އއ. ބޮޑުފޮޅުދޫގައި ސްޓެލްކޯއިން ޤާއިމްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

މި އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއާއި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ އިތުރުން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމްއެވެ.

Ad
rt

މި ރަސްމިއްޔާތަށް ފަހު، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ ވިދާޅުވީ މިއީ ބޮޑުފޮޅުދޫ ރައްޔިތުންގެ ދުވަސްވީ އުއްމީދެއް ކަމަށެވެ. މިހާރު އެރަށުގައި އިންޖީނުގެ ސްކޫލާއި އިންވެގެން އިނުމުގެ ސަބަބުން ދަރިވަރުންނަށް ވަރަށް ބޮޑެތި ދަތިތަކެއްވާ ކަން ފާހަގަކުރައްވާ ޒަރީރު ވިދާޅުވީ، މިހާރު ހުރި އިންޖީނުގެ އަކީ ވަރަށް ޖާގަ ކުޑަ އިންޖީނުގެއެއް ކަމަށެވެ.

"މިއީ، ބޮޑުފޮޅުދޫ ރައްޔިތުންގެ ވަރަށް ދުވަސްވީ އުއްމީދެއް. ރައީސުލްޖުމްހުރިއްޔާ ވަޢުދުވެ ވަޑައިގެންފަ އޮތީ މެއި މަހުގެ ކުރިން ބިންގާ އަޅުއްވައިދޭނެކަމަށް،"

މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު

ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވީ، މިއީ ޒަމާންވީ ތަކުލީފަކަށް ނިމުން އައުމުގެ ފެށުން ކަމަށެވެ.

"މިއީ، ޒަމާންވީ ތަކުލީފަކަށް ނިމުން އައުމުގެ ފެށުން މީ. ރައީސުލްޖުމްހުރިއްޔާއަށާއި މި ދާއިރާގެ މެމްބަރު ކުރެއްވި މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެންގެ އުއްމީދަކީ އިންޖީނުގޭގެ އަމަލީ މަސައްކަތް އަވަހަށް ފެށުން،"

ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޮޑުފޮޅުދޫގައި އިންޖީނުގެއެއް އަޅައިދެއްވާނެކަމަށް ވައުދުވެ ވަޑައިގަތީ އެމަނިކުފާނުގެ ރާއްޖޭގެ ރަށްތަކަށް ކުރާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މި ދިޔަ އަހަރު ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އެރަށަށް ވަޑައިގެންނެވެ.