ހަރުޔާނާގެ ޔޫޓިއުބަރަކު ޕާކިސްތާނަށް ޖާސޫސް ކުރުމުގެ ތުހުމަތުގައި އިންޑިއާގައި ހައްޔަރުކޮށްފިއެވެ.
ހަރުޔާނާގެ ދަތުރުވެރި ވްލޮގަރެއް ކަމަށްވާ ޖިޔޯތީ މަލްހޯތްރާ، ޕާކިސްތާނަށް ޖާސޫސީ ކުރުމުގެ ތުހުމަތުގައި އިންޑިއާ ފުލުހުން ހައްޔަރުކޮށްފައިވާއިރު، މި އަހަރުގެ ކުރީކޮޅު ޕާކިސްތާނަށް ދަތުރުކޮށް، އެ ދަތުރުގެ ވީޑިއޯތައް ޔޫޓިއުބްގައި ޝާއިޢުކޮށްފައިވާ ޖިޔޯތީ މަލްހޯތްރާ އަކީ ޔޫޓިއުބާއި އިންސްޓަގްރާމްގައި ގިނަ ބަޔަކު ފޮލޯކުރާ މަޝްހޫރު ވްލޮގަރެކެވެ.
"ޓްރެވަލް ވިތް ޖޯ" ނަމުގައި ހިންގާ ޖިޔޯތީގެ ޔޫޓިއުބް ޗެނަލްގައި 377،000 އަށްވުރެ ގިނަ ފޮލޯވަރުން ތިބިއިރު، އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި 132،000 ފޮލޯވަރުން ތިބިކަމަށް ވެއެވެ. އިންޑިއާގެ އެކި ކަންކޮޅުތަކަށާއި، އިންޑޮނޭޝިއާ އަދި ޗައިނާ ފަދަ ޤައުމުތަކަށް ކުރި ދަތުރުތަކުގެ ވީޑިއޯތައް ޝާއިޢުކޮށްފައިވާ ޖިޔޯތީ، މިދިޔަ ދެ މަސް ކުރިން ޕާކިސްތާނަށް ކުރި ދަތުރުގެ ވީޑިއޯތަކެއްވެސް ވަނީ ޝާއިޢުކޮށްފައެވެ.
އިންޑިއާގެ ސަލާމަތީ ބާރުތަކުން ބުނާ ގޮތުގައި ޖިޔޯތީ މަލްހޯތްރާ ވަނީ އިންޑިއާގެ ސަލާމަތާ ގުޅުންހުރި މުހިންމު މަޢުލޫމާތުތަކެއް ޕާކިސްތާނުގެ އޭޖެންޓުންނާ ހިއްސާކޮށްފައެވެ. މި މައްސަލައިގައި ޖިޔޯތީގެ އިތުރުން އިތުރު 6 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.
ޖިޔޯތީ މަލްހޯތްރާގެ ޔޫޓިއުބް އަދި އިންސްޓަގްރާމް ބަޔޯގައި އޭނާ ތަޢާރަފުވެފައިވަނީ "ނޮމެޑިކް ލިއޯ ގަރލް. ވޮންޑަރަރ ހަރުޔާނަވީ + ޕަންޖާބީ މޮޑަން ގަރލް ވިތް އޯލްޑް އައިޑިއާސް" މިހެންނެވެ.
މި މައްސަލައާ ގުޅިގެން އިންޑިއާގެ ސަލާމަތީ ބާރުތަކުން ތަޙްޤީޤު ކުރިއަށް ގެންދާ ކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!