ހޫނު މަޑުކުރުމަށް ކަމަށްބުނެ އިންޑިއާގެ ދިއްލީ ޔުނިވަރސިޓީގެ ކޮލެޖު ކްލާސްރޫމެއްގައި ގެރިގުއި ހާކައިފިއެވެ.

ދިއްލީ ޔުނިވަރސިޓީގެ ލަކްޝްމީބާއީ ކޮލެޖުގެ ޕްރިންސިޕަލް، ޕްރަތްޔުޝް ވަތްސަލާ، ކްލާސްރޫމެއްގެ ފާރުގައި ގެރިގުއި ހާކަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވައިރަލް ވަމުންދާއިރު، މިއީ އިންޑިއާގެ ވެރިރަށް ދިއްލީގައި ކުރިމަތިވެފައިވާ ހޫނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއްގެ ކަމަށް އެ ޕްރިންސިޕަލް ވަނީ ބުނެފައެވެ.

Ad
rt

ޕްރިންސިޕަލް އަމިއްލައަށް ވަނީ މި ޢަމަލު ކުރަމުންދާ ވީޑިއޯއެއް ކޮލެޖުގެ މުދައްރިސުންގެ ގްރޫޕަށް ހިއްސާކޮށްފައެވެ. މި ވީޑިއޯގައި އޭނާ ކްލާސްރޫމުގެ ފާރުގައި ގެރިގުއި ހާކަމުންދާ މަންޒަރު ފެނެއެވެ. މިއީ އިންޑިއާގެ އާދަކާދައިގެ ތެރޭގައި ހިމެނޭ، އިމާރާތުގެ އެތެރޭގެ ފިނިހޫނުމިން ހިފެހެއްޓުމަށް ކުރާ ކަމެއް ކަމަށް ބައެއް މީހުން ޤަބޫލުކުރެއެވެ.

ޕްރިންސިޕަލް ވިދާޅުވި ގޮތުގައި މިއީ ކޮލެޖުގެ މުދައްރިސެއް ކުރިއަށްގެންދާ ދިރާސާއެއްގެ ބައެކެވެ. މި ދިރާސާގެ ނަމަކީ "އިންޑިއާގެ އާދަކާދައިގެ އިލްމު ބޭނުންކޮށްގެން ހޫނުގެ ސަބަބުން ކުރިމަތިވާ ދަތިތަކާ ކުރިމަތިލުމުގެ ދިރާސާ" އެވެ.

"މިއީ ދިރާސާގެ މަރުހަލާއެއްގައި އޮތް ކަމެއް. އަޅުގަނޑަށް މި ދިރާސާގެ ފުރިހަމަ ތަފްސީލު ހިއްސާކުރެވޭނީ ހަފްތާއެއްގެ ފަހުން. މި ދިރާސާ ކުރިއަށްދަނީ ޕޯޓަ ކެބިންތަކުގައި. އަޅުގަނޑު އަމިއްލައަށް އޭގެ އެއް ކެބިންގައި ގެރިގުއި ހޭކީ އެކަމުގައި އެއްވެސް ގެއްލުމެއް ނެތީމަ. ބައެއް މީހުން ފުރިހަމަ މަޢުލޫމާތު ނޭނގި ދޮގު މަޢުލޫމާތު ފަތުރަމުންދޭ،" ޕްރިންސިޕަލް ވިދާޅުވިއެވެ.

ވީޑިއޯގައި ވަތްސަލާ މުވައްޒަފުންގެ އެހީތެރިކަމާއެކު ފާރުގައި ގެރިގުއި ހާކަމުންދާ މަންޒަރު ފެނެއެވެ. އޭނާ މި ވީޑިއޯ ކޮލެޖުގެ މުދައްރިސުންގެ ގްރޫޕަށް ހިއްސާކުރުމަށްފަހު، އެ ވީޑިއޯ ސޯޝަލް މީޑިއާގައި ފެތުރިގެން ގޮސްފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ ސީ ބްލޮކްގެ ކްލާސްރޫމްތައް ފިނިކުރުމަށް އާދަކާދައިގެ ގޮތްތައް ބޭނުންކުރަމުންދާ ކަމަށެވެ.

"މި ތަނުގައި ކްލާސްތައް ނަގާ ފަރާތްތަކަށް ވަރަށް އަވަހަށް މި ކްލާސްރޫމްތައް އާ ސިފައެއްގައި ފެންނާނެ. ތިޔަ ބޭފުޅުންގެ ކިޔަވައިދިނުމުގެ ތަޖުރިބާ އުފާވެރި ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދޭ،" އޭނާ މެސެޖުގައި ލިޔުއްވާފައިވެއެވެ.