކަމާއި ސުވަރުގޭގެ ނިޢުމަތްތަކުގެ ވާހަކަ ހަނދާންކޮށްދޭ ކަމެކެވެ. ޞަފާ މަރްވާގައި ކުރާ ސަޢީއަކީ ޤިޔާމަތްދުވަހު އިންސާނުން ނަބިއްޔުންގެ ގާތަށް ޝަފާޢަތަށް އެދި ދުވާނެ ދުވުމުގެ ހަނދާނެކެވެ. އަދި ސަޢީކުރުމުގައި ހާޖަރުގެފާނު ދުވެފައި ވަޑައިގަތްގޮތް ހަނދާންކުރުމަކީ އާޚިރަތުގައި ﷲ އަށްޓަކައި ކެތްތެރިވި މީހުންނަށް ލިބޭނެ ދަރުމައިގެ ވާހަކަ ހަނދާންކޮށްދޭ ކަމެކެވެ.

މިނާގައި ހޭދަކުރާ ދުވަސްތަކަކީ އުޚުރަވީ ދިރިއުޅުމުގެ ވަގުތީކަން ހަނދާންކޮށްދޭ ކަމެކެވެ. އަދި އެތާ ދިރިއުޅޭއިރު އެހެން މީހުންނާއެކު އެކުވެރިކަމާއެކު އުޅެން ޖެހޭކަންވެސް ދަސްކޮށްދެއެވެ. ޢަރަފާތުގައި މަޑުކުރުމަކީ މަޙްޝަރުގެ މައިދާނުގައި އެއްވެ ތިބޭނެގޮތުގެ ކުޑަ މިސާލެކެވެ. އެތަނުގައި އެންމެން ހަމަހަމަވެ، ﷲ ގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދުޢާކުރެއެވެ.

ޢަރަފާތުގައި އެއްވެފައިވާ ޙައްޖުވެރިންގެ ޖަމާޢަތްތައް ދެކޭއިރު، ހޫނުގައި ކެތްމަދުވެ، ފެންބޮވައިގަނެފައިވާ މަންޒަރުތަކުން ޤިޔާމަތްދުވަހުގެ ހަނދާން އާވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި އެދުވަހު މީސްތަކުން ތިބޭނީ ދާހިއްލައިގެންނެވެ. އަދި ހޫނުގެ ގަދަކަމުން ދާހިއްލާ ވަރަށް ބިންގަނޑު ފޫއަޅައިގެން ދާނެއެވެ. ޒަމްޒަމް ފެން ބުއިމަކީ ސުވަރުގޭގެ ފެންއާރުތަކުގެ ވާހަކަ ހަނދާންކޮށްދޭ ކަމެކެވެ. މިއީ އާޚިރަތުގައި މުއުމިނުންނަށް ލިބޭނެ ޚާއްޞަ ނިޢުމަތްތަކުގެ ކުޑަ މިންވަރެކެވެ.

މިލިއަނުން މީހުން އެއްވެ، އެއް ހެދުމެއްގައި، ބިންމަތީގައި، އިހުރާމުގައި ނިދާފައި އޮންނަ މުޒްދަލިފާގެ ރެއަކީ ޤަބުރުގެ ދިރިއުޅުމުގެ ހަނދާނެކެވެ. މަޤާމާއި، މުދަލާއި، ބާރުވެރިކަން ނެތް ތަނެއްގައި އެންމެން ހަމަހަމަވެއެވެ. އެތާ ތިބޭނީ ހަމައެކަނި އަމިއްލަ ނަފްސާއި، ވެއްޔާއި، ޢަމަލުތަކާ އެކުގައެވެ. މުޒްދަލިފާގައި އެންމެން ނިދާފައިތިއްބާ އިވޭ ފަތިސް ނަމާދުގެ ބަންގީގެ އަޑަކީ ޤިޔާމަތްދުވަހު ތާޅަފިލީގެ ހަނދާނެކެވެ. އެ އަޑުން ހުރިހާ އެންމެން ޤަބުރުތަކުން ތެދުވެ، މަޙްޝަރަށް އެއްވާނެއެވެ.

ޖަމަރާތުގައި ހިލައުކުމަކީ ޝައިޠާނާއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ މިސާލެކެވެ. މިއީ ޤިޔާމަތް ދުވަހު ޝައިޠާނާގެ ވަސްވާހުން ސަލާމަތްވުމަށް މަސައްކަތް ކުރަންޖެހޭނެކަން ދަސްކޮށްދޭ ކަންކަމެވެ. ޙައްޖުގެ އަޅުކަމުގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރަން ޖެހެއެވެ. މީޤާތުން މައްކާއަށް، މިނާއަށް، ޢަރަފާތަށް، މުޒްދަލިފާއަށް އަދި އަނބުރާ އައުން ހިމެނެއެވެ. މި ދަތުރުތަކަކީ ޤިޔާމަތްދުވަހުގެ އެކި މަރުޙަލާތަކުގެ ނިޝާނެކެވެ. އޭގެ ތެރޭގައި އަލުން ދިރުއްވުމާއި، މަޙްޝަރަށް އެއްވުމާއި، ޝަފާޢަތާއި، ޙިސާބު ބެއްލެވުމާއި، ޢަމަލުތަކުގެ ފޮތް ލިބުމާއި، މީޒާނުގައި ކިރުމާއި، ޞިރާޠު މަގު ހިނގުން ހިމެނެއެވެ.

މައްކާއިން ވަކިވެ، ލޯބިވާ އަޙުލުވެރިންގެ ގާތައް ގެއަށް އެނބުރި އަންނައިރު ހިތުގައި އުފަލާއި ހަމަޖެހުން އިޙްސާސްވެއެވެ. މިއީ އާޚިރަތުގައި ޖަންނަތުގެ އަހުލުވެރިންނަށް ލިބޭނެ ދާއިމީ އުފަލުގެ ކުޑަ ނަމޫނާއެކެވެ. ސާފު ހިތަކައިގެން، ހުރިހާ ފާފައެއް ފޮހެވުނުކަމުގެ އުންމީދުގައި އައުމުގެ އުންމީދެވެ.

ޙައްޖު ދަތުރުގައި އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ވިސްނިގެންދަނީ ދިރިއުޅުމަށް ބޭނުންވާ އަސާސީ ކަންކަން ކިހާ މަދުކަމެވެ. ހަމައެކަނި ދެ ފޮތި ކޮޅެއްގައި އެތައް ދުވަހެއް ހޭދަކުރެވޭއިރު، ދުނިޔޭގެ ޒީނަތްތެރިކަމުގެ ބޭނުމެއް ނެތްކަން ވިސްނިގެންދެއެވެ. މިއީ ގެއަށް އެނބުރި އައުމަށްފަހުވެސް ހަނދާން ބަހައްޓަންޖެހޭ މުހިންމު ދަރުސެކެވެ.

ބަވަނަ ވެފައިވާ މި ޒަމާނުގައި ހައްޖުގެ އެކި އެކި ރުކުންތައް އަދާކުރުމުގައި އެތަކެއް ފަސޭހަތަކެއް މިވަނީ ހޯދިފައެވެ. މަޝާއިރުތައް ވިނިވާނޭ އެކި އެކި އާލާތްތައް ވުޖޫދުކުރެވިއްޖެއެވެ. ހޫނު ގަދަވުމުން އޭސީ ކުރެއެވެ. އަވި ގަދަވެ ލޮލަށް އުންދަގޫވުމުން އަވި އައިނު އަޅައެވެ. ކަރުހިތްކުން ފިނިކުރަން ފިނިފެން ބޮއެއް ފަރުބަދަމަތީ ހުދު ދަވާދުލައި މަތިން ފެން ސްޕްރޭ ކުރެވޭނޭ ގޮތްތޮތް ހަދައިގެންވެސް، ހޫނަށް ކެތް ނުކުރެވިގެން މިދިޔަ ހައްޖުގައިވެސް 1300 މީހުން މަރުވިކަމަށް ބުނެއެވެ. ދުނިޔެ މަތީގައި މިހުރި މަޝާއިރުތައް ގޮތްގޮތް ހެދިޔަސް މަޙުޝަރުގެ މައިދާނަށް އޭސީއެއް ނުގެންދެވޭނެއެވެ. ރޭބެން އައިނާއި ވަރުވަރުގެ ކުޑަޔާ ފާޑުފާޑުގެ އަގުބޮޑު ބޭސްތަކާއި ބުއިންތައް ވިއްކާ ފިހާރަތައް އެދުވަހުން ބަންދުވާނެއެވެ.

ދުނިޔޭގެ ޒީނަތްތެރިކަމާއި މުނިފޫހިފިލުވުމުގެ ކަންކަމުގައި އަޅުގަނޑުމެން ގިނަ ވަގުތު ހޭދަކުރަމުންދާއިރު، އަޅުގަނޑުމެންގެ އަޞްލު މަޤްޞަދު އޮޅި، ﷲ އާ ހުރި ގުޅުން ކުޑަކޮށްލެވެއެވެ. ނަމަވެސް ޙައްޖަކީ، މި ދުނިޔެއަކީ ވަގުތީ ތަނެއްކަން ހަނދާންކޮށްދޭ އެންމެ ވަރުގަދަ އެއް ޢިބާދަތެވެ.

ދުނިޔެއަށް ދެވިހިފާފައިވާ ލޯބި ހިތުން ފިލުވައި، ﷲ އާ ގާތްވުމަށްޓަކައި މަރު ހަނދާންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ރެއަކު ނިދަން އޮށޯންނައިރު މަރު ހަނދާންކޮށް، އަމިއްލަ ނަފްސު ހިސާބުކުރަން ޖެހެއެވެ. އަޅުގަނޑުމެން ނިންމާ ކޮންމެ ނިންމުމެއްގައިވެސް އާޚިރަތް ހަނދާންކުރަން ޖެހެއެވެ.

މި ދުނިޔޭގައި އަޅުގަނޑުމެންގެ ވަގުތު ކަނޑައެޅިފައިވާކަން ދެނެގަނެ، ވީހާވެސް ގިނަ ހެޔޮ ޢަމަލުތައް ކުރުމަށް މަސައްކަތްކުރަންޖެހެއެވެ. ޚާއްޞަކޮށް ޞަދަޤާތު ޖާރިޔާގެ ޢަމަލުތަކަށް އިސްކަންދޭންޖެހެއެވެ. މިފަދަ ޢަމަލުތަކަކީ ޤަބުރުގައި އަލިކަން ގެނެސްދީ، ނަރަކައިގެ ޢަޛާބުން ސަލާމަތްވެ، ސުވަރުގެއަށް ވާޞިލުވުމަށް މަގުފަހިކޮށްދޭނެ ކަންކަމެވެ.

ޙައްޖަކީ އާޚިރަތަށް ތައްޔާރުވުމުގެ ތަމްރީނެކެވެ. މި އަޅުކަމުގެ ކޮންމެ މަރުޙަލާއަކުންވެސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ މާތް ﷲ އާ ބައްދަލުވުމަށް ތައްޔާރުވަމާ ހިނގާށެވެ. އަދި ޖަންނަތުލް ފިރުދައުސްގެ އެންމެ މަތިވެރި ދަރަޖަ ހޯދުމަށް މަސައްކަތް ކުރަމާ ބަހީއެވެ.

މި ހުރިހާ ކަމަކުން ދޭހަވަނީ ޙައްޖަކީ އާޚިރަތުގެ ދިރިއުޅުމަށް ތައްޔާރުވުމުގެ އެންމެ މުހިންމު ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމްކަމެވެ. މި އަޅުކަމުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބެނީ އާޚިރަތުގެ ދިރިއުޅުމުގެ ކުޑަ ތަޞައްވުރެކެވެ. އެހެންކަމުން، ޙައްޖުގެ އަޅުކަން އަދާކުރުމުގައި މި ޙިކްމަތްތައް ވިސްނައި، އާޚިރަތަށް ރަނގަޅަށް ތައްޔާރުވުމަކީ ކޮންމެ މުސްލިމެއްގެވެސް ޒިންމާއެކެވެ.