ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނަށް އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ދަށުން ލުޔެއް ދޭން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން މިއަދު ނިންމައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ތެރެއިން، އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ދަށުން އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ މީހުންގެ ބަންދު މުރާޖަޢާކޮށް، އެފަދަ މީހުންނަށް ލުއިދިނުމުގެ މަސައްކަތް ފަށައިގަނެފައިވާކަމަށެވެ.

Ad
rt

މި ނިޒާމުގެ ދަށުން ބަންދަށް ލުއި ދިނުމުގެ ކުރިން، އެފަދަ މީހުން މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުން ކުރިމަތިވެދާނެ ނުރައްކަލެއް އޮތްތޯ ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ޚާއްސަ އެސެސްމަންޓެއް ހަދަން ޖެހޭނެއެވެ. މި އެސެސްމަންޓުގައި، އެފަދަ މީހުން މޮނިޓަރ ކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރަން ޖެހޭނެއެވެ.

ބަންދަށް ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގެ ދަށުން، ގިނަވެގެން 100 ދުވަހުގެ މުއްދަތަށް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި މި މުއްދަތު ހަމަވުމުން، އިތުރަށް ލުއި ދިނުމަށް ކޯޓަށް ހުށަހެޅިދާނެއެވެ. ނަމަވެސް ކޯޓުން ކަނޑައަޅާ އެއްވެސް ޝަރުތަކާ ޚިލާފުވެއްޖެނަމަ، އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

މި ނިޒާމުގެ ދަށުން ބަންދަށް ލުއި ހޯދުމަށް އެދޭ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ޕީޖީ އޮފީހުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނަ ޚާއްސަ ފޯމެއް މެދުވެރިކޮށް ނުވަތަ އޮންލައިން ޕޯޓަލް (online.pgo.mv) މެދުވެރިކޮށް ހުށަހެޅިދާނެއެވެ. އަދި ޖަލުތަކުގައިވެސް މި ފޯމު ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ޕީޖީ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.