އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް މަގާމުން ރިޓަޔާވެވަޑައިގަތުމަށް ހުށަހަޅުއްވައިފި އެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔާވެ ވަޑައިގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ މިއަދެވެ. ނަމަވެސް ރަސްމީކޮށް ރިޓަޔާވެ ވަޑައިގަންނަވާނީ ފަހުންނެވެ. އުއްތަމަ ފަނޑިޔާރު ރިޓަޔާވެ ވަޑައިގަތުމުން ކޮންމެ މަހަކު އިނާޔަތްތައް ލިބިވަޑައިގަންނަވާނެ އެވެ.

Ad
rt

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. އޭގެކުރިން އެމަނިކުފާނު ވަނީ 2010 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.

ދާދިފަހުން ބޭއްވި ރަސްމިއްޔާތެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނު އެ ހައިސިއްޔަތުން ރަސްމިއްޔާތަކުން އިތުރަށް ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރެއްވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހުސްނުއްސުއޫދު މަގާމުން ސަސްޕެންޑް ކޮށްފައި ވަނިކޮށް އޭނާ މިދިޔަ މަހު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާގެ ބަދަލުގައި ފަނޑިޔާރު ހުސައިން ޝަހީދު ވަނީ އެ މަގާމަށް އައްޔަން ކޮށްފަ އެވެ.