ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް ކުދިންނަކާއި މައިންނަށް މައިންގެ ދުވަހުގެ މާނަ ތަފާތެވެ.

ބައެއް މީހުންނަށް މިއީ ހޫނުކަމާއި، ލޯތްބާއި އަދި އުފާފާގަތިކަމުގެ ދުވަހެކެވެ. އަނެއްބަޔަކަށް މިއީ ހަދިޔާތަކާއި މާތަކުން ޝުކުރުވެރިކަން ފާޅުކުރުމުގެ ފުރުސަތެކެވެ.

Ad
rt

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަންމައިގެ ދުވަސް ފާހަގަކުރަނީ ތަފާތު ތާރީޚުތަކުގައެވެ. އަދި ގިނަ އަރަބި ޤައުމުތަކުގައި މައިންގެ ދުވަސް ފާހަގަކުރަނީ 21 މާރޗްގައެވެ.

ނަމަވެސް، މިދުވަސް ހުރިހާ އެންމެން ފާހަގައެއް ނުކުރާނެއެވެ. ޚާއްސަކޮށް ފަލަސްތީނުގައި، އިސްރާއީލުގެ ދެމިގެންދާ އަނިޔާގެ ސަބަބުން މައިންގެ ދުވަހުގެ މައްޗަށް އަނދިރި ހިޔަނިވަނީ އެޅިފައެވެ.

7 އޮކްޓޯބަރު 2023 އިން ފެށިގެން، އިސްރާއީލުން ގައްޒާގައި ހިންގި ޖެނޮސައިޑުގައި 25،000 އަށްވުރެ ގިނަ އަންހެނުންނާއި ކުދިން ޝަހީދުކޮށްލާފައި ވެއެވެ. އަދި މަދުވެގެން 17،000 މައިން އެމީހުންގެ ދަރިން ވަޅުލާފައިވާއިރު، 50،000 އަށްވުރެ ގިނަ މާބަނޑު އަންހެނުންގެ ބަނޑުގައި އޮތް ކުދިން ގެއްލިފައިވެއެވެ.

އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ، ޣައްޒާއަށް އަލުން ހަމަލާދޭން ފަށައި، އަނިޔާވެރި ރެއިޑުތައް އަންނަނީ ހިންގަމުންނެވެ.

މި ސަބަބުތަކާހުރެ މަންމައިގެ ދުވަސް ޣައްޒާގެ މީހުންނަށް އަނދިރި ދުވަހަކަށް ވަނީ ވެފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެގޮތުގައި ދެމިއޮންނާނެކަން ސާފުވެއެވެ.

ނަމަވެސް، އަބަދަކު ނޫނެވެ. ގިނަ ޣައްޒާގެ މީހުން ހަނދާންކުރާ ގޮތުގައި، މަންމައިންގެ ދުވަހަކީ މަގުމަތި މާތަކުން ފުރިފައިވާ ދުވަހެކެވެ. ޚާއްސަކޮށް ސްކޫލްތަކުގެ ދޮރުމަތީގައެވެ. އަދި ކްލާސް ނިމުމުން، ކުދިން އަވަސްއަވަހަށް ކުދިކުދި ހަދިދިޔާތައް ގަނެގެން އެމީހުންގެ މައިންނަށް ސަޕްރައިޒް ދިނުމަށް ދާއިރު، ފިހާރަތަކުން ވާދަވެރިކަމާއެކު ހަދިޔާ ރެޕްކޮށްފައިވާ ފޮށިތަކާއި ކާޑުތައް ހުސްވަންދެން ވިއްކާ ދުވަހެކެވެ. އެއިން ކޮންމެ އެއްޗެއްގައިވެސް ލޯބީގެ މެސެޖުތަކާއި ޝުކުރުވެރިކަމުގެ ބަސްތައް ލިޔެފައި ހުރެއެވެ. ނަމަވެސް، މިއަދު އެ ހަނދާންތައް ވަނީ ވަރަށް ދުރުގައެވެ.

ޣައްޒާގެ ގިނަ މީހުންނަށް މަންމައިންގެ ދުވަހުގެ މުހިންމުކަން ވަނީ ގެއްލިފައިވެއެވެ. ކުރިން އުފާވެރިކަމާއި ފާހަގަކުރުމުގެ ދުވަހެއްގެ ގޮތުގައި އޮތް މިދުވަސް މިހާރު ވަނީ ހިތާމަވެރި ގެއްލުމުގެ ހިޔަނީގައެވެ.

މިސާލަކަށް ޒައިން މަހްނާ އަކީ އަށް އަހަރުގެ ކުއްޖެކެވެ. އޭނާގެ މަންމަ ގެއްލުނުތާ ހަތަރު މަސް ވެއްޖެއެވެ. އެއީ އިސްރާއީލުގެ ޖެނޮސައިޑުގެ ސަބަބުންނެވެ. ކޮންމެ ރެއަކު، އޭނާ ނިދަނީ އޭނާގެ މަންމަގެ ގަބުރުގެ ފިނި ވެލީގައެވެ. އެވެލި ހިފަހައްޓައިގެން އޮޮންނަނީ އެއީ އޭނާގެ މަންމައާ ގާތްކޮށްދޭ އެއްޗެއްހެންނެވެ.

"އަހަރެން އެއްވެސް އެއްޗަކަށް ބިރެއްނުގަނޭ. އަހަރެން ބޭނުންވަނީ އަހަރެންގެ މަންމަގެ އުނގުގައި ނިދަން،" މެންދުރު ވަގުތު ގަބުރުސްތާނުގައި އެކަނި ހުރުމަށް ބިރު ނުގަންނަ ސަބަބު އެހުމުން ޒައިން ބުންޏެވެ.

މަންމަގެ ހޫނުކަމާއި ލޯބިން މަހުރޫމްވެފައިވާ ޒައިން ބުނި ގޮތުގައި އޭނާ މަންމަގެ ގަބުރަށް ޒިޔާރަތްކުރަނީ އޭނާގެ ދުވަހުގެ ވާހަކަ ކިޔައިދިނުމަށެވެ. އޭނާގެ ސިއްރުތައް މަންމައަށް ވިސްވިސްކޮށްލަނީ އަނެއްކާވެސް މަންމަގެ އަޑު އިވޭނެކަމުގެ އުންމީދުގައެވެ.

"އަހަރެންގެ މަންމަ ވަރަށް ބޮޑަށް މިސްވޭ، އަހަރެން އެދެނީ މަންމަ ފަސް މިނެޓަށް ނަމަވެސް ނުކުމެގެން އައިސް އަހަރެންގެ ގައިގާ ބައްދާލައި ބޮސްދިނުމަށް،" ޒައިން ބުންޏެވެ. އޭނާގެ އަޑު ހިތާމައިން ތުރުތުރުއަޅަމުންނެވެ.

އެހެން އެތައް ހާސް ކުދިންނެކޭ އެއްފަދައިން، ޒައިންނަށް ވެސް މަންމައިގެ ދުވަހު އޭނާގެ މަންމަ އުނގައިގައި ބޯއަޅައެއްނުލެވޭނެއެވެ. އަދި މާތަކެއްވެސް ނުދެވޭނެއެވެ. އޭގެ ބަދަލުގައި އޭނާ އޮންނާނީ މަންމަގެ ގަބުރުކައިރީގައި، ވެލީގައި މާތައް އިންދަމުން، ކަރުނަ އޭނާގެ މޫނުން ފައިބަމުންދާ ހާލުގައެވެ.

އެހެންނަމަވެސް، ޣައްޒާގެ ގިނަ މީހުންނަށް ޒިޔާރަތްކުރާނެ ގަބުރެއް ހޯދުމަކީވެސް މިހާރު އެމީހުންނަށް ނުލިބޭ ފުރުސަތަކަށް ވަނީ ވެފައެވެ.

ނޫސްވެރިންނާއި އެހެން އެތައް ބަޔަކު ހެކިވެފައިވާ ގޮތުގައި، އެތައް ހާސް ޣައްޒާގެ މީހުން، މައިންވެސް ހިމެނޭގޮތަށް ޝަހީދުކޮށްލެވި، ވަޅުލެވިފައިވަނީ ބިމާހަމަކޮށް ފުނޑުފުނޑުކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައެވެ. އެމީހުން ރަނގަޅަށް ވަޅުލުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.

އެތައް ހާސް މީހުން އަދިވެސް އިމާރާތްތަކުގެ ދަށުގައި ބަންދުވެފައި ތިބުމުން، އާއިލާތަކަށް ހިތާމަކުރާނެ ތަނެއްވެސް ނެތެވެ. އަނެއްބައި މީހުން ހަށިގަނޑު ކުދިކުދިވެފައިވާތީ، އެމީހުން ރަނގަޅަށް ވަޅުލުމަކީވެސް އަމަލީގޮތުން ނުކުރެވޭނެ ކަމަކަށް ވެފައިވެއެވެ.

އުމުރުން 19 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ ފައިޒާ ދަރުވީޝް އަކީ މިފަދަ ހިތާމަވެރި ހާލަތެއްގައި މަންމަ ގެއްލުނު އެތައް ބައެއްގެ ތެރެއިން އެކެކެވެ. ފަރުވާތެރި ދަރިވަރެއްގެ ގޮތުގައި، އޭނާ އަބަދުވެސް އޭނާގެ މަންމަ، ސަމާހަރު ދަރުވީޝް، ދެކެފައިވަނީ އޭނާގެ އެންމެ ބޮޑު އެހީތެރިޔާކަމުގައެވެ. ސަމާހަރަކީ އިޙްތިރާމް ލިބިފައިވާ ބަޔޮލޮޖީ މުދައްރިސެކެވެ. އޭނާ އަބަދުވެސް ފައިޒާއަށް ހިތްވަރުދެމުން ދިޔައީ އޭނާގެ ފުރިހަމަ ޤާބިލުކަން ހާސިލުކުރުމަށެވެ. ނޮވެމްބަރު 2023 ގައި، ގައްޒާގެ ޔުނިވަރސިޓީތައް ހަލާކުކޮށްލުމަށްފަހު، ސަމާހަރު ފައިޒާއަށް ބާރުއަޅަން ފެށީ ބޭރަށްގޮސް ކިޔެވުން ކުރިއަށް ގެންދިއުމަށެވެ. ފުރަތަމަ ފައިޒާ ޖެހިލުންވިއެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި އާއިލާ ދޫކޮށް ދާން ބޭނުން ނުވިއެވެ. ނަމަވެސް މަންމަގެ ހިތްވަރުދިނުމާއި، އަދި މަންމަ ފަޚުރުވެރިކުރުވުމުގެ އަމިއްލަ އެދުމާއެކު، އޭނާ ދިއުމަށް ނިންމިއެވެ.

ފައިޒާ މަންމައާ ވަކިވެގެން ދިޔައީ އަވަހަށް އެނބުރި އައިސް ސަމާހަރުގެ ހުވަފެން ޙަޤީޤަތަކަށް ހަދާނެކަމުގެ ޔަޤީންކަމާއެކުގައެވެ. އެއީ އޭނާ ކާމިޔާބުވެގެން އަންނަތަން ދުށުމުގެ ހުވަފެނެވެ. ނަމަވެސް އެއީ އެމީހުންގެ އެންމެ ފަހުގަހުގެ ވަކިވުމަށް ވިއެވެ. އެރޭ، ސަމާހަރު ޝަހީދުކޮށްލެވުނެވެ. އެއީ އަލް ނުސައިރާތު ކޭމްޕުގައި އިސްރާއީލު ސިފައިން ހިންގި މަރުގެ ގަތުލުއާންމެއްގައެވެ. އެ ގަތުލުއާންމުގައި އޭނާއާއި އާއިލާގެ އެހެން 20 މެންބަރުން ޝަހީދުވިއެވެ.

ފައިޒާ ހަނދާންކުރާ ގޮތުގައި، އޭނާގެ މަންމަ އެންމެ ފަހުން ފޮނުވި ވޮއިސް މެސެޖުގައި ބުނެފައިވަނީ: "ކިހިނެއް ދަރިފުޅާ؟ އުންމީދުކުރަނީ ތިބާ ރަނގަޅަށް ހުރިކަމަށް. އަހަރެމެން ރަނގަޅަށް ހުރީމު، އަހަރެމެންނަށް ކިޔައިދީބަލަ ތިބާ ކިހިނެއްކަން. އުންމީދުކުރަނީ ތިބާ އަށް ރައްކާތެރިކަމާއެކު ދެވިއްޖެކަަމަށް، އިންޝާﷲ. ރައްކާތެރިވާތި، އަހަރެންގެ ލޯބިވާ ދަރިފުޅާ، ރައްކާތެރިވާތި!"

"އަހަރެންނަށް ފަހުން އިންޓަރނެޓް ލިބުނު ވަގުތު، އަހަރެން އެ އަޑު މެސެޖަށް އަޑުއެހިން، އެއީ އަހަރެންގެ މަންމަ އެންމެ ފަހުން ފޮނުވި ބަސްތައް، މަންމަ އަށް އެ ނުފެންނާނެކަން އެނގިހުރެ އަހަރެން ޖަވާބު ދިނިން، ނަމަވެސް މިއަދާ ހަމައަށްވެސް އަހަރެން އަދިވެސް މަންމަގެ ޖަވާބަކަށް އިންތިޒާރުކުރަމުން މިދަނީ." ފައިޒާ ކިޔާދިނެވެ.

"ކޮންމެ ހެނދުނަކު، އަހަރެން އޭނާގެ އަޑަށް އަޑުއަހަން. އެއީ އޭނާ ނެތި އަނެއް ދުވަހަކާ ކުރިމަތިލުމުގެ ބާރު ހޯދުމަށްޓަކައެވެ،" ފައިޒާ ކުރިއަށް ގެންދިޔައެވެ.

ފައިޒާއަށް، އެ އަޑު މެސެޖަކީ އޭނާގެ މަންމައިން ބާކީވެފައިވާ ހަމައެކަނި އެއްޗެވެ. އެއީ އަމިއްލަ ވަޠަނުން ބޭރުގައި އޭނާއަށް ލިބޭ ހަމައެކަނި މަޑުމައިތިރިކަމެވެ. އަދި މަންމައިގެ ދުވަހު އޭނާގެ ހަމައެކަނި އެކުވެރިޔާއެވެ.

އަނެއްކާވެސް 'މަންމާ' އޭ ގޮވާލާ އަޑު އިވުމަށް

ޣައްޒާގެ ވޭނުގެ އަނެއް ފަރާތުގައި، އެތައް މައިންތަކެއް ވަނީ އެމީހުންގެ ދަރިން ގެއްލިގެން ހިތާމައިގައެވެ . އެމީހުންގެ ލޮލުގެ އަލިކަމާއި ފުރާނައިގެ ބައެއް ކަހަލަ ދަރިންނެވެ.

އަބީރު ނައްސާރަކީ ފަލަސްތީނުގެ މަންމައެކެވެ. އޭނާގެ ދެ ކުޑަކުދިން ކަމަށްވާ އަމީރު، (ފަސް އަހަރު) އަދި ހޫރު(ދެ އަހަރު) އޭނާއަށް ވަނީ އެންމެ މުހިންމު އެއްޗަކަށެވެ. އޭނާގެ އާއިލާއަކީ އޭނާގެ ހުރިހާ އެއްޗެކެވެ. ނަމަވެސް ކުއްލިއަކަށް، އިސްރާއީލުގެ ބާރުތަކުން އޭނާގެ ދުނިޔެ ފުނޑުފުނޑުކޮށްލިއެވެ. އޭނާގެ ދެ ދަރިންނާއި ފިރިމީހާ މަރާލައި، އޭނާ މި އަނިޔާވެރި ދުނިޔޭގައި އެކަނި ދޫކޮށްލިއެވެ.

އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލި ބަޔެއްގެ ޢާއިލާތައް އަޤްޞާ ހޮސްޕިޓަލް ބޭރުގައި، ފޮޓޯ: އެސޯސިއޭ ޕްރެސް

މި މަންމައިގެ ދުވަހު، އަބީރުގެ ހަމައެކަނި އެދުމަކީ ސާދާ، ނަމަވެސް ހިތްދަތި އެދުމެކެވެ: "އަހަރެން އެދެނީ އަމީރާއި ހޫރު އަނެއްކާވެސް 'މަންމާ' އޭ ކިޔާ އަޑު އިވޭނަމައެވެ." ނަމަވެސް މި އެދުމެއް ނުފުދޭނެއެވެ. އަދި އަބީރު މިހާރު ކުރިމަތިލާންޖެހެނީ އެއްވެސް މަންމައަކު ތަޙައްމަލުކުރަން ނުޖެހޭނެ ހިތާމައަކާއެވެ.

އިސްރާއީލުން ގައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވަމުން ދާއިރު، މިއީ ގައްޒާގެ ޙަޤީޤަތެވެ: އަނިޔާވެރިކަން ނުހުއްޓޭހާ ހިނދަކު، ކޮންމެ ދުވަހަކީވެސް ހިތްދަތިކަމުގެ ދުވަހަކަށް ވާނެއެވެ. އަދި މަންމައިގެ ދުވަހަކީ ހިތާމައިގެ ދުވަހަކަށް ވާނެއެވެ. މާތަކުގެ ބަދަލުގައި ގަބުރުތަކުން ފުރި، އުފަލުގެ ބަދަލުގައި ހިތާމައިން ފުރިފައިވާ ދުވަހަކަށް ވާނެއެވެ.

ނޯޓު: މިއީ އަރަބް ނިއުސްގައި އިސްރާ އަބޫ އުމަރު ލިޔެފައިވާ ރިޕޯޓެއްގެ ތަރުޖަމާއެކެވެ. ފަލަސްތީނުގައި މަންމައިންގެ ދުވަސް ފާހަގަކުރަމުން ކުރިން ގޮސްފައި ވަނީ މާރިޗް 21 ގައެވެ. މިއަދު އަޅުގަނޑުމެން މި ދުވަސް ފާހަގަކުރަމުން އަންނައިރު، އަޅުގަނޑުމެންގެ އުޚުތުންނާއި ކުދީންގެ މަތީން ހަނދާން ދެމެހެއްޓުމަށް މި ރިޕޯޓު ހިމަނާލީއެވެ. ޝައްކެތްވެސް ނެތްގޮތުގައި އަޅުގަނޑުމެންގެ ހެޔޮ ދުޢާތައް ވަނީ ފަލަސްތީނާއެކުއެވެ. ދުޢާއަކީ އަނިޔާވެރި ޖައްބާރު އިސްރާއީލާއި، ހުޅަނގުގެ މަދަދުގާރުންގެ ކިބައިން ފަލަސްތީނަށް މިނިވަން ނޭވާއެއްލެވޭނެ ދުވަހެއް ދެއްކެވުމެވެ. އެ އަޚުންނާއި އުޚުތުންނަށް އަމާންކަމާއި ސަލާމަތްތެރިކަން ލިބިފައިވާ ދުވަހެއް މިންވަރު ކުރެއްވުމެވެ. އާމީން!