އަމިއްލަ ދަރިން ބަންދުކޮށް ބިރުދެއްކި ޖަރުމަނު ދެމަފިރިއަކު ހައްޔަރުކޮށް އެ ކުދިން ސަލާމަތްކޮށްފިއެވެ.
ސްޕެއިންގެ އުތުރުގައި އޮންނަ އޮވީޑޯ ސިޓީގައި ހުރި ގެއަކުން ތިން ކުދިން ސަލާމަތްކޮށްފައިވާއިރު، މި ކުދިން ސަލާމަތްކުރެވުނީ ބުދަ ދުވަހު ސްޕެއިންގެ ފުލުހުންގެ އޮޕަރޭޝަނެއްގައެވެ. ފުލުހުން މި ގެ ސިފަކޮށްފައިވަނީ "ނަރަކައެއް"ގެ ގޮތުގައެވެ.
ސްޕެއިންގެ ނޫހެއް ކަމުގައިވާ ލާ ނުއެވާ އެސްޕަނާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކުދިންނަކީ 8 އަހަރުގެ ދެ އަންހެން ކުއްޖަކާއި 10 އަހަރުގެ ފިރިހެން ކުއްޖެކެވެ. ފުލުހުންގެ ތަރުޖަމާނު ބުނެފައިވާ ގޮތުގައި މި ކުދިން ގޭގައި ބަންދުކޮށްފައި ތިބީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ.
ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް ފްރަންސިސްކޯ ޖަވިއަރ ލޮޒާނޯ ވިދާޅުވެފައިވަނީ މި ކުދިން ބަންދުކޮށްފައި ތިބި ގެއަކީ "ބިރުވެރިގެ" އެއް ކަމަށެވެ. ފުލުހުން ބުނާ ގޮތުގައި މި ގެ އޮތީ "ކުނިން ފުރިފައެވެ."
މި ކުދިންނަށް ގޭގެ ގޯތިތެރެއަށް ނުކުތުމުގެ ހުއްދައެއް ނުދޭކަމަށާއި، ގޭތެރޭގައި ނިދަނީ ގޮޅިތަކެއްގެ ތެރޭގައި ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި ބޭރު ދުނިޔެއާ އެއްވެސް ގުޅުމެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.
މައިންބަފައިން މި ކުދިންނަށް ޑައިޕަރާއި މޫނު މާސްކު އަޅުވާފައި ބޭތިއްބި ކަމަށާއި، ގިނަ އަދަދެއްގެ ބޭސް ގެއިން ފެނިފައިވާ ކަމަށްވެސް ލޯކަލް ނޫހަކުން ރިޕޯޓުކޮށްފައިވެއެވެ.
"ކުދިން ގެއިން ނެރުމާއެކު، ތިން ކުދިންވެސް ފުން ނޭވާއެއް ލީ، މީގެ ކުރިން އެއްވެސް އިރެއްގައި ސާފު ވައި ނުލިބުނު ހެންނެވެ،" ސްޕެއިންގެ އޮފިޝަލެއް ލާ ނުއެވާ އެސްޕަނާއަށް ބުނެފައިވެއެވެ.
މި މައްސަލާގައި ކުދިންގެ މައިންބަފައިން ހައްޔަރުކޮށް، ކުދިން ވަނީ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެހެންނަމަވެސް، މީގެ ކުރިން އަވަށްޓެރިއަކު ފުލުހުންނަށް މި މައްސަލަ ރިޕޯޓުކުރި ނަމަވެސް، އެކަމާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!