އިންޑިއާގެ ވެރިރަށް ދިއްލީން ސްރީނަގަރަށް ދަތުރުކުރަމުންދިޔަ އިންޑިގޯ މަތިންދާބޯޓެއް (6އީ2142) ގަދަ ވިއްސާރައާއި ވައިގަދަވުމުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތުގައި ޖައްސައިފިއެވެ.
އިއްޔެ ހަވީރު ހިނގި މި ހާދިސާގައި މަތިންދާބޯޓުގެ ނޯސްކޯން ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު، ޕައިލެޓުން ވަނީ އެއަރ ޓްރެފިކް ކޮންޓްރޯލަށް އިމަޖެންސީ އެއް އިއުލާންކޮށްފައެވެ.
މަތިންދާބޯޓު ސްރީނަގަރާ ކައިރިވަމުންދަނިކޮށް ގަދަ ވިއްސާރަ ވިލާގަނޑަކާ ކުރިމަތިވެ، ބޯޓުގެ ބޭރުގައި ވިއްސާރައިގެ ވިލާތައް ޖެހެމުންދިޔަ މަންޒަރު ފަސިންޖަރުން ވަނީ ރެކޯޑުކޮށްފައެވެ. މި ހާދިސާގައި ބޯޓުގައި ތިބި 227 ފަސިންޖަރުންނާއި ކުރޫ މެންބަރުން ނަށް އެއްވެސް އަނިޔާއެއް ނުވެއެވެ. ބޯޓް ޖައްސާފައިވަނީ ސްރީނަގަރ އެއަރޕޯޓަށް އިންޑިއާ ގަޑިން ހަވީރު 6:30 ގައެވެ.
އިންޑިގޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޯޓުގެ ކުރޫން ވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކޮށްފައި ކަމަށާއި، އަދި ބޯޓު ސަލާމަތުން ޖެއްސުނީ އެވަގުތު ދެވުނު އިރުޝާދުތަކާ އެއްގޮތަށް ކުރޫންނާއި، ފަސިންޖަރުން އަމަލު ކުރުމުން ކަމަށެވެ. އަދި ބޯޓުގެ މަރާމާތުތައް ކުރުމަށްފަހު ދަތުރުތަކަށް ނެރޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ހާދިސާ ހިނގި ދުވަހު ދިއްލީ ސަރަހައްދުގައި ކުއްލިއަކަށް ވިއްސާރަވެ ގަދަ ވައި ޖެހުމުގެ ސަބަބުން އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއަރޕޯޓުން ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ފަސްކުރެވި ނުވަތަ އެހެން އެއަރޕޯޓްތަކަށް ބަދަލުކުރެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!