އެސްޓީއޯ އިން އަންނަ ފެބުރުއަރީ މަހު ލަންކާއަށް ތެޔޮ ވިއްކަން ފަށަނީ

An aerial view of oil tanks and the port of Funadhoo atoll and MalŽ atoll in the background, Maldives.

އެސްޓީއޯ އިން އަންނަ ފެބުރުއަރީ މަހު ސްރީލަންކާއަށް ތެޔޮ ވިއްކަން ފަށާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯ އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމްރު ވިދާޅުވީ ހަމައެކަނި ރާއްޖެއަށް ތެޔޮ އެތެރެ ކުރުމުގެ ބަދަލުގައި މިއަހަރު އަވަށްޓެރި ގައުމުތަކަށް ތެޔޮ ވިއްކަން ފަށާނެ ކަމަށެވެ.

"މިއަހަރު ތެރޭ ހަމައެކަނި ރާއްޖެއަށް ތެޔޮ އެތެރެ ކުރުމުގެ ބަދަލުގައި އެހެން އަވަށްޓެރި ގައުމުތަކަށް ތެޔޮ ވިއްކަން ފަށާނަން. އެގޮތުން ފެބްރުއަރީ މަހު ސްރީލަންކާއަށް ތެޔޮ ވިއްކަން ފަށާނަން،"

އަމްރު ވިދާޅުވިއެވެ.

"މިހާރު އޮތް ވަރަށް ވުރެ ބޮޑު ތެޔޮ ޓޭންކަރެއް މިއަހަރު ތެރޭގައި ގަންނަން. ހަކަތަ އުފައްދަން ބޭނުންވާ ތެޔޮ އެތެރެކުރާ އިރު ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަކަށް ލުއި ފަސޭހަވާނެ ގޮތަކަށް އެކަންކަން ކުރުން. އެގޮތުން މަތިން މިކަހަލަ އިންވެސްޓްމަންޓުތައް ކުރަމުން މިދަނީ. އަދި އޭގެ އިތުރުން ތެޔޮ އެތެރެކުރުމުގެ އިތުރުން ތެޔޮ ޑިސްޓްރިބިއުޓްވެސް ކުރަމުން މިދަނީ. އެހެން ކަމުން އެންމެ ފަސޭހަކޮށް، ލުއިކޮށް ރައްޔިތުންނަށް އެކަންކަން ފޯރުކޮށްދިނުމަށް ހަތަރު ބާޖެއް ބަންނަމުން މިދަނީ. މިއަންނަ އަހަރު ތެރޭގައި ބާޖު ލިބޭނެ." އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވިޔަސް ރާއްޖޭގައި ތެލުގެ އަގުތައް އެއްހަމައެއްގައި ބެހެއްޓުމަށް އެސްޓީއޯއިން މަސައްކަތް ކުރާނެކަމަށެވެ. އެގޮތުން މިދިޔަ އަހަރާއި މިއަހަރުވެސް މެދުއިރުމަތީގެ މައްސަލަތަކާއި އެހެނިހެން ބައެއް މައްސަލަތަކުގެ ސަބަބުން ބާޒާރުގައި ތެލުގެ އަގުތައް މައްޗަށްދިޔައިރުވެސް ރާއްޖޭގެ ބާޒާރުގައި ތެލުގައި އަގު ތިރިކުރެވުނުކަން އަމްރު ފާހަގަކުރެއްވިއެވެ.

އެސްޓީއޯއިން ތެލުގެ ވިޔަފާރިފުޅާކުރުމަށް ބޮޑު ޓޭންކަރެއް ގެނައުމުގެ މަސައްކަތްކުރަމުންދާއިރު، 2018 ވަނަ އަހަރު އެކުންފުނިން ވަނީ 25 ހާސް ޓަނުގެ ތެޔޮ ޓޭންކަރެއް ގަނެފައެވެ.

މީގެ އިތުރުން އެސްޓީއޯ އިން ގޭސް ސަޕްލައި ކުރުމުގެ ހިދުމަތް ފުޅާކޮށް ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ވެސް އަމްރު މައުލޫމާތުދެއްވިއެވެ. އަމްރު ވިދާޅުވީ ގދ. ތިނަދޫގައި ގޭސް ޕްލާންޓެއް އެޅުމުގެ މަސައްކަތް އެސްޓީއޯ އިން ކުރަމުން އަންނަ ކަމަށެވެ. އަދި ތިލަފުށީގައި މިހާރު ހިންގާ ގޭސް ޕްލާންޓުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މިހާދު ވިދާޅުވި ގޮތުގައި މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 68 ޕަސެންޓުގެ ކުރިއެރުމެކެވެ. މި ފައިދާ އެ ކުންފުންޏަށް ލިބުނީ އާއްމު ވިޔަފާރިތަކުން ލިބުނު ކުރިއެރުންތަކުގެ ސަބަބުން ކަމަށް މިހާދު ވިދާޅުވި އެވެ.

އެސްޓީއޯއިން މިއަދު ހާމަކުރި މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާ ރިޕޯޓު ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 358 މިލިއަން ރުފިޔާ އެވެ. އަދި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 537 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އެ ކުންފުންޏަށް މިދިޔަ އަހަރު ފައިދާވި ނަމަވެސް ވިޔަފާރި ކުރިއެރުމުގައި ދަތިތަކާ ކުރިމަތިވި ކަމަށެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ނަމަވެސް ރާއްޖޭގެ ބާޒާރުގައި އަގު ކުޑަ ހެޔޮކޮށް ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރި މަސައްކަތް ފާހަގަކުރެއްވި އެވެ.

އަމްރު ވަނީ މިއަހަރު ވެސް އެސްޓީއޯއަށާއި ރައްޔިތުންނަށް ފައިދާވާނެ ކަންތައްތައް އެ ކުންފުނިން ކުރިއަށްގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ކުންފުނިން މަސައްކަތްކުރާނީ ރައްޔިތުންނަށް ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި