ކޮވިޑް-19 ރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު އިތުރުވެފައިވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ ފާއިތުވި ހަފްތާގެ ތެރޭގައި ކޮވިޑް-19 އާ ގުޅޭ ކޭސްތައް ރިޕޯޓް ކުރުން އިތުރުވެފައިވާ ކަމަށެވެ.

Ad
rt

މި ދުވަސްވަރު އާންމުކޮށް ފެތުރޭ ވައިރަލް ރޯގާއާއި ޑެންގޫ އަދި އިންފްލޫއެންޒާގެ ކޭސްތައްވެސް އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ފާހަގަކޮށްފައިވެއެވެ. އަދި މި ހާލަތު ގާތުން ބަލަމުންދާ ކަމަށާއި، މައުލޫމާތު އަޕްޑޭޓް ކުރަމުންދާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ވަރަށް ގިނަ ގައުމުތަކުގައި ކޮވިޑް-19 ގެ ކޭސްތައް ފެންނަ މިންވަރު މި އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ތައިލޭންޑުގައި މިދިޔަ ހަފުތާގައި އެކަނި 50،000 އެއްހާ ކޭސް ރިޕޯޓްކޮށްފައިވާއިރު، މި އައުޓްބްރޭކް ކުރިއަށް އޮތް ދެތިން މަހަށް ދިގުދެމިގެންދާނެ ކަމަށް އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ޑިޒީސް ކޮންޓްރޯލުން ލަފާކުރެއެވެ.

އަވައްޓެރި އިންޑިއާގެ ބައެއް ސަރަހައްދުތަކުން ވެސް ކޮވިޑް-19 ކޭސްތައް ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

2019 ވަނަ އަހަރުން ފެށިގެން، މި ބަލިމަޑުކަމުގެ ސަބަބުން މިހާތަނަށް ދުނިޔޭގައި 7 މިލިއަނަށްވުރެ ގިނަ މީހުން ނިޔާވެފައިވެއެވެ.