ށ. ކޮމަންޑޫ އާާއި އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫ ބިން ހިއްކައި، ދެ ކޮމަންޑޫ ގުޅުވުމުގެ މަސައްކަތުގެ %70 ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މިދިޔަ ސަރުކާރުން، ކޮމަންޑޫ އާއި މަތި ކޮމަންޑޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކޮށް ދެ ބިން ގުޅުވުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރު ޖެނުއަރީ މަހުއެވެ. އެ ކުންފުނިން މި މަސައްކަތް ފަށާފައި ވަނީ 14 ޖެނުއަރީ 2022 ގައެވެ.
އެގޮތުން މި މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށް އެމްޓީސީސީން ބުނެފައިވަނީ މިވަގުތު ޖިއޯބޭގް ރިވެޓްމަންޓް ގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި ބްރޭކްވޯޓާ ރީ ޕްރޮފައިލިންގެ މަސައްކަތަ މިހާރު ކުރިއަށް ދާކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، މަތިކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިން ހިއްކުމާއި، 1250 މީޓަރުގެ ބޮޑުހިލައިގެ ތޮށި، 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލާނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 250 މިލިއަން ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!