ކުރިއަށް އޮތް ޙައްޖު ދުވަސްތަކަށް ތައްޔާރުވުމުގެ ގޮތުން މައްކާގެ މަސްޖިދުލް ޙަރަމުގައި ދުނިޔޭގެ އެންމެ ބޮޑު ފިނިކުރާ ނިޒާމު (އެއަރކޮންޑިޝަން) ބޭނުންކުރަން ފަށައިފި އެވެ.

މަސްޖިދުލް ޙަރަމާއި މަސްޖިދުއް ނަބަވީގެ ކަންތައްތަކާ ބެހޭ ހަރަމައިން އިން ހާމަކުރިގޮތުގައި، މި ނިޒާމަކީ 155،000 ޓަނުގެ ފިނިކުރުމުގެ ޤާބިލުކަން ލިބިފައިވާ ނިޒާމެކެވެ. މި ނިޒާމު ޤާއިމުކުރެވިފައިވަނީ ދެ މައި މަރުކަޒެއްގެ މައްޗަށެވެ. މީގެ ތެރެއިން ޝާމިޔާ ސްޓޭޝަނުން 120،000 ޓަނާއި އަޖިޔާދު ސްޓޭޝަނުން 35،000 ޓަނުގެ ފިނިކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. މި ނިޒާމުގެ ސަބަބުން ޙަރަމުގެ ހޫނުމިން 22 އާއި 24 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓޭނެއެވެ.

Ad
rt

މި ނިޒާމުގައި ވައި ސާފުކުރުމުގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވިފައިވާއިރު، ވައިގައި އެކުލެވޭ ނުސާފު ތަކެތީގެ 95 އިންސައްތަ ނައްތާލެވޭނެއެވެ. އަދި ޙަރަމުގެ ތަޅުންގަނޑުގައި ވަނީ ޚާއްޞަ ގްރީކް ތާސޮސް މާބަލް ބޭނުންކުރަމުންނެވެ.

ކުރީ އަހަރުތަކުގައި ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވި ހިތާމަވެރި ހާދިސާތަކުން ލިބުނު ފިލާވަޅުތަކާއެކު، ސައުދީ ސަރުކާރުން ވަނީ ވަރަށް ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ހިޔާ ލިބޭ ސަރަހައްދުތައް 50،000 އަކަ މީޓަރަށް ފުޅާކޮށް، ހައްޖުވެރިން އުޅޭ ސަރަހައްދުތައް ފިނިކުރުމަށްޓަކައި 400 އަށްވުރެ ގިނަ ފިނިކުރާ ނިޒާމު ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2023 ވަނަ އަހަރުން ފެށިގެން، ހައްޖުވެރިން ދަތުރުކުރާ މަގުތަކުގައި ހޫނުމިން 20 ޕަސެންޓް ދަށްކުރެވޭ ޚާއްޞަ ހުދު މެޓީރިއަލް ބޭނުންކުރަން ފަށާފައިވެއެވެ.

މިއަހަރުވެސް މިނާ، މުޒްދަލިފާ އަދި އަރަފާތު ސަރަހައްދުތަކުގެ ބައެއް މަގުތައް، އިރުގެ އަލި އަނބުރާ ރައްދުކުރާ ޕޭވްމަންޓާއި، ރަބަރު އެކުލެވޭ އަސްފަލްޓް ކުލަ ބޭނުންކޮށް މުޅިން ހުދުކޮށްލާފައިވެއެވެ. އަދި ހިޔާ ލިބޭ އަރާމު ކުރާ ސަރަހައްދުތަކާއި، ފިނިކުރާ ނިޒާމުތަކާއި، އެއަރކަންޑިޝަން ކުރެވިފައިވާ ޓެންޓުތަކާއި، ހޫނުމިން ބަލާ ވިއަރަބަލް މޮނިޓަރުތައް އެކި ސަރަހައްދުތަކުގައި ހިމެނެއެވެ.

ސަޢޫދީ ސަރުކާރުން ވަނީ އަރަފާތަށް ދިއުމަށް 4 ކިލޯމީޓަރުގެ ފިނިކުރެވިފައިވާ މަގެއް ތަރައްޤީ ކޮށްފައެވެ. މީގެ އިތުރުން ފިނި ވައި ދައުރުވާ ގޮތަށް ހެދިފައިވާ ގްރީން ކޮރިޑޯއެއްވެސް ހިމެނެއެވެ.

މިއަހަރުގެ ހައްޖު މޫސުމަށް މިހާތަނަށް 1.3 މިލިއަން ހައްޖުވެރިން މައްކާއަށް ޒިޔާރަތްކޮށްފައިވާއިރު، މިހާތަނަށް 44 މީހަކަށް ހޫނުގެ ސަބަބުން ބަލިޖެހިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަރަފާތު ދުވަހު ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދާނެކަމަށް ލަފާކުރެވެއެވެ. މިދިޔަ އަހަރު ހޫނުމިން 51.8 ޑިގްރީއަށް އަރައި، 1،301 ހައްޖުވެރިން ނިޔާވެފައިވާތީ، މިފަހަރު އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައި، 250،000 އޮފިޝަލުން ވަނީ މަސައްކަތަށް ނެރެފައެވެ.

ސިއްހީ ވުޒާރާގެ ވަޒީރު ފަހުދު އަލް-ޖަލާޖަލް ވިދާޅުވި ގޮތުގައި، 11 އެއަރ އެމްބިއުލާންސާއި، 900 އެމްބިއުލާންސާއި، 7,500 އަށްވުރެ ގިނަ ޕެރަމެޑިކުން ހައްޖު މަޝާއިރުތަކުގައި ޚިދުމަތް ދޭން ތިބޭނެއެވެ. އަދި 71 ފަސްޓް އެއިޑް ސްޓޭޝަނާއި 3 ފީލްޑް ހޮސްޕިޓަލް ޤާއިމްކުރެވިފައިވެއެވެ.

ސަޢޫދީ ސިއްހީ ވުޒާރާއިން ވަނީ ހޫނުގެ ސަބަބުން ޖިސްމާނީ ގޮތުން ބަލިކަށިވުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު ސޯޝަލް މީޑިއާގައި ޙިއްސާކުރަން ފަށާފައެވެ. މީގެ އިތުރުން ހިތުގެ ބަލި، ކިޑްނީގެ ބަލި، އަދި ނޭވާލުމުގެ ދަތިކަން ހުންނަ މީހުންނާއި، ހަކުރު ބަލި މީހުންނަށް ޚާއްސަ އިރުޝާދުތަކެއްވެސް ދީފައިވެއެވެ.

މައްކާގެ މަސްޖިދުލް ހަރާމާއި މަދީނާގެ މަސްޖިދުއް ނަބަވީގެ ދީނީ ކަންކަމުގެ އިސްވެރިޔާ ޝައިޚް ޑރ. އަބްދުއްރަހްމާން އައް-ސުދައިސް ވަނީ ހައްޖު މޫސުމުގައި ހުކުރު ޚުޠުބާއާއި ނަމާދު ކުރު ކުރުމަށް އަމުރު ކުރައްވާފައެވެ. މި ފިޔަވަޅު އެޅުއްވީ ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ތޮއްޖެހޭ ސަރަހައްދުތަކުގައި ތިބޭ މީހުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުންނެވެ.

ސަޢޫދީ ޑޭޓާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް އޮތޯރިޓީ (އެސްޑީއޭއައިއޭ) އިން ވަނީ ސްމާޓް ސެންސަރތަކާއި އޭއައި ޓޫލްސް ބޭނުންކޮށްގެން ރިއަލް-ޓައިމްކޮށް ހާލަތު މޮނިޓަރ ކުރެވޭނެ ނިޒާމެއް ޤާއިމްކޮށްފައެވެ. ނާޒުކު ހާލަތުގައި ތިބޭ ޙައްޖުވެރިން ދުނިޔޭގެ އެންމެ ބޮޑު ވާރޗުއަލް ހޮސްޕިޓަލް ކަމަށްވާ ސެހާ ވާރޗުއަލް ހޮސްޕިޓަލާ ގުޅުވައިދެވޭނެއެވެ.

މިހާރުވެސް މައްކާގެ ހޫނުމިން 40 ޑިގްރީއަށްވުރެ މަތިވެފައިވާއިރު، ކުރިއަށް އޮތް ހުކުރު ދުވަހު 43 ޑިގްރީއަށް އަރާނެކަމަށް ލަފާކުރެވެއެވެ. ސައުދީ ޕްރެސް އޭޖެންސީން ހާމަކުރި ގޮތުގައި، މޫސުން ދެނެގަންނަ ޤައުމީ މަރުކަޒުން ލަފާކުރާ ގޮތުން މިއަހަރުގެ ހައްޖު މޫސުމުގައި ފިނިހޫނުމިން 40 އާއި 47 ޑިގްރީއާ ދެމެދުގައި ހުރުމަށް ލަފާކުރެވޭއިރު، ވައިގެ ތެތްކަން 15 އިންސައްތައިން 60 އިންސައްތައަށް ހުންނާނެކަމަށް ބެލެވެއެވެ.