އައިފޯނު އެމެރިކާގައި އުފައްދާނަމަ އަގު ތިން ގުނަ އިތުރުވެ 3،500 ޑޮލަރަށް އަރާނެ ކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ "ލިބަރޭޝަން ޑޭ" ގެ ނަމުގައި ދެއްވި ޚިޠާބެއްގައި، ދުނިޔޭގެ އެކި ހިސާބުތަކަށް ހީވެސް ނުކުރެވޭފަދަ ޓެރިފްތަކެއް ތަޢާރަފުކޮށް، "ވަޒީފާތަކާއި ފެކްޓަރީތައް އަނބުރާ އަންނާނެ" ކަމަށް ވިދާޅުވެފައެވެ.
މި އައު ޓެރިފްތަކާ ގުޅިގެން، އަންނައުނާއި އިލެކްޓްރޯނިކް ތަކެތީގެ އަގުތައް ބޮޑުތަނުން މައްޗަށް ދާނެކަމަށް ލަފާކުރެވޭއިރު، މީގެ އަސަރު އެމެރިކާގެ ރައްޔިތުންނަށް ކުރާނެކަމަށް ބެލެވެއެވެ. މިގޮތުން، ފާހަގަކޮށްލެވޭ ޓެކްނޮލޮޖީ ދާއިރާގެ ތަޙްލީލުވެރިއެއް ވަނީ، އައިފޯނު އެމެރިކާގައި އުފައްދަން ފަށައިފިނަމަ، އޭގެ އަގު 3,500 ޑޮލަރާ ހަމައަށް އަރައިދާނެކަމަށް ބުނެފައެވެ.
ރައީސް ޓްރަމްޕާއި އިޤްތިޞާދީ ވަޒީރުން ވިދާޅުވެފައިވަނީ، މި ޓެރިފްތަކުގެ ސަބަބުން ގިނަ އަދަދެއްގެ މެނުފެކްޗަރިންގ ވަޒީފާތައް އެމެރިކާއަށް އަނބުރާ އަންނާނެ ކަމަށާއި، މިލިއަނުން އެމެރިކާ ރައްޔިތުންނަށް ވަޒީފާ ލިބިގެންދާނެ ކަމަށެވެ.
ނަމަވެސް، ވެޑްބުޝް ސެކިއުރިޓީޒްގެ ގްލޯބަލް ހެޑް އޮފް ޓެކްނޮލޮޖީ ރިސަރޗް، ޑޭން އައިވްސް، ސީއެންއެންގެ އެރިން ބަރނެޓްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ މިއީ "ހިޔާލީ ވާހަކައެއް" ކަމަށެވެ.
"އެމެރިކާގައި އުފައްދާ އައިފޯނުތަކުގެ އަގު މިހާރުގެ އަގު ކަމުގައިވާ 1,000 ޑޮލަރުގެ ތިން ގުނައަށްވުރެ ބޮޑުވެގެންދާނެ. އެއީ މިހާރު އޭޝިއާގައި ޤާއިމުވެފައިވާ އުފެއްދުންތެރިކަމުގެ ނިޒާމު އެމެރިކާގައި ޤާއިމުކުރަން ޖެހޭނެތީ،" އޭނާ ވިދާޅުވިއެވެ.
"ވެސްޓް ވަރޖީނިއާ އަދި ނިއު ޖަރސީގައި ފެބް ޕްލާންޓްތައް އަޅައިގެން އެ ސަޕްލައި ޗެއިން އެމެރިކާގައި ޤާއިމުކޮށްފިނަމަ، އައިފޯނުގެ އަގު 3,500 ޑޮލަރަށް އަރާނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އެޕަލްގެ ސަޕްލައި ޗެއިންގެ 10 އިންސައްތަ އެމެރިކާއަށް ބަދަލުކުރުމަށް ވެސް 30 ބިލިއަން ޑޮލަރާއި ތިން އަހަރުދުވަސް ހޭދަވާނެ ކަމަށް އައިވްސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން އެޕަލްއިން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!