އުރީދޫ މޯލްޑިވްސްއިން މީޑިއާތަކަށް އަމާޒުކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ބާއްވައިފި އެވެ.

މި ބައްދަލުވުމަކީ އުރީދޫ މޯލްޑިވްސްގެ "ޑިޖިޓަލް މޯލްޑިވްސް" ޝިޢާރުގެ ދަށުން އިސްނަގައިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

Ad
rt

އުރީދޫ މޯލްޑިވްސްއިން މަޢުލޫމާތު ދިންގޮތުގައި، މި ބައްދަލުވުމުގައި އޭއައިގެ އާންމު މަޢުލޫމާތާއި، މީޑިއާގައި އޭއައި ބޭނުންކުރުމާއި އެތިކްސްފަދަ މުހިންމު މައުޟޫޢުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ. އަދި އޭއައި ޓެކްނޮލޮޖީއަށް މީހުން އަހުލުވެރިކުރުވުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މީގެއިތުރުން، އުރީދޫ މޯލްޑިވްސްއިން މިހާތަނަށް ކުރިއަށްގެންދިޔަ އޭއައި ޓެކްނޮލޮޖީގެ ބައެއް މަޝްރޫޢުތަކުގެ ތަޖުރިބާތައް ބައިވެރިންނާ ހިއްސާކުރެވުނެވެ. މިގޮތުން، އުރީދޫއިން އުފައްދާފައިވާ އޭއައި ޗެޓްބޮޓް ދައްކާލައި، އެ ތައްޔާރުކުރުމުގައި ބަލާފައިވާ މުހިންމު ނުކުތާތައް ފާހަގަކޮށް ހިއްސާކުރެވުނެވެ.

އުރީދޫ މޯލްޑިވްސްގެ "ޑިޖިޓަލް މޯލްޑިވްސް" އިނީޝިއޭޓިވް ފެށިފައިވަނީ މީގެ 10 އަހަރު ކުރިންނެވެ. މި އިނީޝިއޭޓިވްގެ މަޤްޞަދަކީ ރާއްޖޭގެ ޑިޖިޓަލް ދާއިރާ ކުރިއެރުވުމާއި، އާ ޓެކްނޮލޮޖީތަކަށް މުޖުތަމަޢު އަހުލުވެރިކުރުވުމެވެ.

މި ބައްދަލުވުމަކީ އުރީދޫ މޯލްޑިވްސްއިން މީޑިއާތަކާއެކު ގުޅުން ބަދަހިކޮށް، އޭއައި ފަދަ މުހިންމު ޓެކްނޮލޮޖީތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިސްނަގައިގެން ކުރިއަށްގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

މިފަދަ ޕްރޮގްރާމްތަކުން މީޑިއާތަކަށް އޭއައިގެ މުހިންމުކަމާއި ބޭނުންތެރިކަން އިތުރަށް އޮޅުންފިލުވައިދީ، އެ ދާއިރާއިން ކުރިއަށްދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.