މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ އަޅުވެރިންނަށް، މުވާސަލާތު ކުރުމަށް ފަސޭހަކޮށް، ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގެ ގޮތުން މަސްޖިދުލް ޙަރަމް، މަސްޖިދުއް ނަބަވީ އަދި އެހެނިހެން މުޤައްދަސް ތަންތަނުން ހިލޭ ހަލުވި ސްޕީޑުގެ އިންޓަނެޓް ލިބޭނެކަމަށް ސައޫދީ ސަރުކާރުން ހާމަކޮށްފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ އިންފޮމޭޝަން މިނިސްޓްރީން ވަނީ 2025 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ހުރިހާ ހައްޖުވެރިންނަށް މުހިންމު ހުރިހާ މުޤައްދަސް ތަންތަނެއްގައި ހިލޭ ވައިފައިގެ ޚިދުމަތް ފޯރުކޮށްދޭނެކަން ކަށަވަރުކޮށްދެއްވާފައެވެ.

Ad
rt

މި ޚިދުމަތް މައްކާގެ މަސްޖިދުލް ޙަރަމް، މަދީނާގެ މަސްޖިދުއް ނަބަވީ، އަދި މިނާ، ޢަރަފާތު، މުޒްދަލިފާ ފަދަ މުޤައްދަސް ސަރަޙައްދުތަކުގައި ލިބެން ހުންނާނެއެވެ.

މި ހިލޭ އިންޓަނެޓްގެ ޒަރީއާއިން އަޅުވެރިންނަށް އެކަކު އަނެކަކާ ގުޅައި، އެންމެ ފަހުގެ މައުލޫމާތު ހޯދައި، ނެވިގޭޝަން ޚިދުމަތްތައް ބޭނުންކޮށް، އަދި އެމީހުންގެ ހައްޖުގެ ތަޖުރިބާ ފަސޭހަކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހިއްސާކުރެވޭނެއެވެ.

ޚާއްޞަކޮށް، މީހުން ގިނަވާ އަޅުކަންތަކުގައިވެސް ސިގްނަލް ރަނގަޅުކޮށް، އިންޓަނެޓްގެ ސްޕީޑް އަވަސްކޮށް، އަދި ނެޓްވޯކްގެ އިތުބާރު ދެމެހެއްޓުމަށްޓަކައި، ޓެކްނިކަލް ޓީމުތަކުން ވަނީ އެތެރޭގެ އަދި ބައިނަލްއަޤްވާމީ ޓެލެކޮމް ޚިދުމަތްދޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކޮށްފައެވެ.

އިންޓަނެޓް ޚިދުމަތް ލިބޭ ކޮންމެ ސަރަޙައްދެއްގައިވެސް ހައްޖުވެރިންނަށް މި ޚިދުމަތާ ގުޅޭނީ އެ ސަރަޙައްދެއްގައި ހުންނަ ރަސްމީ ޕޯޓަލްތަކާއި ނިޝާންތައް މެދުވެރިކޮށެވެ.

މިއީ 1446 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި އީސިމް އެކްޓިވޭޓްކުރުމާއި، ސްމާޓް އެޕްތަކާއި، އަދި ރިއަލް-ޓައިމް ސިއްޙީ އަދި ދަތުރުފަތުރުގެ ޚިދުމަތްތައް ފަދަ ކަންކަން ހިމެނޭ، ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސްޓްރެޓެޖީގެ ބައެކެވެ.