މި އަހަރުގެ ފިތުރު ޒަކާތައް ލިބުނު ފައިސާއިން ބައި މިލިއަން ރުފިޔާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ފޯރުކޮށްދީފިއެވެ.
މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި 13.3 މިލިޔަން ރުފިޔާލިބިފައިވާ އިރު އޭގެ ތެރެއިން ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މީގެ ތެރެއިން 500،000.00 ރުފިޔާގެ ކާބޯތަކެތި އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށް، މި އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް މިހާރު ވަނީ އެ ތަކެތި ފޯރުކޮށްދީފައެވެ.
2024 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޒަކާތު ފަންޑުން ޣައްޒާގެ ރައްޔުިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން 1 ލައްކަ ޑޮލަރުގެ އެހީއެއް ވެފައި ވާއިރު މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޣައްޒާގެ ރައްޔުތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ގޮތުންނެވެ. އޭރު މި މަޝްރޫޢު ކުރިއަށް ގެންދިޔައީ ޤަތަރު ރެޑްކްރެސެންޓް ސޮސައިޓީގެ ފަރާތުންނެވެ.
ސަރުކާރުން ވަނީ މި އަހަރުގެ ފިތުރު ޒަކާތް ފަގީރުންގެ ދަފްތަރުގައި ހިމެނޭހުރިހާ ފަރާތްތަކަށް އެއް ހަމައަކުން ބެހުމަށް ނިންމާފައެވެ. އެގޮތަށް ޒަކާތް ބެހުމަށް ނިނަމާފައިވަނީ ޒަކާތުގެ މަގުސަދުގައި ހިމެނޭ އިޖުތިމާއީ އަދާލަތު ގާއިމުކުރުމުގެ ގޮތުންކަމަށް އިސްލާމިކް މިނިސްޓާރު ޑރ މުހައްމަދު ޝަހީމް ވިދާޅުވެފައިވެއެވެ.
އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމާލާތަކަށް ހުއްޓުމެއް ނައިސް ޣައްޒާގައި ކޮންމެ ދުވަހަކު މި އަނިޔާވެރިންގެ އަތްދަށުން އެތަކެއް ބައެއް މަރުވަމުންދެއެވެ. 2.3 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގައި ކާބޯތަކެތި އެއްކޮށްހެން ހުސްވެ، ރައްޔިތުން ތިބީ ބަނޑުހައިހޫނުކަން މަތީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!