ދުނިޔޭގެ އެންމެބޮޑު އެއް ޓެކް ކުންފުނި އެޕަލްއިން އާންމުކޮށް ކޮންމެއަހަރަކު ނެރެމުން އަންނަ އައިފޯން ސީރީޒްތައް މަޑުޖައްސާލައި އެކުންފުނީގެ ފުރަތަމަ ފޯލްޑަބަލް އައިފޯނު 2026 ވަނަ އަހަރު ނެރުމަށް ރާވާފައިވާ ކަމަށް ޓެކް ރިޕޯޓެއްގައި ބުނެފިއެވެ.

"ދަ އިންފޮމޭޝަން"ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ފޯލްޑަބަލް އައިފޯނު ނެރުމާއެކު އެޕަލްއިން އައިފޯނު ނެރުމުގެ ތާވަލަށް ބަދަލުތަކެއް ގެންނާނެއެވެ. އެގޮތުން ފޯލްޑަބަލް އައިފޯނު ނެރޭނީ އައިފޯނު 18 ޕްރޯ އަދި "އެއަރ" މޮޑެލްތަކާ އެކުގައެވެ. އަދި އާންމު އައިފޯނު 18 ނެރުން ފަސްކުރެވި، 2027 ވަނަ އަހަރުގެ ފުރަތަމަ ބައިގައި އައިފޯނު 16އީގެ ފަހު މޮޑެލާ އެކު ނެރޭނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

Ad
rt

ފޯލްޑަބަލް އައިފޯނުގެ ސިފަތަކާ ބެހޭ ގޮތުން ރިޕޯޓުގައި ބުނެފައިވަނީ، އެއީ ފޮތެއް ފަދައިން ހުޅުވޭ ގޮތަށް ފަރުމާކުރެވޭ ފޯނެއް ކަމަށެވެ. ލައްޕާލައިފައި އޮންނައިރު 5.7 އިންޗީގެ ސްކްރީނެއް ހުންނާނެ ކަމަށާއި، ހުޅުވާލުމުން 8 އިންޗީއާ ގާތްކުރާ ސްކްރީނެއް ހުންނާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، އައިފޯނު 18 ޕްރޯ އަދި 18 ޕްރޯ މެކްސް މޮޑެލްތަކުގައި ސްކްރީނުގެ ދަށުން ފޭސް އައިޑީ ސެންސަރުތައް ހަރުކުރެވޭނެ ކަމަށާއި، ފްރަންޓް ކެމެރާއަށް ކުޑަ ތަންކޮޅެއް ފިޔަވައި އެހެން އެއްވެސް ކަޓް-އައުޓެއް ނުހުންނާނެ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެޕަލްއިން މި މަޢުލޫމާތުތައް ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވިނަމަވެސް، މި ރިޕޯޓުން ދައްކައިދެނީ ކުރިއަށް އޮތް އަހަރުތަކުގައި އެޕަލްގެ އައިފޯނު ސީރީޒްއަށް ގެނެވޭނެ ބޮޑެތި ބަދަލުތަކެއްގެ ކުރިމަގެވެ.